މައްސަލައަކީ، އުމުރުން 16 އަހަރުގެ ކުޑަ އަންހެންކުއްޖަށް ބިރުދައްކައިގެން، އެކުއްޖާއާއި އާއިލާ ބްލެކްމެއިލްކޮށް، އެކުއްޖާ ރޭޕްކުރި މައްސަލައެވެ.
މައްސަލައިގައި ތުހުމަތު ކުރެވޭ ފަރާތަކީ، އުމުރުން 25 އަހަރުގެ ބ.ތުޅާދޫ، ހިޔާވަހި، އުނެއިސް އަހްމަދެވެ.
އޭނާ މި އަމަލު ހިންގުމުގެ ތުހުމަތުގައި ހައްޔަރުކުރީ މިދިޔަ މޭ މަހުގެ 28 ވަނަ ދުވަހެވެ. އޭގެ އަނެއް ދުވަހު އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ހާޒިރުކުރުމުން، ކްރިމިނަލް ކޯޓުން ވަނީ އޭނާގެ ބަންދަށް 15 ދުވަސް ޖަހާފައެވެ.
އޭގެ ފަހުން ޖޫން މަހުގެ 12 ވަނަ ދުވަހު ޝަރީއަތް ނިމެންދެން އުނެއިސް ބަންދުކޮށްދިނުމަށް ފުލުހުންގެ ފަރާތުން ކުރިމިނަލް ކޯޓުގައި އެދުމުން، ކޯޓުން އޭނާ ބަންދަށް ޖެހީ 10 ދުވަހުގެ މުއްދަތެކެވެ.
މިހެން މިކަން ހިނގާފައިވަނިކޮށް އަނެއްކާވެސް ބަންދުގެ މުއްދަތު އިތުރުކުރުމަށް ޖޫން 22 ވަނަ ދުވަހު ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން، ބަންދުގައި ބެހެއްޓޭނެ އެންމެ ދިގު މުއްދަތަކީ 15 ދުވަސް ކަމަށް ބުނެ އުނެއިސް ބަންދުން ދޫކުރުމަށް ކޯޓުން ހަމަ އެދުވަހު އަމުރުކުރި އެވެ.
ސުވާލަކީ، ހެއްކާ ގަރީނާ ހުރިކަން ކޯޓަށް އެނގޭ އިރުވެސް، މި ނުބައި އަމަލު ހިންގި ކަމަށް ތުހުމަތު ކުރެވޭ މީހާ ދޫކޮށްލަން ގާޒީއަށް ޖެހުނީ ކީއްވެހެއްޔެވެ؟
ކަން ހިނގާފައިވާ ގޮތް ގާނޫނީ ނަޒަރަކުން ދިރާސާ ކުރާއިރު، މިމައްސަލާގައި ފުރަތަމަވެސް މޯލްޑިވްސް ޕޮލިސް ސަރވިސް އިން އުނައިސް އަޙްމަދު ބަންދުގައި ބަހައްޓައިދިނުމަށް އެދިފައިވަނީ ސައްޙަ އިޖުރާޢަތުތަކެއްގެ މަތިންނެއް ނޫނެވެ. ޤާނޫނު ނަންބަރު 2016/12 (ޖިނާއީ އިޖުރާޢަތުގެ ޤާނޫނު) ގައިވެސް މިފަދަ މައްސަލަތަކުގައި ތުހުމަތުކުރެވޭ މީހުން ޝަރީޢަތް ނިމެންދެން ބަންދުކުރެވޭނެ އިޖުރާޢަތުތައް ބަޔާންކޮށްފައި އެބަހުއްޓެވެ. އަދި ޤާނޫނު ނަންބަރު 2009/12 (ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނު) ގައިވެސް މިފަދަ ކުށްތަކަށް ތުހުމަތުކުރެވޭ މީހުން ބަންދުގައި ބެހެއްޓޭނެ އިޖުރާޢަތުތައް ބަޔާންކޮށްފައި އެބަހުއްޓެވެ.
ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ މައްސަލަތަކީ އެމީހުން ދޫވެއްޖެނަމަ މުޅި މުޖްތަމަޢުގެ ސަލާމަތަށް އެކަމުގެ ސަބަބުން ނުރައްކާ ފޯރާނެ މީހުންކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު: 2019/HC-A/219 ޤަޟިއްޔާގައި ކަނޑައަޅާފައި އޮވެއެވެ. އެހެންކަމުން، އެފަދަ ތުހުމަތެއް ކުރެވޭ މީހުން، އެންމެ ފުރަތަމަ ހައްޔަރުކޮށްގެން ބަންދާމެދު ގޮތެއް ނިންމުމަށް ގެންދެވޭ މަޖިލީހުގައި (24 ގަޑިއިރު ތެރޭގައި ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޟިރުކުރާއިރު) އެމީހަކު ޝަރީޢަތް ނިމެންދެން ބަންދުގައި ބަހައްޓައިދިނުމަށް މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތުން އެދެންޖެހޭނެއެވެ. އަދި އެގޮތަށް އެންމެ ފުރަތަމަ މަޖިލީހުގައިސް ތުހުމަތުކުރެވޭ ވަރަށް ހެއްކާއެކު ހުށަހަޅައިފިނަމަ، އެމީހަކު ޝަރީޢަތް ނިމެންދެން ބަންދަށް ޖެހުން ފަނޑިޔާރުގެ މައްޗަށް ލާޒިމުވާކަން، ޖިނާއީ އިޖުރާޢަތުގެ ޤާނޫނުގެ 60 ވަނަ މާއްދާގެ (ށ) އަށް ބެލުމުން ސާފުކޮށް އެނގެއެވެ. މިގޮތަށް، ފުރަތަމަ ހައްޔަރުކޮށްގެން ބަންދާމެދު ގޮތެއް ނިންމުމަށް ގެންދެވޭ މަޖިލީހުގައި (24 ގަޑިއިރު ތެރޭގައި ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޟިރުކުރާއިރު) ޖިނާޢީ އިޖުރާޢަތުގެ 22 ވަނަ މާއްދާގައި ކަނޑައަޅާފައިވާ ބޮޑެތި ކުށްތައްނޫން އެހެން ކުށްތަކަށްވެސް ޝަރީޢަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް އެދެންޖެހޭނެއެވެ.
ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2019/HC-A/514 ޤަޟިއްޔާގައިވެސް ސާފުކޮށް ބަޔާންކޮށްފައިވަނީ، ބަންދާމެދު ގޮތެއް ނިންމުމަށް 24 ގަޑިއިރު ތެރޭގައި ފަނޑިޔާރެއްގެ ކުރިމައްޗަށް ފުރަތަމަ ޙާޟިރުކުރާއިރު، އެމީހެއްގެ މައްޗަށް ތުހުމަތުކުރެވޭ މިންވަރަށް ހެއްކާއި ޤަރީނާ ލިބިފައިވާނަމަ އަދި ޖިނާޢީ އިޖުރާޢަތުގެ ޤާނޫނުގެ 60 ވަނަ މާއްދާގެ (ށ) ގެ 1ން 4 ށް ބަޔާންކުރާ ޙާލަތުގެ ތެރެއިން ޙާލަތެއް އޮތްނަމަ، އެމީހަކު ޝަރީޢަތް ނިމެންދެން ބަންދުކުރަން ފުލުހުން އެދެން ޖެހޭނެކަމަށެވެ. އަދި އެނޫން ގޮތަކަށް ވަކި މުއްދަތަކަށް ނުވަތަ 15 ދުވަހަށް ބަންދުކުރުމަށް ފުލުހުން އެ އެދޭއެދުމަކީވެސް ރަނގަޅު ނޫން އިޖުރާޢަތެއްކަމަށް ހައިކޯޓުން ކަނޑައަޅާފައިވެއެވެ. އެހެންކަމުން، މިމައްސަލާގައި އުނައިސް އަޙްމަދު ހައްޔަރުކޮށް ބަންދާމެދު ގޮތެއް ނިންމުމަށް 24 ގަޑިއިރު ތެރޭގައި ފަނޑިޔާރުގެ ކުރިމައްޗަށް ހާޟިރުކުރުމަށްފަހު ޝަރީޢަތް ނިމެންދެން އޭނާ ބަންދުކުރުމަށް ނޭދި، 15 ދުވަހުގެ މުއްދަތަށް އޭނާ ބަންދުގައި ބަހައްޓައިދިނުމަށް އެދިފައި އެވަނީ ހައިކޯޓުގެ ޤަޟިއްޔާ އާ ކަނޑައެޅިގެން ޚިލާފަށެވެ.
ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު: 2019/HC-A/366 ޤަޟިއްޔާ މިހާރު އޮތް ގޮތުން، ޖިނާޢީ އިޖުރާޢަތުގެ 22 ވަނަ މާއްދާގައި ކަނޑައަޅާފައިވާ ބޮޑެތި ކުށްތަކުގައި ފިޔަވައި އެހެނިހެން ކުށްތަކުގައި، މުއްދަތު އިތުރު ނުކުރެވޭނެކަމަށް އަދި ބޮޑެތި ކުށް ނޫން އެހެން ކުށްތަކުގައި ކުށުގެ ތުހުމަތުގައި ބަންދުކުރެވޭނީ 15 (ފަނަރަ) ދުވަހަށް ކަމަށް ކަނޑައަޅާފައިވެއެވެ. މިކަމަކީ ދިވެހިރާއްޖޭގެ އެންމެންނަށްވެސް މިހާރު ސާފުކޮށް އެގެން އޮތްކަމެކެވެ. މޯލްޑިވްސް ޕޮލިސް ސަރިވސްފަދަ ޤާނޫނު ތަންފީޒު ކުރާ އިދާރާތަކަށް މިކަން އަދި މާބޮޑަށް އެނގެންޖެހޭނެ ކަމަށް ދެކެމެވެ. ހައިކޯޓުގެ އެ ނިންމުމަކީ އެންމެ ރަގަނޅު ނިންމުމެއް ކަމަށް ނުވާތީ، މި މައްސަލަ މިހާރު ވަނީ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކޮށްފައިކަން ފާހަގަކުރަމެވެ.
ޖިނާއީ އިޖުރާޢަތުގެ ޤާނޫނުގެ ދަށުން، މިފަދަ ކުށްތަކަށް ތުހުމަތުކުރެވޭ މީހުންގެ ބަންދުގެ މުއްދަތު 15 ދުވަހަށްވުރެ އިތުރު ނުކުރެވުނުނަމަވެސް، މޯލްޑިވްސް ޕޮލިސް ސަރވިސް އަށް ޤާނޫނު ނަންބަރު 2009/12 (ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނު) ގެ ދަށުން އެމީހަކު ބަންދުގައި ބަހައްޓަން އެދެވޭނެއެވެ. އެ ޤާނޫނުގައި ބަޔާންކުރާ އިޖުރާޢަތަކީ ޚާޢްސަ އިޖުރާއަތަކަށްއިރު، ޖިނާއީ އިޖުރާޢަތުގެ ޤާނޫނުގެ 212 ވަނަ މާއްދާގައިވެސް ބަޔާންކޮށްފައިވެއެވެ، ޚާއްސަ އިޖުރާޢަތުތައް ބަޔާންކޮށްފައިވާނަމަ ޚާޢްސަ އިޖުރާޢަތުތަކަށް އިސްކަން ދޭންޖެހޭނެ ކަމަށް ގަބޫލު ކުރެވެއެވެ.
ޤާނޫނު ނަންބަރު 2009/12 (ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނު) ގެ 30 ވަނަ މާއްދާގެ ދަށުން މޯލްޑިވްސް ޕޮލިސް ސަރވިސް އިން ޖެހެނީ ކޮމިޝަނަރ އޮފް ޕޮލިސް ސޮއިކޮށް، މިފަދަ ކުށްތަކަށް ތުހުމަތުކުރެވޭ މީހުން ޝަރީޢަތް ނިމެންދެން ބަންދުގައި ބަހައްޓައިދިނުމަށް އެދި ޕްރޮސިކިއުޓަރ ޖެނެރަލް އަށް ސިޓީ އެއް ފޮނުވުމަށެވެ. މި ސިޓީ ފޮނުވުމުން ޕްރޮސިކިއުޓަރ ޖެނެރަލް ބަލަންޖެހޭ ބެލުންތަކެއް ބެލުމަށްފަހު، ޕީޖީ އިން ކޯޓުގައި މި އެދެން ޖެހެނީ އެމީހަކު އެ ޤާނޫނުގެ ދަށުން ބަންދުގައި ބަހައްޓައިދިނުމަށެވެ. މާނައަކީ މިކަމުގައި ފުރަތަމަ ފިޔަވަޅު އަޅަން ޖެހޭ ފަރާތަކީ ފުލުސް އޮފީސް ކަމުގައި ވުމެވެ. އެގޮތުން އަޅަންޖެހޭ ފިޔަވަޅަކީ ކޮމިޝަނަރ އޮފް ޕޮލިސް ސޮއިކޮށް ޕީޖީ އަށް ސިޓީ ފޮނުވުމެވެ. މި ސިޓީ ފޮނުވުމުން ޕްރޮސިކިއުޓަރ ޖެނެރަލަށް އެމީހަކު ބަންދުގައި ބަހައްޓައިދިނުމަށް ކޯޓުގައި އެދުމަށް މަގުފަހިވެއެވެ. އަދި އޭގެ ފަހުން ކޯޓުންވެސް އެ ޤާނޫނުގެ ދަށުން މީހަކު ބަންދުކުރެވޭނީ މި އިޖުރާޢަތުތައް ފުރިހަމަވުމަށްފަހުގައެވެ.
ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2017/HC-A/193 ޤަޟިއްޔާގައި ކަނޑައަޅާފައި އޮތް ގޮތުން، ފުލުހުން ފުރިހަމަކުރަންޖެހޭ ކަންކަން ފުރިހަމަކޮށް ޕީޖީ އަށް ހުށަހެޅުމުން، އެ ހުށަހެޅުމުގެ މައްޗަށް ބިނާކޮށް ޕީޖީ އިން ކޯޓުގައި އެދިފިނަމަ، ޤާނޫނު ނަންބަރު 2009/12 ގެ ދަށުން އެމީހަކު ބަންދު ކުރެވިދާނެއެވެ.
އުނައިސް އަޙްމަދުގެ ބަންދާމެދު ގޮތެއް ނިންމުމުގެ އަމުރުގައިވެސް މައްސަލަ ބަލާ އިންވެސްޓިގޭޝަން އޮފިސަރ (އައިއޯ) ގާތުގައި، 2009/12 (ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނު) ދަށުން އޭނާ ބަންދުކުރުމަށް އެދިފައިނުވަނީ ކީއްވެތޯ ފަނޑިޔާރު ސުވާލު ކުރެއްވިކަން އެނގެން އެބައޮތެވެ. އޭގެ ޖަވާބުގައި އައިއޯ ބުނެފައިވާކަމަށް އޮންނަނީ އެއީ ހަމަޖެހޭ އުސޫލަކަށް ނުވާތީ، އެ ޤާނޫނުގެ ދަށުން ބަންދުކުރުމަށް އެދިފައި ނުވަނީ ކަމުގައެވެ. އައިއޯ އެހެން ބުނިކަމުގައި ވިޔަސް ފުރަތަމަ ފަހަރު ޖިނާއީ އިޖުރާޢަތުގެ ޤާނޫނުގެ ދަށުން ބަންދުކުރުމަށްފަހު ދެވަނަ ފަހަރު ޤާނޫނު ނަންބަރު 2009/12 ގައިވާ އިޖުރާއަތަށް ނުދެވޭނެކަމަކަށް ގާނޫނަކު ނެތެވެ. މީގެ ކުޑަ ދުވަސްކޮޅެއް ކުރިން ހިނގި 11 އަހަރުގެ ކުއްޖަކު ރޭޕްކުރި މައްސަލާގައިވެސް، ފުރަތަމަ ޖިނާއީ އިޖުރާޢަތުގެ ޤާނޫނުން 07 (ހަތް ދުވަސް) މުއްދަތު ޖަހާފައި، ދެން އޭގެ ފަހުން 2009/12 ގެ ދަށުން ބަންދަށް ޖަހާފައިވާކަން ފާހަގަ ކުރެވެއެވެ. އެހެންކަމުން، ޤާނޫނީ ގޮތުން ހަމަޖެހޭ ކަމެއް ނޫންކަމަށް ފުލުހުން ނުވަތަ އައިއޯ އަމިއްލަ އަށް ނިންމުމަކީ އެންމެ ރަގަނޅު ގޮތެއް ނޫނެވެ. ޚާއްސަކޮށް ކުޑަކުދިންގެ މިފަދަ މައްސަލަތަކުގައި، އައިއޯ އަކު އެގޮތައް އަމިއްލަ އަށް ގޮތް ނިންމަން ދޫކޮށްލުމަކީ އަދުލު އިންސާފާއި ދުރު ގޮތެކެވެ. ފުލުހުންނަށް ޤާނޫނު މާނަކޮށް ތަރުޖަމާކުރުމުގެ ބާރު ލިބިފައެއްނުވެއެވެ. ފުލުހުންނަށް ލިބިފައިވާ ބާރަކީ ޤާނޫނު ތަންފީޒް ކުރުމުގެ ބާރެވެ. ޤާނޫނުގައިވާ އެއްޗެއް ޤާނޫނުގައިވާ ސައްޙަ ގޮތަށް ސައްޙަ އިޖުރާޢަތުތަކާއި އެއްގޮތަށް ޢަމަލުކުރުން ފުލުހުންނަށް ވާޖިބުވާނެއެވެ.
