ކ. މާލެ
|
28 ޖޫން 2020 | އާދީއްތަ 13:08
ލާޒިއޯ އާއި ފިއޮރެންޓީނާ ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން ލާޒިއޯ މޮޅުވީ 2-1 ން
ލާޒިއޯ އާއި ފިއޮރެންޓީނާ ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން ލާޒިއޯ މޮޅުވީ 2-1 ން
ގެޓީ އިމޭޖަސް
އިޓާލިއަން ލީގު
ފިއޮރެންޓީނާ ބަލިކޮށް ލާޒިއޯއިން ޔުވެންޓަސްގެ ފަރަގު ކުޑަކޮށްފި
ފިއޮރެންޓީނާ އަތުން ލާޒިއޯ މޮޅުވީ 2-1 ން
ލާޒިއޯ ވަނީ ޔުވެންޓަސްއާ ހަތަރު ޕޮއިންޓަށް ގާތްކޮށްފައި

ފިއޮރެންޓީނާ ބަލިކޮށް ލާޒިއޯއިން އިޓާލިއަން ލީގުގެ އެއްވަނައިގައި އޮތް ޔުވެންޓަސްއާ ހަތަރު ޕޮއިންޓަށް ގާތްކޮށްފިއެވެ.

ލީގުގައި ހުކުރު ދުވަހުގެރޭ ލެއްޗޭ އަތުން 4-0 ން މޮޅުވެ ޔުވެންޓަސްއިން ވަނީ ލީގުގެ އެއްވަނައިގައި ހަތް ޕޮއިންޓުގެ ލީޑެއް ނަގާފައެވެ. އެކަމަކު ހޮނިހިރު ދުވަހުގެރޭ ފަހަތުން އަރައި 2-1 ން ފިއޮރެންޓީނާ ބަލިކޮށް ލާޒިއޯއިން ވަނީ ޔުވެންޓަސްގެ ފަރަގު ހަތަރު ޕޮއިންޓަށް ކުޑަކޮށްފައެވެ.

ލާޒިއޯގެ ދަނޑުގައި ހޮނިހިރު ދުވަހުގެރޭ ކުޅުނު މެޗުގައި ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ ފިއޮރެންޓީނާ އިންނެވެ. މި ލަނޑު މެޗުގެ 25 ވަނަ މިނެޓުގައި ކާމިޔާބުކުރީ ފްރާންސް ފޯވާޑް ފްރޭންކް ރިބެރީއެވެ.

މި މެޗުގައި ލާޒިއޯއިން ނަތީޖާ އެއްވަރުކުރީ މެޗުގެ 67 ވަނަ މިނެޓުގައެވެ. ލިބުނު ޕެނަލްޓީއަކުން ލާޒިއޯއަށް މި ލަނޑު ކާމިޔާބުކޮށްދިނީ ޗީރޯ އިމޮބިލޭއެވެ. މިއީ ލާޒިއޯގެ ފެލިއްޕޭ ކައިސޭޑޯއަށް ފިއޮރެންޓީނާގެ ގޯލްކީޕަރު ޑްރަގޮސްކީ ކުރި ފައުލަކަށް ދިން ޕެނަލްޓީއެކެވެ. މި މެޗުން ލާޒިއޯ މޮޅުވި ލަނޑު 82 ވަނަ މިނެޓުގައި ކާމިޔާބުކުރީ ލުއިސް އަލްބާޓޯއެވެ.

އަދި މެޗުގެ އިތުރު ވަގުތުގައި ފިއޮރެންޓީނާގެ ޑުއާން ލަހޮވީއަށް ވަނީ ސީދާ ރަތް ކާޑެއް ދައްކާފައެވެ. އަދި ރެފްރީއާ ޒުވާބުކުރުމުގެ ސަބަބުން ލާޒިއޯގެ ކޯޗު ސިމޯނީ އިންޒާގީވެސް ވަނީ ބެންޗުން ފޮނުވާލާފައެވެ.

މި ނަތީޖާއާއެކު ލާޒިއޯ ދެވަނައިގައި އޮތީ 28 މެޗުން 65 ޕޮއިންޓާއެކު އެވެ. ތާވަލުގެ އެއްވަނައިގައި އޮތް ޔުވެންޓަސްއަށް 28 މެޗުން ލިބިފައިވަނީ 69 ޕޮއިންޓެވެ. ތާވަލުގެ ތިންވަނައިގައި އޮތީ 27 މެޗުން 58 ޕޮއިންޓު ހޯދާފައިވާ އިންޓަ މިލާނެވެ. ލާޒިއޯ އަތުން ބަލިވި ފިއޮރެންޓީނާ އޮތީ 31 ޕޮއިންޓާއެކު ތާވަލުގެ 13 ވަނައިގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް