ކ. މާލެ
|
9 އޭޕްރިލް 2017 | އާދީއްތަ 18:42
އެފްއޭއެމްގެ ޓެކްނިކަލް ޑައިރެކްޓަރު ވަންލީ (ވ) އަދި އެފްއޭއެމްގެ ރައީސް ބައްސާމް (ކ)
އެފްއޭއެމްގެ ޓެކްނިކަލް ޑައިރެކްޓަރު ވަންލީ (ވ) އަދި އެފްއޭއެމްގެ ރައީސް ބައްސާމް (ކ)
ރާއްޖެއެމްވީ
އެފްއޭއެމް
އެފްއޭއެމްގެ ޓެކްނިކަލް ޑައިރެކްޓަރުކަން ދެ އަހަރު ދުވަހަށް ވަންލީއާ ހަވާލުކޮށްފި
ވަންލީ ވަނީ ވީބީ ސްޕޯޓްސް ކުލަބަށް ދިވެހި ލީގު މިލްކު ކޮށްދީފައި
ވަންލީ އަކީ ރާއްޖޭގެ ފުޓުބޯޅަ ދަންނަ އަދި ތަޖުރިބާ ހުރި މީހެއް: ބައްސާމް
ދީފައިވާ މުއްދަތުގެ ކުރިން ޓާގެޓްތައް ފުރިހަމަކުރެވޭތޯ މަސައްކަތްކުރާނަން: ވަންލީ

ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ޓެކްނިކަލް ޑައިރެކްޓަރުގެ މަގާމު ވީބީ ސްޕޯޓްސް ކްލަބްގެ ކުރީގެ ކޯޗު ޖޭން ވަންލީއާ ހަވާލުކޮށްފި އެވެ.

އެފްއޭއެމް ހައުސްގައި ބޭއްވި ކުޑަ ހަފްލާއެއްގައި ވަންލީއާ ޓެކްނިކަލް ޑައިރެކްޓަރުކަން ހަވާލުކޮށްފައިވާއިރު، އޭނާ ސޮއިކޮށްފައިވަނީ ދެ އަހަރުދުވަހުގެ އެއްބަސްވުމެއްގައެވެ.

ރާއްޖޭގެ ފުޓުބޯޅަ ތަރައްގީ ކުރުމަށް އެފްއޭއެމް އިން ވަނީ މިދިޔަ އަހަރު ބޭރުން ޓެކްނިކަލް ޑައިރެކްޓަރެއް ގެންނަން މަސައްކަތްކޮށްފައެވެ. އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލު ވިދާޅުވީ، ވަންލީ އަކީ ރާއްޖޭގެ ފުޓުބޯޅަ ދަންނަ އަދި ތަޖުރިބާ ހުރި މީހެއް ކަމަށެވެ.

އެއްބަސްވުމުގައި ސޮއިކުރުމަށްފަހު ވަންލީ ބުނީ އެފްއޭއެމް އިން އޭނާއާ ޓާގެޓްތަކެއް ހަވާލުކޮށްފައިވާ ކަމަށާއި، ދީފައިވާ މުއްދަތުގެ ކުރިން އެ ޓާގެޓްތައް ފުރިހަމަކުރެވޭތޯ މަސައްކަތް ކުރާނެ ކަމަށެވެ.

ވަންލީ ބުނީ ތިން އަހަރު ދުވަހުގެ މެދުކެނޑުމަކަށްފަހު އޭނާ ރާއްޖެ އެނބުރި އައިސްފައިވާއިރު، ރާއްޖޭގެ ފުޓުބޯޅަ ކުރިއަރާފައިވާ ކަމަށް ބެލެވޭ ކަމަށާއި، ކުޅުމުގެ ސްޓައިލަށްވެސް ބަދަލުތަކެއް އައިސްފައިވާ ކަމަށެވެ. އެހެންނަމަވެސް އޭނާ ބުނީ އަދިވެސް ރަނގަޅުކުރެވޭނެ ކަންތައްތައް އެބަހުރި ކަމަށާއި، އެކަންތައްތައް ރަނގަޅުކުރުމަށް އޭނާ މަސައްކަތްކުރާނެ ކަމަށެވެ.

ބައްސާމް ވިދާޅުވީ، ވަންލީއާ ހަވާލުކުރި މަސައްކަތްތަކުގެ ތެރޭގައި ގްރާސްރޫޓް ލެވެލް ވަރުގަދަކުރުން ހިމެނޭ ކަމަށާއި އަދި ކްލަބްތަކާ ގުޅިގެން މަސައްކަތްކުރުންވެސް ހިމެނޭ ކަމަށެވެ. އެގޮތުން ވަންލީގެ ތަޖުރިބާ ބޭނުންކޮށްގެން އެފްއޭއެމް އަށް ގިނަ ފައިދާތަކެއް ކުރާނެ ކަމަށެވެ.

އެފްއޭއެމްގެ ޖެނެރަލް ސެކެޓްރީ ހުސެއިން ޖަވާޒް ވިދާޅުވީ، ވަންލީ މަގާމާ ހަވާލުވުމާއެކު އެފްއޭއެމްގެ ކަލަންޑަރުތައް، ފުޓުބޯޅަ ސީޒަން އަދި ކުޅުންތެރިން ޓެކްނިކަލީ ވަރުގަދަވެގެންދާތަން ފެނިގެންދާނެ ކަމަށާއި، މިއީ ވަރަށް ބޮޑު ފަސޭހައެއް ކަމަށެވެ.

ވަންލީ ވަނީ މީގެ ކުރިން ވީބީ ސްޕޯޓްސް ކުލަބަށްވެސް ކޯޗުކަން ކޮށްދީފައެވެ. އެގޮތުން އޭނާ ވަނީ ވީބީ ސްޕޯޓްސް ކުލަބަށް ދިވެހި ލީގު މިލްކު ކޮށްދީފަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަހުމަދު ފައިރޫޒު
- ކޮމެންޓް