ކުރީގެ ނައިބް ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ޕީޕިއެމްއަށް ސޮއިކުރައްވައިފިއެވެ.
ޑރ. ޖަމީލް ޕީޕިއެމްއަށް ސޮއިކުރައްވާފައިވަނީ ބުރާސްފަތި ދުވަހުގެރޭ ބޭއްވި ހާއްސަ ހަފްލާގައެެވެ. ޕީޕީއެމްއާ ގުޅިވަޑައިގެންނެވުމާއި އެކު އެ ޕާޓީން ވަނީ އެމަނިކުފާނަށް އެޑްވައިޒަރު ކަމުގެ މަގާމު ދެއްވާފައެވެ. ޕީއެންސީގެ ނައިބް ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ސިފަކުރައްވި ގޮތުގައި ޖަމީލު އަލުން ޕީޕީއެމްއާ ގުޅިވަޑައިގެންނެވުމަކީ ''ކައިވެެނި ރުޖޫއަ'' ކުރުން ފަދަ ކަމެކެވެ.
''އަޅުަގަނޑު ދަންނަވާލަން އޮތީ މިއީ ކައިވެނި ރުޖޫއަކުރުމެކޭ.''
ޕީޕިއެމްގެ ކައުންސިލް މެމްބަރުން ވެސް ބައިވެރިވެ ވަޑައިގެންނެވި އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރައީސް ޔާމީންގެ ވަކީލުންގެ ޓީމްގައި ހިމެނިވަޑައިގަންނަވާ ޑރ. ޖަމީލް ވިދާޅުވީ، ފުރިހަމަކަމާއި އެކީ އަރާމު ކުރާނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނަވަންކޮށް 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު އެމަނިކުފާނު ހޯއްދަވައި ދެއްވުމަށް ފަހު ކަމަށެވެ.
ހުއްޓުމެއްނެތި ރައީސް ޔާމީނަށް ތައުރީފް ކުރައްވަމުން ޖަމީލް ވިދާޅުވީ، ރާއްޖެ ދަތުރުކުރަން ޖެހޭނީ ރައީސް ޔާމީންގެ މަންޒިލަށް ކަމަށާއި، އިގްތިސާދު ބައްޓަން ކުރަން ޖެހޭނީވެސް ރައީސް ޔާމީން ކޮށްޓެވި މަގުން ކަމަަށާއި، އަދި ތަރައްގީވެސް ބައްޓަން ކުރަން ޖެހޭނީ ރައީސް ޔާމީންގެ ތަސައްވުރާއި އެކު ކަމަށެވެ.
ޖަމީލް ވިދާޅުވި ގޮތުގައި ވެރިކަމަށް ރައީސް ޔާމީން ގެނައުމަށް މަސައްކަތްކުރައްވާ ސަބަބަކީ ރާއްޖޭގެ ޑީމޮކްރެސީ ބަޔަކު ނިކުމެ ހަލާކު ކުރާމުންދާތީއެވެ. ވެރިކަމުގައި އެމްޑީޕީ ހޭދަކުރާ ކޮންމެ ދުވަހަކީ ރާއްޖޭގެ ގާނޫނު އަސާސީ އަށް އޮތް ބޮޑު ބިރެއް ކަމަށް ވިިދާޅުވިއެވެ.
2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ރައީސް ޔާމީންގެ ރަނިން މޭޓުކަން ހުށައަޅުއްވައިފިއްޔާ ގަބޫލުކުރައްވާނެތޯ ރާއްޖެ.އެމްވީން ސުވާލު ކުރުމުން ޑރ. ޖަމީލް ވިދާޅުވީ، އެ ޕާޓީއާ ގުޅިވަޑައިގެންނެވީ ހާލަތު ބަދަލުކުރަން ކަމަށެވެ. އަދި އެއްވެސް ގޮތަކަށް ރަނިން މޭޓްކަން ހޯދުމުގެ ނިޔަތުގައެއް ނޫން ކަމަށެވެ.
ރައީސް ޔާމީނަށް ހުކުމް ކުރެމުގެ ކުރިން އެމަނިކުފާނު ވަނީ، ޕީޕީއެމް/ޕީއެންސީ އަށް ''މިނިކާ ބާޒުތައް'' ސަވާރުނުވުމަށް އިލްތިމާސް ކުރައްވާފައެވެ. ޖަމީލް އަކީ ރައީސް ޔާމީން ވިދާޅުވި ބާޒުތޯ ރާއްޖެ.އެމްވީން ސުވާލުކުރުމުން އަބްދުއްރަހީމް ވިދާޅުވީ، ޖަމީލް އަކީ ބާޒުނަމަ އިދިކޮޅަށް އެމަނިކުފާނު ސޮއިނުކުރައްވާނެ ކަމަށެވެ.