ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ފުލުހުންގެ މުއައްސަސާއަށް ސިޔާސީ ނުފޫޒު ފޯރުވަމުން ނުދާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީ (241 ކޮމިޓީ) ގެ މުޤައްރިރު އަދި ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.
ބުދަ ދުވަހު މަޖިލިސް އިދާރާގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަށް ޖަވާބު ދެއްވަމުން އަސްލަމް ވިދާޅުވީ، ފުލުހުންގެ މުއައްސަސާއާއި އެހެނިހެން މުއައްސަސާތަކަށްވެސް ދިމާވާ އެންމެ ބޮޑު ގޮންޖެހުމަކީ ސިޔާސީ ނުފޫޒް ފޯރުވުން ކަމަށް ޤަބޫލުފުޅު ކުރައްވާ ކަމަށެވެ. ނަމަވެސް މިހާރު މި ސަރުކާރުންވެސް އަދި ރައްޔިތުންގެ މަޖިލީހުންވެސް ފުލުހުންގެ މުއައްސަސާއަށް ނުފޫޒު ފޯރުވަމުން ނުދާނެ ކަމަށެވެ.
އަސްލަމް ވިދާޅުވީ މައްސަލައެއް ހިނގަމުންދާއިރު އެ މައްސަލައެއް ނިންމުމުގައި ލަސްތަކެއްވާނަމަ އެކަމާއި ގުޅޭ ގޮތުން ހުރި ދަތިތައް އޮޅުން ފިލުވައި އެކަމުގެ މައުލޫމާތު 241 ކޮމިޓީއަށް ހޯދުން އެއީ ސިޔާސީ ނުފޫޒް ފޯރުވުން ނޫން ކަމަށެވެ.
ފުލުހުންގެ ތެރެއަށް ނުފޫޒުފޯރުވުމަކީ ސިޔާސީ މީހަކު ނުވަތަ 241 ކޮމިޓީގެ މުޤައްރިރު ގުޅާފައި ފުލުސް ކޮމިޝަނަރު ކައިރީގައި މިވެނި މައްސަލައެއް ބަލާށޭ، މިކަން ތިހެން ނުކުރާށޭ، މިކަން ހުއްޓާށޭ، މި މައްސަލަ ނުބަލާށޭ އެއީ އަސްލުގައި ނުފޫޒު ފޯރުވުމަކީ، އެއްގޮތަކަށްވެސް އެކަން ކުރެވިގެން ނުވާނެހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް
ސިޔާސީ ނުފޫޒްގެ ބާރުގައި ފުލުހުންނަށް ފުލުހުންގެ މިނިވަންކަމާއި މުސްތަޤިއްލިކަން ނެތުން އެއީ ކުރީގައި ހިންގާފައިކަންތައް ތަކެއްކަން އަސްލަމް ފާހަގަ ކުރެއްވިއެވެ.
ފުލުހުންގެ ޚިދުމަތަކީ މުސްތަގިއްލުކަމާއި އެކު ދެވޭ ޚިދުމަތަކަށް ހެދުމަކީ މި ބިލްގެ އަމާޒެއް ކަމަށާއި ވުމާއި އެކު ފުލުހުންގެ އޮޕަރެޝަންސް ތަކުގެ ތެރެއަށް ސިޔާސީ ނުފޫޒް އެއްގޮތަކަށްވެސް ފޯރުވިގެން ނުވާނެ ކަން ފުލުހުންގެ ޚިދުމަތުގެ ބިލުން ކަށަވަރު ވެގެންދާނެ ކަމަށް އަސްލަމް ވިދާޅުވިއެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި ހުޅުމާލެ ދާއިރާގެ މެންބަރު އަލީ ނިޔާޒް ވިދާޅުވީ ފުލުހުންގެ ޚިދުމަތުގެ ބިލާއި ގުޅޭގޮތުން ބަހުސްގައި މެންބަރުން ވާހަކަ ދައްކަވާ ރާޤާއި ސްޓައިލަކީ އެބޭފުޅުން އަމިއްލަފުޅަށް ގެންގުޅުއްވާ ގޮތެއް ކަމަށާއި އެއީ އެބޭފުޅުން ހަމަ ތިއްބަވާފައި ދައްކަވާ ވާހަކަފުޅެއް ކަމަށް ޤަބޫލުކުރުން ރަނގަޅު ނުވާނެ ކަމަށެވެ.
މަޖިލިސް މެމްބަރުންނަކީ ރައްޔިތުން އިންތިޚާބު ކޮށްފައި ތިބޭ ރައްޔިތުންގެ މަންދޫބުން ކަމަށާއި އެބެފުޅުން ދައްކަވާ ވާހަކަތަކަކީ ރައްޔިތުންގެ އަޑު އައްސަވައިގެން ދައްކަވާ ވާހަކަތަކެއް ކަމަށެވެ. އަދި އެދައްކަވާ ވާހަކަތަކުގެ ޒިންމާ އެބޭފުޅަކު ނަންގަވާނެ ކަން ނިޔާޒް ފާހަގަ ކުރެއްވިއެވެ.
އަދި ޖުމްލަކޮށް މަޖިލީހުގެ ބަހުސްގައި ފުލުހުންނާއި ދިމާލަށް ހަޑިހުތުރުކޮށް ވާހަކަދެއްކެވި މަންޒަރު ފެނިވަޑައިގެންފައި ނުވާ ކަމަށާއި އެބޭފުޅެއްގެ އަމިއްލަ ތަޖުރިބާގެ އަލީގައި ދައްކަވާ ވާހަކަތަކަކީ މުޅި ރައްޔިތުންގެ މަޖިލީހުން ފުލުހުންގެ މުއައްސަސާއާއި މެދު ދެކޭގޮތް ކަމަށް ނިންމެވުން ރަނގަޅު ނޫން ކަމަށް ނިޔާޒް ވިދާޅުވިއެވެ.