ރޭޕް ކޭސްތަކާއި ގުޅިގެން ކުރީގެ ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފްގެ ޝުއޫރުތައް ބަންޑުންކޮށްލައިފިއެވެ.
ޝިދާތާގެ ފޭސްބުކްގައި ލިޔުއްވާފައިވާ ޕޯސްޓެއްގައި ވިދާޅުވެފައި ވަނީ، އެ ކަމަނާގެ ވަޒީރުކަމުގައި ކުޑަކުދިންނާ އަންހެނުންނާއި އިންސާނީ ކަރާމާތާއި ގުޅުން ހުރި މައްސަލަތަކުގައި ވަޒީރު ޖަވާބުދާރީ ކުރުވުމުގައި ރައްޔިތުންގެ މަޖިލީހުގެ ޖެންޑަރ އެންޑް ހިއުމަން ރައިޓްސް ކޮމިޓީގެ މުގަރިރު ދެފައި އެއްތާ ނުޖަހާ ކަމަށެވެ. ރައްޔިތުންގެ މަޖިލިހުގެ ހިއުމަން ރައިޓްސް ކޮމިޓީގެ މުގައްރިރަކަށް ހުންނަވަނީ، ހިންނަވަރު ދާއިރާގެ މެމްބަރު ޖީހާން މަހްމޫދެވެ.
5 ފެބްރުއަރީގައި އޮތް ރައްޔިތުންގެ މަޖިލިސް ޖަލްސާގައި، މިފަދަ މައްސަލަތަކުގައި މެމްބަރުންގެ އުދާސްތަކާއި ރުޅިވެރިވެރިކަން ހިފެހެއްޓުމެއް ނެތި ބަންޑުންކޮށްލިތަން ފެނިގެން ދިޔަ ކަމަށާއި، އޭރު ކަން ބޮޑުވުން ފާޅުކުރި މައްސަލައިގައި ހިމެނޭ ޑިސެބިލިޓީ އެންބެސެޑަރު (އަހުމަދު ހިސާން) ވެސް މިހާރު ދޫވެފައިވާ ކަމަށެވެ.
މީގެ އިތުރުން ޝިދާތާ ވިދާޅުވީ، އެފަދަ އެތައް މަސައްލައެއް މައްސަލައަކަށް ނުވެ ހިނގައްޖެ ކަމަށާއި، މިހާރު އަޑު އިވެނީ ރޭޕްގެ މައްސަލައިގައި ތުހުމަތު ކުރެވޭ މީހާގެ ނުފޫޒުގެ ސަބަބުން ގާނޫނު އަރާ ހަމަ ނުކުރެވިގެން އުޅޭ ވާހަކަތައް ކަމަށެވެ. އަދި ޖިންސީ އަނިޔާ ކުރާ މީހުން ކުރާ އަމަލު ކުށަކަށް ނުވެގެން ދޫވެގެންދާ ވާހަކަ ކަމަށް ވެސް އެކަމަނާ ފާހަގަކުރެއްވިއެވެ.
ޝިދާތާ ވިދާޅުވީ އޭރު އެކަމަނާގެ އޮފީސް ދޮށުގަ މުޒާހިރާ ކުރި މީހުން މިއަދު ފެންނާކަށް ނެތް ކަމަށާއި، މީޑިއާ ތަކުގަ މި ވާހަކަތައް ކެކެނީ ވަރަށް ހޫނު މަޑުކޮށް ކަމަށެވެ. އަދި އިންސާނީ ހައްގުތަކަށް ވަކާލާތު ކުރާ މީހުން އެކަމަނާގެ އިސްތިއުފާއާ އެކު ނިދިފައިވާ ކަމަށް ވިދާޅުވިއެވެ. ޝިދާތާ މިހެން ވިދާޅުވި ނަމަވެސް، ރޭޕް ކުރުމާ ދެކޮޅަށް ހޯމަ ދުވަހު ޖެންޑަރ މިނިސްޓްރީ ދޮށަށް އެއްވުމަށް ވޮއިސް އޮފް ޗިލްޑްރެން ޖަމިއްޔާއިން ވަނީ ރާވާފައެވެ.
ޝިދާތާ ވިދާޅުވީ ހެޔޮ ނިޔަތުގައި އެދުވަހު ވެސް ތެދުވެ ތިބިނަމަ މިއަދު ވެސް އެމަންޒަރު އެގޮތަށް ފެނުނީސް ކަމަށާއި، މުޖުތަމައުގެ މިފަދަ މައްސަލަތަކަކީ ވަކި މީހަކު ފުނޑާލަން ނުވަތަ ސިޔާސީ ގޮތުން ހަމަލާދޭ ހަތިޔާރަކަށް ހަދައިގެން އުޅޭހާ ހިނދަކު ހަގީގީ ހެޔޮ ބަދަލެއް ނާންނާނެ ކަމަށެވެ. މިއަދު ވެސް ފެންނަނީ އޮޑީގެ މިސްރާބު ގޯހުން ގޯހަށް ދާތަން ކަމަށް ޝިދާތާ ވިދާޅުވިއެވެ.
