ކޮވިޑް-19 ގެ ސަބަބުން ހ.ދ ނޭކުރެންދޫގައި ޖަލު އެޅުމުގެ މަޝްރޫއު އަލުން މުރާޖާ ކުރަންޖެހިފައިވާ ކަމަށް މިނިސްޓަރ އޮފް ހޯމް އެފެއާޒް އައްޝައިޚް ޢިމްރާން ޢަބްދުﷲ ވިދާޅުވެއްޖެއެވެ.
މިނިސްޓަރ މިހެން ވިދާޅުވީ ބުދަ ދުވަހުގެ މަޖިލީހުގެ ޖަލްސާގައި މަކުނުދޫ ދާއިރާގެ މެމްބަރު މުހައްމަދު ރާއީ ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުންނެވެ. މެމްބަރު ކުރެއްވި ސުވާލަކީ ޑޮމެސްޓިކް ބަޖެޓުން 17.4 މިލިއަން ރުފިޔާ ކަނޑައަޅާ، ހދ. ނޭކުރަންދޫގައި އެޅުމަށް ހަމަޖެހިފައިވާ ޖަލުގެ މަސައްކަތް ގޮސްފައިވާ ހިސާބަކީ ކޮބައިތޯއާ މިކަމުގެ ޢަމަލީ މަސައްކަތް ފެށޭވަރު ވާނީ މިއަހަރުގެ ކިހާ ހިސާބެއްގައިތޯއެވެ.
މިސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރ ވިދާޅުވީ ކޮވިޑް-19 އާއި ގުޅިގެން އެ ޖަލުގެ މަސައްކަތް މިހާރު މަޑުޖެހިފައިވާ ކަމަށެވެ.
ނޭކުރެންދޫގައި ޖަލު އެޅުމުގެ މަސައްކަތް ގޮސްފައިވާ ހިސާބު ތަފްސީލު ކޮށްދެއްވަމުން މިނިސްޓަރ ވިދާޅުވީ މިދިޔަ އަހަރު ނޭކުރެން ދޫއަށް ޒިޔާރާތްކޮށް ބިމުގެ ހާލަތު ބަލާ، ރަށުގެ ކައުންސިލާއެކު މަޝްވަރާ ކޮށްފައިވާނެ ކަމަށެވެ. އަދި މިއަހަރު ފެށިގެން އައިއިރު މުޅި މަސައްކަތް ކުރިއަށް ގެންދާނެ ގޮތް ރައީސް އޮފީހާއި ހިއްސާ ކޮށްފައިވާނެ ކަމަށެވެ. އަދި ފެބްރުއަރީ މަހުގެ ތެރޭގައި އެތަނުގެ އެންވަޔަރަމެންޓް އެސެސްމެންޓެއް ހެދުމުގެ މަސައްކަތް ފެށުނު ކަމަށާއި އީއައިއޭ ހެދުމަށް ބިޑު ކުރެވޭ ހިސާބަށް މަސައްކަތްކޮށްފައިވާނެ ކަމަށެވެ. އެހެންނަމަވެސް މައުލޫމާތު ސާފުކުރުމާއި ހިސާބަށް ދިޔައިރު ކޮވިޑް-19 އާއި ގުޅިގެން މަސައްކަތްތަކަށް މަޑުޖެހުމެއް އައިސްފައިވާ ކަމަށް ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވީ ކުރިން ރާވާފައިވަނީ ޖުލައި މަހުގެ ތެރޭގައި އަމަލީ މަސައްކަތް ފެށޭ ހިސާބަށް ގެންދިއުމަށް ކަމަށެވެ. އެހެންނަމަވެސް ކޮވިޑް-19 ގެ ސަބަބުން މިހާރު މި މަޝްރޫއު އަލުން މުރާޖައާ ކުރަންޖެހިފައިވާ ކަން ފާހަގަކުރައްވާ މިނިސްޓަރ ވިދާޅުވީ މުރާޖައާ ކުރުމަށްފަހު ދައުލަތުގެ ބަޖެޓުގެ ކެރި ފޯރިންތެރިކަން ހުރި މިންވަރަކުން މި އަހަރުވެސް އަމަލީ މަސައްކަތް ފެށުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.
ކޮވިޑް-19 ގެ ސަބަބުން މިހާރު ވަނީ މަޝްރޫއު އަލުން މުރާޖައާ ކުރަންޖެހިފައި. އެހެންވީމާ މި މުރާޖައާ ކުރުމަށްފަހު ދައުލަތުގެ ބަޖެޓުގެ ކެރި ފޯރިންތެރިކަން ހުރި މިންވަރަކުން އިރާދަކުރެއްވިއްޔާ މި މަސައްކަތް މިއަހަރުވެސް ފެށޭތޯ ބަލާނަން. އަޅުގަނޑުމެން ވިސްނާފައި އޮތީ މިޖަލަކީ އިރާދަކުރެއްވިއްޔާ އެއްއަހަރު ދުވަހުގެ ތެރޭގައި މަސައްކަތް ފެށޭތާ އެއް އަހަރު ދުވަހުގެ ތެރޭގައި އެޅި، އެތަނަށް މީހުން ކޮންމެވެސް ވަރަކަށް ބަދަލުކުރެވޭނެ ތަނަކަށް ހެދުމަށް.މިނިސްޓަރ އޮފް ހޯމް އެފެއާޒް އައްޝައިޚް ޢިމްރާން ޢަބްދުﷲ
މިނިސްޓަރ ވިދާޅުވީ އެތަނަށް ބަދަލުކުރެވޭ ފަރާތްތަށް ރިހިބިލިޓޭޓް ކުރުމަށް ވޮކޭޝަނަލް ޓްރެއިނިންގް ދިނުމުގެ އިންތިޒާމް ހަމަޖެހޭ ފަދަ ގޮތަކަށް ޖަލު ބިނާ ކުރުމަށްޓަކައި ޔުނައިޓެޑް ނޭޝަން އޮފިސް އޮން ޑްރަގް އެންޑް ކްރައިމް (ޔޫއެންއޯޑީސީ) ގެ އެހީތެރިކަމާއެކު އެ ޖަލުގެ ކޮންސެޕްޓު އެއްކޮށް ފައިނަލް ކުރެވިފައިވާ ކަމަށެވެ. އަދި އުންމީދު ކުރައްވަނީ ކޮވިޑް-19 އިން އަރައިގަނެ، ދައުލަތުގެ ބަޖެޓުގެ ފޯރުންތެރިކަން ހުރި މިންވަރަކުން މިއަހަރުގެ ތެރޭގައި މި މަސައްކަތް ފެށިގެން ދިއުން ކަމަށް ވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ.