ކުރީގެ ނައިބް ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ޕީޕީއެމްއަށް މިރޭ ސޮއިކުރައްވާނެ ކަމުގެ މައުލޫމާތު ރާއްޖެ.އެމްވީއަށް ލިބިއްޖެއެވެ.
އިތުބާރު ހުރި ފަރާތަކުން ރާއްޖެ.އެމްވީއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ބުރާސްފަތި ދުވަހުގެރޭ ޕްރޮގްރެސިވް ކޯލިޝަނުން ބާއްވާ ޖަލްސާގައި ޑރ. ޖަމީލް އަލުން ޕީޕީއެމަށް ސޮއިކުރައްވާނެ ކަމަށެވެ.
އެ ޖަލްސާގައި ޑރ. ޖަމީލްއަށް ޕީޕީއެމްގެ އެޑްވައިޒަރުގެ މަގާމު ދެއްވުމަށް ނިންމާފައިވާ ކަމަށް ވެސް އޮފިޝަލް ވިދާޅުވިއެވެ. އެކަމާއި ގުޅޭ ގޮތުން ރާއްޖެ.އެމްވީން ޑރ. ޖަމީލް ގުޅާލުމުން ފޯނަށް ޖަވާބު ނުދެއްވާތީ މި ކަމުގެ ސައްހަކަން ޑރ. ޖަމީލް ފަރާތުން ކަށަވަރު ކުރެވިފައެއް ނުވެއެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަންކުރަން ކުރައްވާ މަސައްކަތްތަކަށް އިތުރު ވަގުތު ދިނުމަށް ބޭނުންވާތީ ޖުމްހޫރީ ޕާޓީގެ މެމްބަރުކަމުން ކުރީގެ ޑރ. ޖަމީލު އިސްތިއުފާ ދެއްވާފައިވަނީ މި އަހަރުގެ ކުރީކޮޅުއެވެ. ޑރ. ޖަމީލްއަކީ ރައީސް ޔާމީންގެ ވަކީލުންގެ ޓީމުގައި ވެސް ހިމެނިވަޑައިގަންނަވާ ބޭފުޅެކެވެ.
ރައީސް ޔާމީންގެ ދައުރުގައި އެންމެ ފުރަތަމަ ނައިބު ރައީސްކަން ކުރެއްވި ޑރ. ޖަމީލް އެ މަގާމުން ދުރުކުރެއްވުމުން ރައީސް ޔާމީންއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވިއެވެ. ނަމަވެސް، ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި އެމްޑީޕީއިން ހުރިހާ ގޮނޑިތަކަށް ވާދަކުރަން ނިންމި ހިސާބުން ޑރ. ޖަމީލް ވަނީ ކޯލިޝަން މަސައްކަތުން ވަރަށް ބޮޑަށް ފެޔަށް ޖެހިވަޑައިގެންފައެވެ. އަދި މިހާރުގެ ސަރުކާރަށް އެންމެ ބޮޑަށް ފާޑުވިދާޅުވާ އެއް ބޭފުޅަކީ ވެސް ޑރ. ޖަމީލެވެ.