ކ. މާލެ
|
28 ޖޫން 2020 | އާދީއްތަ 00:48
ބަޔާންުން ލީގު އައްޑަނަ އުފުލާލަނީ: އެޓީމުން ވަނީ ޖެހިޖެހިގެން އަށްވަނަ ފަހަރަށް ޖަރުމަން ލީގުގެ ޗެމްޕިއަންކަން ހޯދާފައި
ބަޔާންުން ލީގު އައްޑަނަ އުފުލާލަނީ: އެޓީމުން ވަނީ ޖެހިޖެހިގެން އަށްވަނަ ފަހަރަށް ޖަރުމަން ލީގުގެ ޗެމްޕިއަންކަން ހޯދާފައި
ގެޓީ އިމޭޖަސް
ޖަރުމަން ލީގު
ބަޔާނުން ލީގު އައްޑަނަ އުފުލާލައިފި
ލީގުގެ ފަހު މެޗުން ބަޔާން މޮޅުވީ ވުލްފްސްބާގް އަތުން 4-0 ން
އެއްވަނައިގައި ބަޔާން އޮތީ 13 ޕޮއިންޓުގެ ލީޑަކާއެކު

ޖެހިޖެހިގެން އަށްވަނަ ފަހަރަށް ޖަރުމަން ލީގުގެ ޗެމްޕިއަންކަން ހޯދި ބަޔާން މިއުނިކުން ލީގުގެ އައްޑަނަ އުފުލާލައިފިއެވެ.

ބަޔާނުން ލީގު އައްޑަނަ އުފުލާލީ ފަހު މެޗުގައި ރަށުން ބޭރުގައި ވުލްފްސްބާގް އަތުން 4-0 ން މޮޅުވި މެޗަށްފަހުއެވެ.

މި ސީޒަނުގެ ޖަރުމަން ލީގިގެ ޗެމްޕިއަންކަން ބަޔާނުން ހޯދިއިރު، އެޓީމުން ވަނީ އިޓަލީގެ ޔުވެންޓަސްއިން ގާއިމުކޮށްފައިވާ ޔޫރަޕުގެ ރެކޯޑަކާ ހަމަކޮށްފައެވެ. ޔޫރަޕްގެ ގަދަ ފަސް ލީގުގެ ތެރެއިން ޖެހިޖެހިގެން އަށް ފަހަރު ލީގުގެ ޗެމްޕިއަންކަން ހޯދުމުގެ ރެކޯޑު އޮތީ މީގެކުރިން ޔުވެންޓަސްގެ އަތުގައި އެކަންޏެވެ. ބަޔާނަކީ އެ ރެކޯޑު ގާއިމްކުރި ދެވަނަ ޓީމެވެ.

ބަޔާނުން ލީގު ނިންމާލީ އެއްވަނައިގައި 13 ޕޮއިންޓުގެ ލީޑަކާއެކުއެވެ. އެޓީމު ތާވަލުގެ އެއްވަނައިގައި އޮތީ 34 މެޗުން 82 ޕޮއިންޓާއެކުއެވެ. ދެވަނައިގައި އޮތް ބޮރޫޝީއާ ޑޯޓްމުންޑަށް 34 މެޗުން ލިބިފައިވަނީ 69 ޕޮއިންޓެވެ.

ލީގުގައި ހޮނިހިރު ދުވަހުގެރޭ ބަޔާން މިއުނިކް ކުޅުނު މެޗުން އެޓީމު ފަސޭހަކަމާއެކު މޮޅުވިއިރު، މި މެޗުގެ ވަރަށް ކުރީކޮޅު އެޓީމުން ވަނީ ލީޑު ނަގާފައެވެ. މެޗުގެ ހަތަރުވަނަ މިނެޓުގައި ތޯމަސް މުލާގެ އެހީއާއެކު މި ލަނޑު ކާމިޔާބުކޮށްދިނީ ކިންގްސްލީ ކޯމަންއެވެ. އަދި މެޗުގެ 37 ވަނަ މިނެޓުގައި ކޯމަންގެ އެހީއާއެކު މިކޭލް ކިއުސަންސް ވަނީ ބަޔާނަށް ލީޑު ފުޅާކޮށްދީފައެވެ.

މެޗުގައި ވުލްފްސްބާގަށް އުނދަގޫތަކަކާ ކުރިމަތިލާން ޖެހުނީ މެޗުގެ 71 ވަނަ މިނެޓުގައި އެޓީމުގެ ޖޯސޫހާ ގިލަވޯގީއަށް ދެވަނަ ރީނދޫ ކާޑާއެކު ރަތް ކާޑު ދެއްކުމާ ގުޅިގެންނެވެ. ޖޯސޫހާ ގިލަވޯގީއަށް ދެވަނަ ރީނދޫ ކާޑާއެކު ރަތް ކާޑު ދެއްކީ ޕެނަލްޓީ އޭރިއާ ތެރެއިން ބަޔާންގެ މިކޭލް ކިއުސަންސްއަށް ކުރި ފައުލަކާ ގުޅިގެންނެވެ. މި ޕެނަލްޓީ ބަޔާނަށް ކާމިޔާބުކޮށްދިނީ މި ސީޒަނުގެ ޖަރުމަން ލީގުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ރޮބަޓް ލެވަންޑޯސްކީއެވެ. މިއީ މި ސީޒަނުގެ ޖަރުމަން ލީގުގައި ލެވަންޑޯސްކީ ކާމިޔާބުކުރި 34 ވަނަ ލަނޑެވެ.

މި މެޗުގައި ބަޔާންގެ ހަތަރުވަނަ ލަނޑު މެޗުގެ 79 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އިތުބާރު ފޯވާޑް މުލާއެވެ.

މޮޅަކާއެކު މި ސީޒަނުގެ ޖަރުމަން ލީގު ބަޔާނުން ނިންމާލިއިރު، ދެވަނައިގައި އޮތް ބޮރޫޝިއާ ޑޯޓްމުންޑް ވަނީ ފަހު މެޗުން ބަލިވެފައެވެ. ހޮނިހިރު ދުވަހުގެރޭ ކުޅުނު މި މެޗުން ޑޯޓްމުންޑް ބަލިވީ ހޮފެންހެއިމް އަތުން 4-0 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް