މެމްބަރުންގެ މާލީ ބަޔާން އަނބިން ނުވަތަ ފިރިން އަދި 18 އަހަރު ނުފުރޭ ދަރިންގެ މާލީ ބަޔާން ނުހިމެނޭގޮތުން، ރައްޔިތުންގެ މަޖިލީހުގެ ވެބްސައިޓްގައި ޝާއިއުކުރާގޮތަށް މަޖިލީހުގެ ގަވާއިދަށް ބަދަލު ގެނައުމަށް ޢާންމު ކޮމިޓީން ފާސްކޮށްފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 68 ވަނަ މާއްދާގެ ހ އާއި ރ އިސްލާހުކޮށްދިނުމަށް އެދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ހުށަހަޅުއްވާފައިވާތީ އެ އިސްލާހުތައް ދިރާސާކުރުމަށްފަހު ކޮމިޓީން ނިންމާފައިވަނީ ގަވާއިދުގެ 68 ވަނަ މާއްދާގެ ހ ގައި މަޖިލީހުގެ މެމްބަރުންގެ މުދަލާއި ފައިސާގެ ބަޔާން ނުވަތަ މާލީ ބަޔާން، އަނބިން/ފިރިން އަދި 18 އަހަރު ނުފުރޭ ދަރިންވެސް ހިމެނޭގޮތަށް ތައްޔާރުކޮށް ކޮންމެ މީލާދީ އަހަރެއްގެ އޮގަސްޓް މަހުގެ 31 ވަނަ ދުވަހުގެ ކުރިން އަމީން އާންމަށް ހުށަހަޅަންވާނެ ކަމަށެވެ.
އެމާއްދާގެ ރ އަށް ކޮމިޓީން ގެނައި ބަދަލަކީ 68 ވަނަ މާއްދާގެ ހ ގެ ދަށުން ހުށަހަޅާ މެމްބަރުންގެ މުދަލާއި ފައިސާގެ ބަޔާން ނުވަތަ މާލީ ބަޔާން، އަނބިން/ފިރިން އަދި 18 އަހަރު ނުފުރޭ ދަރިންގެ މާލީ ބަޔާން ނުހިމެނޭ ގޮތުން ރައްޔިތުންގެ މަޖިލީހުގެ ވެބްސައިޓްގައި ޝާއިއުކުރަންވާނެ ކަމަށެވެ.
މިހާރު މަޖިލީހުގެ ގަވާއިދުގެ 68 ވަނަ މާއްދާގެ ހ ގައި ބުނެފައިވަނީ މުދަލާއި ފައިސާގެ ބަޔާން ނުވަތަ މާލީ ބަޔާން ކޮންމެ މީލާދީ އަހަރެއްގެ އޮގަސްޓް މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް މަޖިލީހުގެ އަމީން އާންމަށް ހުށަހަޅަންވާނެ ކަމަށެވެ. އަދި 68 ވަނަ މާއްދާގެ ރ ގައި ބުނަނީ މަޖިލީހުގެ މެމްބަރުންގެ މުދަލާއި ފައިސާގެ ބަޔާން ނުވަތަ މާލީ ބަޔާން، އަނބިން/ފިރިން އަދި 18 އަހަރު ނުފުރޭ ދަރިންވެސް ހިމެނޭގޮތަށް، އަހަރަކު އެއްފަހަރު ތައްޔާރުކޮށް، މަޖިލީހުގެ އަމީން އާންމަށް ހުށަހަޅަންވާނެ އެވެ. އަދި އެ މުދަލާއި ފައިސާގެ ބަޔާން ނުވަތަ މާލީ ބަޔާން މަޖިލީހުގެ ވެބްސައިޓްގައި ޝާއިއުކުރަންވާނެ އެވެ.
މިކަން ދިރާސާކުރުމަށްފަހު ކޮމިޓީން އެކުލަވާލާފައިވާ ރިޕޯޓްގައި ބުނެފައިވަނީ މިއިސްލާހަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން އެންޓިކޮރަޕްޝަން ކޮމިޝަނާއި އޮޑިޓަރ ޖެނެރަލްގެ އޮފީސް އަދި ޓްރާންސް ޕޭރަންސީ މޯލްޑިވްސް އަށް ހުށަހަޅާ އެ އިދާރާތަކުން މިކަމުގައި ދެކޭގޮތުން ހޯދާފައިވާ ކަަމަށެވެ.
އެގޮތުން އޭސީސީން މިކަމުގައި ބުނެފައިވަނީ މާލީ ބަޔާން ހާމަކުރުމަކީ ރައްޔިތުންނަށާއި މަދަނީ މުޖުތަމަޢުއަށް ފާރަވެރިވުމުގެ ފުރުސަތު ފަހިވެގެންދާނެ ކަަމެއްކަމަށެވެ. ނަމަވެސް 18 އަހަރު ނުފުރޭ ދަރިންގެ މާލީ ބަޔާން ހުށަހަޅަންޖެހޭ ގޮތަށް އޮތްނަމަވެސް އެ މައުލޫމާތުތައް އާންމު ކުރުމަކީ އެކަމުގެ ސަބަބުން ފައިދާ އަށްވުރެ އޭގެ ގެއްލުން ބޮޑުވެދާނެ ކަންތައްތަކެއް ހިނގުމުގެ އިހުތިމާލް ބޮޑު ކަމެއްކަމަށް ކޮމިޝަނަށް ފާހަގަކުރެވޭ ކަމަށެވެ.
މިކަމުގައި ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން ބުނެފައިވަނީ ޤާނޫނު އަސާސީގެ 76 ވަނަ މާއްދާގެ ދަށުން މެމްބަރުން މާލީ ބަޔާން ހުށަހަޅަންޖެހެނީ އަމީން އާންމަށް ކަމަށެވެ. އެހެންނަމަވެސް އަމީން އާންމަކީ މިނިވަން މުސްތަގިއްލު މަގާމަކަށްނުވާތީ މެމްބަރުން ހުށަހަޅުއްވާ ބަޔާންތަކުގެ ޞައްހަކަން ކަށަވަރު ކުރުމަކީ ދަތިކަމެއްކަމަށް އެޖަމިއްޔާއިން ދެކޭކަމަށެވެ. އަދި އެޖަމިއްޔާއިން ދެކޭގޮތުގައި މާލީ ބަޔާން ހުށަހެޅުމުގެ އެންމެ ރަނގަޅު މިންގަނޑަކީ މެމްބަރުންގެ އަނބިން/ފިރިން އަދި 18 އަހަރު ނުފުރޭ ދަރިންގެ މާލީ ބަޔާން ހުށަހެޅުން ކަމަށާއި ނަމަވެސް މާލީ ބަޔާން ހުށަހެޅުމުގެ ޤާނޫނީ އޮނިގަނޑުގެ ބައިނަލްއަގްވާމީ އެންމެ ރަނގަޅު މިންގަނޑަށް ބަލާއިރު މާލީ ބަޔާން ހުށަހަޅަންޖެހޭ ފަރާތްތަކުގެ މާލީ ބަޔާނުގެ ތަފްސީލުތައް އާންމުކޮށް ފެންނަގޮތަށް ހުރުމަކީ ބަހުސް ކުރެވޭ ކަމެއްކަމަށް ފާހަގަކޮށްފައިވެ އެވެ. އެއީ ހުރިހާ މައުލޫމާތެއް އާންމުންނަށް ފެންނަގޮތަށް ހާމަކުރާނަމަ ޒާތީ މައުލޫމާތުތައް ހާމަވުމުގެ ފުރުސަތު ފަހިވެގެންދާތީ ކަމަށެވެ. އަދި ބައިނަލްއަގްވާމީ މިންގަނޑުތަކަށް ބަލާއިރު ބައެއް މައުލޫމާތުތައް އުނިކުރެވިދާނެކަމަށް ދެކޭކަމަށް ބުނެފައިވެ އެވެ.
މިކަމުގައި އޮޑިޓަރ ޖެނެރަލް އޮފީހުން ބުނެފައިވަނީ ޤާނޫނުތަކުން ދައުލަތުގެ އިސް ފަރާތްތަކުގެ މާލީ ބަޔާންތައް ހުށަހަޅުމަށް ލާޒިމްކޮށްފައިވަނީ އޮޑިޓަރ ޖެނެރަލްގެ އޮފީހަށް ކަމަށާއި މެމްބަރުންގެ މާލީ ބަޔާންތައް މަޖިލީހުން އާންމުކުރުން ލާޒިމްކުރުމުގެ ބަދަލުގައި އެ ބަޔާންތަކުގެ ޞައްހަކަމާމެދު އޮޑިޓަރ ޖެނެރަލްގެ ރަޢުޔު ހޯދުމަށް ފޮނުވާ އެބަޔާންތައް އޮޑިޓަރ ޖެނެރަލް އޮފީހުން ޗެކްކުރާގޮތަށް ބޭއްވުން މުހިންމުކަމަށް ބުނެފައިވެ އެވެ.