ކ. މާލެ
|
25 ޖޫން 2020 | ބުރާސްފަތި 17:35
އޭބީއެސްއޭ ޕްރިމިއާޝިޕްގައި މީގެ ކުރިން ކުޅުނު މެޗެއްގެ ތެރެއިން
އޭބީއެސްއޭ ޕްރިމިއާޝިޕްގައި މީގެ ކުރިން ކުޅުނު މެޗެއްގެ ތެރެއިން
ގެޓީ އިމޭޖަސް
އޭބީއެސްއޭ ޕްރިމިއާޝިޕް އަލުން ފެށުން
ސައުތު އެފްރިކާގެ އެންމެ އަގުބޮޑު ފުޓްބޯޅަ ލީގު އަލުން ފެށުމުގެ ހުއްދަ ދީފި
ލީގު މެދުކަނޑާލީ މާޗު މަހުގެ ތެރޭގައި
ލީގުގައި ބާކީ ކުޅެން އޮތީ އެންމެ ނުވަ މެޗު

ސައުތު އެފްރިކާގައި ކުޅެމުން އަންނަ އެންމެ އަގުބޮޑު ފުޓްބޯޅަ ލީގު ކަމަށްވާ އޭބީއެސްއޭ ޕްރިމިއާޝިޕް އަލުން ފެށުމުގެ ހުއްދަ އެގައުމުގެ ސަރުކާރުން ދީފިއެވެ.

އޭބީއެސްއޭ ޕްރިމިއާޝިޕްގެ ކުޅުން ހުއްޓާލީ ކޮރޯނާވައިރަސް (ކޮވިޑް-19) ގެ ނުރައްކާ ބޮޑުވެ އެ ގައުމު ލޮކްޑައުން ކުރުމާއި ގުޅިގެން މާޗު މަހުގެ ތެރޭގައެވެ. އޭބީއެސްއޭ ޕްރިމިއާޝިޕްގެ އިތުރުން ރަގްބީއާއި ކްރިކެޓް ފަދަ ބޮޑެތި ކުޅިވަރުތައް ވެސް ވަނީ ހުއްޓިފައެވެ.

ސައުތު އެފްރިކާގެ ސަރުކާރުން ބުނީ ހުއްޓިފައިވާ ލީގު ފެށުމަށް ކްލަބުތަކުން ފަރިތަކުރުމުގެ ހުއްދަ މިހާރު ދީފައިވާނެ ކަމަށެވެ.

ލީގު ހުއްޓިފައިވާއިރު މި ލީގުގައި ބާކީ ކުޅެން އޮތީ އެންމެ ނުވަ މެޗެވެ. އެކަމަކު ފީފާއިން މި ސީޒަން ނިންމުމަށް ކަނޑައަޅައިފައިވާ ތާރީޚު ކަމަށްވާ ޖުލައި 31ށް ސީޒަން ނިންމުމާމެދު ހިޔާލު ތަފާތުވެފައިވާއިރު، ބޮޑަށް ބެލެވެނީ ސީޒަން އެ ތާރީޚަށްވުރެ ދިގު ދެމިގެންދާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ސައުތު އެފްރިކާއަށް ވެސް ކޮވިޑް-19 ގެ އަސަރު ކޮށްފައިވާއިރު، އެ ގައުމުން މިހާތަނަށް 100،000 ށްވުރެ ގިނަ މީހުން ކޮވިޑް-19ށް ޕޮޒިޓިވް ވެފައެވެ. އަދި މި ވައިރަސް ޖެހިގެން އެގައުމުން 2،205 މީހުން ވަނީ މަރުވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
- ކޮމެންޓް