ކިޔަވައިގެން އަންނަ ދަރިވަރުންނަށް ވަޒީފާ ހޯދައިދިނުމުގައި ހުރިހާ މުއައްސަސާތައް ގުޅިގެން މަސައްކަތް ކުރަންޖެހޭ ކަމަށް މިނިސްޓަރ އޮފް ހަޔަރ އެޑިއުކޭޝަން ޑރ އިބްރާހިމް ހަސަން ވިދާޅުވެއްޖެއެވެ.
ރާއްޖެޓީވީގެ ފަލަސުރުޚީ ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ތަޢުލީމު ހާސިލުކޮށްގެން މާލެ އަންނަ ކުއްޖާއަށް ވަޒީފާ ހޯދުމުގައި ގިނަ ގޮންޖެހުންތަކާއި ކުރިމަތިލާންޖެހޭ ކަމަށެވެ.
ވަޒީފާ ދޭ ފަރާތްތަކުން އިސްކަން ދެނީ ތަޖުރިބާ ހުރި މީހަކަށް ވަޒީފާ ދިނުމަށްކަން ފާހަގަކޮށް މިނިސްޓަރު ވިދާޅުވީ، ކިޔަވައިގެން އަންނަ ކުއްޖާއަށް ވަޒީފާއެއް ހޯދައިގެން މެނުވީ ތަޖުރިބާ އެއް ނުލިބޭނެ ކަމަށެވެ. އަދި މުސްތަގުބަލުގައި ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ކިޔަވައިގެން އަންނަ ކުދިންނަށް ވަޒީފާ ހޯދައިދިނުމުގައި ހާއްސަ ރޯލެއް އަދާ ކުރަން ޖެހޭ ކަމަށްވެސް ވިދާޅުވިއެވެ.
މިސާލެއްގެ ގޮތުގައި، ކޮވިޑް-19ގެ ހާލަތާއި ގުޅިގެން ފަތުރުވެރިކަމުގެ ދާއިރާއިން މީހުން ބިނާކުރުމަށް ކުރަައްވާ މަސައްކަތް ފާހަގަކުރައްވަމުން މިނިސްޓަރު ވިދާޅުވީ، މި މަސައްކަތުގައި ސަރުކާރުގެ ކަމާބެހޭ ވުޒާރާތައް ގުޅިގެން މަސައްކަތް ކުރެއްވުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ.
އެގޮތުން ކޯހުގެ ތިއަރީ ބައި އޮންލައިންކޮށް ކުރިއަށް ގެންގޮސް، ޕްރެކްޓިކަލް ބައި ރިސޯޓުގައި ވަޒީފާ އަދާކުރާ މާހައުލުގައި އެ މަސައްކަތް ކުރާ ގޮތަށް މަޝްވަރާކުރައްވަމުން ގެންދަވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ފަތުރުވެރިކަމުގެ ދާއިރާގައި މީހުން ބިނާކުރުމަށްޓަކައި، ހާއްސަ މަސައްކަތްތަކެއް ކުރަން ފަށައިފިން. މި މަސައްކަތުގައި ވަރަށް މުހިންމު އެއް ބައެއް ސަރުކާރުގެ ކަމާބެހޭ ވުޒާރާތަކާއި ގުޅިގެން މަސައްކަތް ކުރުން. ޓުއަރިޒަމް މިނިސްޓްރީއާއި ކުރަމުން ދާ މަޝްވަރާތަކުގެ ވަރަށް ބޮޑު ފޯކަސްއެއް މިދެނީ ދަރިވަރުންނަށް ކޯސްތައް ހިންގާއިރު، ތިއަރީ ބައި އޮންލައިންކޮށް ޕްރެކްޓިކަލް ކޮމްޕޯނެންޓް ރިސޯޓަށް ގޮސް ރިސޯޓުގެ ވަޒީފާ އަދާކުރާ މާހައުލުގައި އޭނަ އެ މަސައްކަތް ކުރާ ގޮތަށް.މިނިސްޓަރ އޮފް ހަޔަރ އެޑިއުކޭޝަން ޑރ އިބްރާހިމް ހަސަން
ޕްރޮގުރާމުގައި އިތުރަށް ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ސަރުކާރުގެ ވިސްނުން އޮތީ ވަކި މަސައްކަތެއް ކުރަން އިކޮނޮމިކް މިނިސްޓްރީގެ ޖޮބް ސެންޓަރުގައި ރެޖިސްޓަރ ވެފައިވާނަމަ ބިދޭސީއަކަށް ރާއްޖެ އައިސް އެ މަސައްކަތް ކުރުމުގެ ކޯޓާ ނުދޭން ކަމަށެވެ.
މިނިސްޓަރު ވަނީ މިއީ މަތީ ތަޢުލީމު ހާސިލުކޮށް ރާއްޖެ އަންނަ ކުއްޖާއަށް ވަޒީފާގެ ފުރުސަތު އިތުރަށް ލިބިގެން ދާނެ ކަމެއްގެ ގޮތުގައި ސިފަކުރައްވާފައެވެ.