ކ. މާލެ
|
25 ޖޫން 2020 | ބުރާސްފަތި 23:34
މިދިޔަ އަހަރު ބޭއްފި އަންހެނުންގެ ފީފާ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ހޯދި އެމެރިކާ ޓީމުގެ ކުޅުންތެރިން ތަށި އުފުލާލަނީ
މިދިޔަ އަހަރު ބޭއްފި އަންހެނުންގެ ފީފާ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ހޯދި އެމެރިކާ ޓީމުގެ ކުޅުންތެރިން ތަށި އުފުލާލަނީ
ގެޓީ އިމޭޖަސް
އަންހެނުންގެ ވޯލްޑް ކަޕް
2023 ވަނަ އަަހަރުގެ އަންހެނުންގެ ވޯލްޑް ކަޕް އޮސްޓްރޭލިއާ އާއި ނިއުޒިލޭންޑްގައި
އަންހެނުންގެ ވޯލްޑް ކަޕް އޮންނާނީ 2023 ވަނަ އަހަރުގެ ހޫނު މޫސުމުގައި
އަންހެނުންގެ ވޯލްޑް ކަޕް ބާއްވަން ދެން ބިޑް ކޮށްފައިވަނީ ކޮލަމްބިއާއިން

2023 ވަނަ އަހަރުގެ ފީފާ އަންހެނުންގެ ވޯލްޑް ކަޕް އޮސްޓްރޭލިއާ އާއި ނިއުޒިލޭންޑްގައި ބޭއްވުމަށް ފީފާއިން ނިންމައިފިއެވެ.

32 ގައުމު ވާދަކުރާ 2023 ވަނަ އަހަރުގެ އަންހެނުންގެ ވޯލްޑް ކަޕް ބޭއްވުމަށް ބިޑް ކޮށްފައިވާ ގައުމުތަކުގެ މެދުގައި ވޯޓުލުން ކުރިއަށްދިޔައީ ބުރާސްފަތި ދުވަހެވެ.

އެންމެ ފުރަތަމަ އަންހެނުންގެ ވޯލްޑް ކަޕް ބޭއްވުމަށް ބިޑް ކުރީ ބްރެޒިލް، ކޮލަމްބިއާ، ޖަޕާން އަދި އޮސްޓްރޭލިއާ އާއި ނިއުޒިލޭންޑް (ޖޮއިންޓް ބިޑުގެ އުސޫލުން) ނެވެ. އެކަމަކު ފަހުން ބްރެޒިލް އާއި ޖަޕާނުން ވަނީ ބިޑް ނުކުރަން ނިންމާފައެވެ.

އެ ދެ ގައުމުން މުބާރާތަށް ބިޑް ނުކުރަން ނިންމީ ކޮރޯނާވައިރަސް (ކޮވިޑް-19) ގެ ސަބަބުން އެ ގައުމުތަކަށް ދިމާވެފައިވާ މާލީ ހާލަތުގެ ސަބަބުން، އަންހެނުންގެ ވޯލްޑް ކަޕަށް ބޮޑު ޚަރަދެއް ނުކުރެވޭނެތީއެވެ.

އެހެންކަމުން އޮސްޓްރޭލިއާ އާއި ނިއުޒިލޭންޑުން އަންހެނުންގެ ވޯލްޑް ކަޕްގެ ބިޑް ކާމިޔާބުކުރީ ކޮލަމްބިއާއާ ވާދަކޮށްގެންނެވެ. ފީފާ ކައުންސިލް މެމްބަރުންގެ މެދުގައި ބުރާސްފަތި ދުވަހު ނެގި ވޯޓުގައި އޮސްޓްރޭލިއާ އާއި ނިއުޒިލޭންޑަށް ވަނީ 22 ވޯޓު ލިބިފައެވެ. ކޮލަމްބިއާއަށް ލިބުނީ 13 ވޯޓެވެ.

ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ވިދާޅުވީ އަންހެނުންގެ ވޯލްޑް ކަޕްގެ ބިޑް ކާމިޔާބުކުރި އޮސްޓްރޭލިއާ އާއި ނިއުޒިލޭންޑަށް މަރުހަބާ ކިޔާ ކަމަށާއި، ވޯޓުލުމުގެ ކަންކަން ދިޔައީ ވަރަށް ވާދަވެރިކޮށް ކަމަށެވެ. އަދި 2023 ވަނަ އަހަރު އަންހެނުންގެ ވޯލްޑް ކަޕް ބާއްވާއިރު، ކުރިއަށް އޮތް ހަތަރު އަހަރުގެ ތެރޭގައި އަންހެނުންގެ މެދުގައި ފުޓްބޯޅަ އިތުރަށް ކުރިއެރުވުމަށް އެއް ބިލިއަން ޑޮލަރު ޚަރަދު ކުރާނެ ކަމަށްވެސް ވިދާޅުވިއެވެ.

2023 ވަނަ އަހަރު އޮސްޓްރޭލިއާއާއި ނިއުޒިލޭންޑްގައި އަންހެނުންގެ ވޯލްޑް ކަޕް އޮންނާނީ ޖުލައި އަދި އޮގްސްޓް މަހުގައެވެ. ދެ ގައުމުގެ މެދުގައި މުބާރާތް ބާއްވާއިރު، އޮސްޓްރޭލިއާއިން ވަނީ އެ ގައުމުގައި ކުޅޭ މެޗުތައް ބޭއްވުމަށް 8 ދަނޑެއް ހުށަހަޅާފައެވެ. އަދި ނިއުޒިލޭންޑުން ވަނީ 5 ދަނޑެއް ހުށަހަޅާފައެވެ.

އެންމެ ފަހުން މި މުބާރާތް ބޭއްވީ މިދިޔަ އަހަރު ފްރާންސްގައެވެ. އެފަހަރު މުބާރާތުގެ ޗެމްޕިއަންކަން ހޯދީ އެމެރިކާއިންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
- ކޮމެންޓް