މިއަހަރު ފެބްރުއަރީ މަހުގެ 06 ވަނަ ދުވަހު ޖެންޑާ މިނިސްޓަރު ކަމުގެ މަގާމުން ޝިދާތާ އިސްތިއުފާ ދެއްވީ ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމާއި ޖިންސީ އަނިޔާ ކުރުމުގެ މައްސަލަތައް އިންތިހާއަށް އިތުރުވެ، އަދި ޖެންޑަރ މިނިސްޓްރީގެ އިހުމާލުގެ ގިނަ މައްސަލަތަކެއް ފެންމަތިވެ، ޝިދާތާއަށް ގިނަ ބަޔެއްގެ ފާޑުކިއުން އަމާޒުވެފައި ވަނިކޮށެވެ. އަދި މަގާމުން އިސްތިއުފާ ދެއްވީ އެ ކަމަނާގެ އިތުބާރު ނެތްކަމުގެ މައްސަލައެއް މަޖިލީހަށް ހުށަހެޅުމަށް އެމްޑީޕީ ޕާލިމެންޓްރީ ގުރޫޕުން ނިންމައިފައިވަނިކޮށެވެ.
ޝިދާތާ ވިދާޅުވެފައިވަނީ ޖެންޑަރ މިނިސްޓަރުކަމުން އިސްތިޢުފާ ދެއްވީ އިހުމާލު އޮވެގެން ނޫން ކަމަށާއި، މަޤާމުގައި ހުންނެވި އިރު، މިނިސްޓްރީން ބޮޑެތި ކާމިޔާބީތަކެއް ހޯއްދަވާފައިވާނެކަމަށެވެ.
ޝިދާތާގެ ޝުއޫރުތައް ބަންޑުން ކޮށްލާފައި ވަނީ ހުޅުމާލެ ކައިރީ އަޅާފައި އޮތް ސަފާރީއަކަށް ދިޔަ ބިދޭސީ އަންހެނަކު ރޭޕް ކުރި މައްސަލަ ހޫނުވެފައި ވަނިކޮށެވެ. އަންހެން މީހާ ރޭޕް ކުރި ކަމަށް ތުހުމަތު ކުރެވެނީ ރައްޔިތުންގެ މަޖިލީހުގެ ޖެންޑަރ އެންޑް ހިއުމަން ރައިޓްސް ކޮމިޓީގެ މުޤަރިރު ހިންނަވަރު ދާއިރާގެ މެމްބަރު ޖީހާން މަހްމޫދުގެ ފިރިކަލުންނާއި، އޭނާގެ ގާތް ރައްޓެއްސެއް ކަމަށް ބުނެ، ސޯޝަލް މީޑިއާގައި އާންމުންގެ ބޮޑެތި ފާޑުކިޔުންތަކެއް ސަރުކާރަށާއި ވެރިކަން ކުރާ އެމްޑީޕީއަށް ވަނީ އަމާޒުވެފައެވެ.
އެގޮތުން، ސިޔާސީ ނުފޫޒު މައްސަލައިގެ ތެރެއަށް ވަދެ އެ މީހުން ދޫކޮށްލި ކަމަށް އެތައް ބަޔަކު ބުނަމުން އަންނަ އިރު، ފުލުހުން ބުނެފައި ވަނީ އެ މީހުން ދޫކޮށްލީ އެކަށީގެންވާ ވަރަށް ހެކި ނެތިގެން ކަމަށެވެ. ފުލުހުން މި މައްސަލައިގައި އަމަލުކޮށްފައިވާ ގޮތް ބެލުމަށް މަޖިލިހުގެ ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް ވަނީ ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނަށް މައްސަލަ ހުށައަޅާފައެވެ.
މި މައްސަލަ ދިރާސާ ކުރުމަށް ހޯމަ ދުވަހުގެ ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީގައި އެޖެންޑާ ކޮށްފައިވާ އިރު، އެ ބައްދަލުވުމުގައި މެމްބަރު ޖީހާން ބައިވެރިވެވަޑައި ނުގަންނަވާނެއެވެ. ޖީހާންގެ ބަދަލުގައި ކޮމިޓީގެ ޗެއާކަން ކުރައްވާނީ އެ ކޮމިޓީގެ ނައިބު މުޤައްރިރު އަދި ވައިކަރަދޫ ދާއިރާގެ މެމްބަރު ހުސައިން ޒިޔާދެވެ.