އިންސާނީ ހައްގުތައް ކަށަވަރުކުރުކޮށް އިސްލާހު ކުރުމުގެ މަސައްކަތުގެ ތެރެއިން އެޓާނީ ޖެނަރަލް އޮފީހުން އިން ގާނޫނާ ގަވާއިދުތަކަށް ގެންނަން ޖެހޭ ބަދަލުތައް ގެންނަން ފަށާފައިވާ ކަަމަށް އެޓާނީ ޖެނެރަލް އިބްރާހިމް ރިއްފަތު ވިދާޅުވެއްޖެއެވެ.
އިންސާނީ ހައްގުތަކާ ބެހޭ މުހިންމު ދެ މުއާހަދާއެއް ދިވެހިރާއްޖެއިން ތަޞްދީގުކުރުމަށް ވަޒީރުންގެ މަޖިލީހުން ލަފާދެއްވާފައިވާތީ، އެކަމާމެދު ރައްޔިތުންގެ މަޖިލީހުގެ ލަފާފުޅަކަށް ހުށައެޅުއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ނިންމެވުމާ ގުޅިގެން އެޓާނީ ޖެނަރަލް ރިފްއަތު ވިދާޅުވީ އިންސާނީ ހައްގުގެ ކަންތައްތައް ހަރުދަނާކޮށް އެކަން ޕްރޮމޯޓު ކުރުމަށް ސަރުކާރުން ވެފައިވާ ވައުދާ އެއްގޮތަށް މަސައްކަތްތައް ކުރުމަށް އެއްބާރުލުން ދޭނެ ކަމަށެވެ.
އެގޮތުން އެކަންތައް އިސްލާހު ކުރުމުގެ މަސައްކަތުގެ ތެރެއިން އެޓާނީ ޖެނަރަލް އޮފީހުން ގާނޫނާ ގަވާއިދުތަކަށް ގެންނަން ޖެހޭ ބަދަލުތައް ގެންނަން ފަށާފައިވާ ކަަމަށް ރިފްއަތު ވިދާޅުވިއެވެ.
ބުދަ ދުވަހު ބޭއްވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި މަޝްވަރާ ކުރެއްވުމަށްފަހު ވަޒީރުންގެ ލަފާފުޅާއެކު ދިވެހިރާއްޖެއިން ތަޞްދީޤުކުރުމަށް ނިންމެވި 2 މުޢާހަދާއަކީ، އިންސާނީ ހައްޤުތައް ރައްކާތެރިކުރުމަށް ޤާއިމުކުރެވިފައިވާ ބައިނަލްއަޤްވާމީ މުޢާހަދާއެއް ކަމުގައިވާ "އޮޕްޝަނަލް ޕްރޮޓޮކޯލް ޓު ދަ އިންޓަރނޭޝަނަލް ކޮވެނަންޓް އޮން އިކޮނޮމިކް، ސޯޝަލް އެންޑް ކަލްޗަރަލް ރައިޓްސް (އޯޕީއައިސީއީއެސްސީއާރު)" އާއި "އިންޓަރނޭޝަނަލް ކޮންވެންޝަން ފޮރ ދަ ޕްރޮޓެކްޝަން އޮފް އޯލް ޕަރސަންސް ފްރޮމް އެންފޯސްޑް ޑިސަޕިއަރެންސް (ސީއީޑީ)" އާ ބެހޭ މުއާހަދާއެވެ.
"އޮޕްޝަނަލް ޕްރޮޓޮކޯލް ޓު ދަ އިންޓަރނޭޝަނަލް ކޮވެނަންޓް އޮން އިކޮނޮމިކް، ސޯޝަލް އެންޑް ކަލްޗަރަލް ރައިޓްސް (އޯޕީއައިސީއީއެސްސީއާރު)" މުޢާހަދާ އަކީ އިންޓަރނޭޝަނަލް ކޮވެނަންޓް އޮން އިކޮނޮމިކް، ސޯޝަލް އެންޑް ކަލްޗަރަލް ރައިޓްސް (އައިސީއީއެސްސީއާރު) ގެ ދަށުން ކަށަވަރުކޮށްދޭ އިޤްތިޞާދީ، އިޖްތިމާޢީ އަދި ޘަޤާފީ ޙައްޤުތަކާ ގުޅޭގޮތުން އައިސީއީއެސްސީއާރު ގެ ކޮމިޓީއަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ވަކި ވަކި ފަރުދުންނަށާއި ޖަމާޢަތްތަކަށް ލިއްބައިދޭ މުޢާޙަދާއެކެވެ. އިންސާނީ ޙައްޤުތައް ޙިމާޔަތްކޮށް ކުރިއެރުވުމަކީ ދިވެހިރާއްޖޭގެ ޚާރިޖީ ސިޔާސަތު އޭގެ މައްޗަށް ބިނާވެފައިވާ މުހިންމު އެއް އަސާސް ކަމުގައިވަތީ، އެންމެ ފުރިހަމަ މާނައިގައި އައި.ސީ.އީ.އެސް.ސީ.އާރު އަށް ޢަމަލުކުރުމަށްޓަކައި މިމުޢާޙަދާ ތަޞްދީޤު ކުރުމަކީ މުހިންމު ކަމެއް ކަމުގައި ވެސް މެންބަރުން ފާހަގަކުރައްވާފައިވެއެވެ.
އަދި "އިންޓަރނޭޝަނަލް ކޮންވެންޝަން ފޮރ ދަ ޕްރޮޓެކްޝަން އޮފް އޯލް ޕަރސަންސް ފްރޮމް އެންފޯސްޑް ޑިސަޕިއަރެންސް (ސީއީޑީ)" މުޢާހަދާ ތަޞްދީޤުކުރުމުން، ދިވެހިރާއްޖެއިން އިންސާނީ ޙައްޤުތައް ރައްކަތެރިކުރުމަށް ދޭ އަޙައްމިއްޔަތުކަން އިތުރަށް ހާމަވެ، ދިވެހިރާއްޖޭގެ އިޙްތިޞާޞްގައި ހިމެނޭ ފަރާތްތަކުގެ ކަމާބެހޭ ޙައްޤުތައް ރައްކާތެރިކުރުމަށް އިތުރު ބާރެއް ލިބިގެންދާނެއެވެ.