ކޮވިޑް-19ގެ މި ހާލަތާ ގުޅިގެން ފަތުރުވެރިކަމުގެ ސިނާއަތުން ޖުމްލަ 28 ފެސިލިޓީއެއް ނެޝަނަލް އެމަރޖެންސީ އޮޕަރޭޝަން ސެންޓަރަށް ދޫކުރެވިފައިވާ ކަމަށް ޓުއަރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެއެވެ.
ބުދަ ދުވަހުގެ ރޭ ނެޝަނަލް އެމަރޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)ގެ ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ ކޮވިޑް-19ގެ ބަލިމަޑުކަމުގެ ހާލަތުގައި ފަތުރުވެރިކަމުގެ ސިނާއަތުގެ ބޭފުޅުން ވެސް މި މަސައްކަތަށް ބޮޑު އެހީތެރިކަމާއި، އެއްބާރުލުމެއް ދެއްވި ކަމަށެވެ.
އެގޮތުން ޖުމްލަ 28 ފެސިލިޓީއެއް ފަތުރުވެރިކަމުގެ ސިނާއަތުން ދޫކުރެވިގެން ދިޔަ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މީގެ ތެރެއިން ތިން މަހުގެ މުއްދަތު ހަމަވެފައި ހުރި ތަންތަނާއި މިވަގުތުގެ ހާލަތަށް ބަލާ އޮޑިޓްތައް ހެދުމަށްފަހު ފެސިލީޓީތައް ފަތުރުވެރިކަމަށް ތައްޔާރު ކުރުމުގެ މަސައްކަތް ވެސް ކުރަމުންދާ ކަމަށް މިނިސްޓަރު އަލީ ވަހީދު ވިދާޅުވިއެވެ.
މިހާރު މީގެ ތެރެއިން ތިން މަހުގެ މުއްދަތު ހަމަވެފައި ހުރިތަންތަނާއި މިވަގުތުގެ ހާލަތަށް ބަލާ އޮޑިޓްތައް ހެދުމަށްފަހު އަލުން ފަތުރުވެރިކަމަށް ތައްޔާރު ކުރުމަށްޓަކައި މި ފެސިލީޓީތައް ވެސް އަލުން އަނބުރާ ފަތުރުވެރިކަމަށް ތައްޔާރު ކުރުމުގެ މަސައްކަތް ވެސް މިދަނީ ކުރަމުން. މިތަންތަން އަލުން އަނބުރާ ދޫކުރުމުގައި އަޅުގަނޑުމެންގެ އިންސްޕެކްޝަންތަކުގައި މިނިސްޓްރީ އޮފް ޓޫރިޒަމްގެ އިތުރުން މި ފެސިލިޓީތައް ބަލަހައްޓަން އިސްކޮށް ތިބި އެމްއެންޑީއެފް އަދި ފެސިލިޓީތައް ހިންގުމަށް މަސައްކަތް ކުރި އިދާރާކަމުގައިވާ އެންޑީއެމްއޭއާ ކޮންމެ މެނޭޖްމެންޓެއްގެ ފަރާތުން މި އޮޑިޓްތަކުގައި ބައިވެރިވާނެ.ޓުއަރިޒަމް މިނިސްޓަރު އަލީ ވަހީދު
ކޮވިޑް-19ގެ ހާލަތަށް ތައްޔާރުވެފައިވާކަން ފާހަގަކުރައްވައި މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ އިތުރު ސާރޖަކަށް ނުވަތަ މިހާރު ތައްޔާރުވެފައިވާ ހާލަތަށް ވެސް ދަތިނުވާނެ ގޮތަކަށް މަސައްކަތްތައް ތަރުތީބު ކުރެވިފައިވާ ކަމަށެވެ. އަދި މިނިސްޓްރީ އަބަދު ވެސް އޮންނާނީ ތައްޔާރަށް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ މިދިޔަ ދުވަސްތަކުގައި ރައީސް ސޯލިހުގެ ލަފާފުޅާއި އިރުޝާދުގެ ދަށުން ކުރެވުނު މަސައްކަތްތަކަށް ކާމިޔާބީތަކެއް ލިބިފައިވާ ކަމަށެވެ. އަދި ފަތުރުވެރިކަމުގެ ސިނާއަތުން ރައްޔިތުންނަށާއި، ގައުމަށް ނުހަނު ބޭނުން ޖެހުނު ހާލަތުގައި ދިން އެހީތެރިކަން މިނިސްޓަރު ވަނީ ފާހަގަކުރައްވާފައެވެ.