އިންދިރާގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) އިން ކޮވިޑް-19އަށް ހަދަމުންދާ ޓެސްޓްތަކަށް ދުނިޔޭގެ ސިއްޚަތު ޖަމުޢިއްޔާ (ޑަބްލިއުއެޗްއޯ) އިން %100 ދީފިއެވެ.
އައިޖީއެމްއެޗުން ބުނީ ޑަބްލިއުއެޗްއޯއިން ކަނޑައަޅާ މިންގަނޑުތަކަށް ފެތޭތޯ ހިންގި ޕްރޮގްރާމުގައި އެ ޖަމިއްޔާއިން ފޮނުވާފައިވާ ކާކުކަން ނޭންގޭ ސާމްޕަލްތަކެއް އައިޖީއެމްގެ ލެބުން ޓެސްޓްކޮށް ނަތީޖާ ޑަބްލިއުއެޗްއޯއިން ގަބޫލުކުރާ މިންގަނޑަށް ފެތޭކަމަށް އެ ޖަމިއްޔާއިން ވަނީ ހާމަކޮށްފައެވެ.
އެހެންކަމުން އެ ހޮސްޕިޓަލުން ހަދަމުންދާ ޓެސްޓް ތަކަކީ ބައިނަލްއަޤްވާމީ މިންގަނޑުތަކަށް ފެތޭ ޓެސްޓްތަކެއް ކަން ވަނީ ކަށަވަރުކުރެވިފައެވެ.
ރާއްޖޭގައި ކޮވިޑަށް އެންމެ ފުރަތަމަ ޓެސްޓް ކުރަން ފަށާފައިވަނީ އައިޖީއެމްއެޗްގެ ލެބޯޓްރީގައެވެ.
އެ ހޮސްޕިޓަލުން ދަނީ ކޮވިޑަށް ޓެސްޓް ކުރުމުގެ މަސައްކަތް 24 ގަޑިއިރު ކުރިއަށް ގެންދަމުންނެވެ. މީގެ އިތުރުން ވެސް ކޮންމެ ދުވަހަކު އެތައް ހާސް ޓެސްޓް ތަކެއްގެ މަސައްކަތް އައިޖީއެމްއެޗްގެ ލެބޯޓްރީން ދަނީ ކުރިއަށް ގެންދަމުންނެވެ.