22 ޖޫން 2020 ވަނަ ދުވަހު އުނައިސް އަޙްމަދު ބަންދުން ދޫކޮށްލުމަށްފަހު، 22 ޖޫން 2020 ދުވަހުގެ ރޭގަނޑުގެ ވަގުތެއްގައި އުނައިސް އަޙްމަދު އަލުން ހައްޔަރުކޮށްފައިވެއެވެ. މިގޮތުން ކުރިން ތުހުމަތުނުކުރާ ބައެއް ކުށްތައްވެސް ފަހުން ވަނީ ތުހުމަތުކޮށްފައެވެ. އޭގެ ތެރޭގައި ޝަހްސު އޮޅުވާލުމާއި މަކަރާއި ހިލާތް ހެދުމުގެ ތުހުމަތުވެސް އޭނާގެ މައްޗަށް ވަނީ ކޮށްފައެވެ. 22 ޖޫން 2020 ދުވަހުގެ ރޭގަނޑުގެ ވަގުތެއްގައި އުނައިސް އަޙްމަދު ހައްޔަރު ކުރުމަށްފަހު، ތުހުމަތުކުރެވޭ ފަރާތް 24 ގަޑިއިރުތެރޭގައި އެމީހެއްގެ ބަންދާމެދު ގޮތެއް ނިންމުމަށް ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޟިރުކުރުމުގެ ގޮތުން، 23 ޖޫން 2020 ދުވަހު އުނައިސް އަޙްމަދުގެ ބަންދާމެދު ގޮތެއް ނިންމުމަށް މޯލްޑިވްސް ޕޮލިސް ސަރވިސް އިން އެދިފައިވެއެވެ. މިގޮތުން، ފުރަތަމަ ބަންދާމެދު ގޮތެއް ނިންމުމަށް ބޭއްވޭ މަޖިލީހުގައި، އެމީހެއްގެ މައްޗަށް ތުހުމަތުކުރެވޭ މިންވަރަށް ހެއްކާއި ޤަރީނާ ލިބިފައިވާނަމަ އަދި ޤާނޫނު ނަންބަރު 2016/12 (ޖިނާއީ އިޖުރާޢަތުގެ ޤާނޫނު) 60 ވަނަ (ށ) ގެ 1ން 4ށް ބަޔާންކުރާ ޙާލަތުގެ ތެރެއިން ޙާލަތެއް އޮތްނަމަ، އެމީހަކު ޝަރީޢަތް ނިމެންދެން ބަންދުކުރުން ފަނޑިޔާރަށް ލާޒިމުވާކަން ޤާނޫނު ނަންބަރު 2016/12 (ޖިނާއީ އިޖުރާޢަތުގެ ޤާނޫނު) ގެ (ށ) އަށް ބެލުމުން ސާފުކޮށް އެނގެއެވެ.
އެހެން ކަމުން ކުރުކޮށް ދަންނަވާނަމަ، ކުޑަކުދިންނާމެދު ޖިންސީ ޢަމަލު ހިންގުމުގެ މައްސަލަތަކަށް ތުހުމަތުކުރެވޭ މީހުން ފުރަތަމަ ބަންދަށް ގެންދެވޭ ދުވަހު އެމީހަކު ޝަރީޢަތް ނިމެންދެން ބަންދުގައި ބަހައްޓަން ފުލުހުން ނޭދޭނަމަ، ފަހުން މި ނިންމި ހައިކޯޓުގެ ޤާޟިއްޔާގައިވާ ގޮތުން، ޖިނާއީ އިޖުރާޢަތުގެ ޤާނޫނުގެ ދަށުން އެ ފުރުސަތު ފުލުހުންނަށް ގެއްލިގެންދާނެއެވެ. ދެން ފުލުހުންނަށް އޮންނަ ފުރުސަތަކީ، ޤާނޫނު ނަންބަރު 2009/12 ގެ ދަށުން އެ ޤާނޫނުގެ 30 ވަނަ މާއްދާގައިވާ ގޮތަށް ސީޕީ ސިޓީއަކުން ޕީޖީ ގައި އެމީހަކު ބަންދުގައި ބެހެއްޓުމަށް އެދި، އަދި އޭގެ މައްޗަށް ބިނާކޮށް ޕީޖީ އިން ކޯޓުގައި އެދިގެން ޤާނޫނު ނަންބަރު 2009/12 ގެ ދަށުން އެމީހަކު ބަންދުގައި ބެހެއްޓުމެވެ. ޚާޢްސަ އިޖުރާޢަތު އޮއްވައި ފުލުހުން އެ އިޖުރާޢަތަށް ޢަމަލު ނުކުރާނަމަ، އަމަލު ނުކުރާ ޤާނޫނީ ސަބަބެއް ސާފުކޮށް ބުނެދެވެން ޖެހޭނެއެވެ.