ކ. މާލެ
|
24 ޖޫން 2020 | ބުދަ 11:48
ކުރީގެ ރައީސް އަބްދުﷲ ޔާމީން: ކޮރަޕްޝަނާއި ހިޔާނާތުގެ ގިނަ މައްސަލަތަކެއް އެމަނިކުފާނުގެ މައްޗަށް ތުހުމަތު ކުރެވިފައިވޭ، އަދި ބައެއް މައްސަލަތަތައް ދަނީ ތަހުގީގު ކުރަމުން
ކުރީގެ ރައީސް އަބްދުﷲ ޔާމީން: ކޮރަޕްޝަނާއި ހިޔާނާތުގެ ގިނަ މައްސަލަތަކެއް އެމަނިކުފާނުގެ މައްޗަށް ތުހުމަތު ކުރެވިފައިވޭ، އަދި ބައެއް މައްސަލަތަތައް ދަނީ ތަހުގީގު ކުރަމުން
ރާއްޖެއެމްވީ
800 މިލިއަން ޑޮލަރުގެ ތެލުގެ ވަގު ވިޔަފާރި
800 މިލިއަން ޑޮލަރުގެ ތެލުގެ ވަގު ވިޔަފާރީގެ ރިޕޯޓް ހޯދުމަށް މަޖިލީހަށް މައްސަލައެއް ހުށަހަޅައިފި
ތެލުގެ ވަގު ވިޔަފާރި ތަހުގީގުކުރުން ހުއްޓުވަން، ގްރާންޑް ތޯންޓަންއަށް 10 މިލިއަން ޑޮލަރު ދެއްކި
މިމައްސަލަ އޭސީސީން ބެލި، ނަމަވެސް ފަހުން އެމައްސަލަ ވަނީ ފައިލް ކޮށްފައި
ރައީސް ޔާމީންގެ ވެރިކަމުގައި ވެސް، އެމަނިކުފާނުގެ މައްޗަށް ތެލުގެ ވަގު ވިޔަފާރި ކުރައްވާކަމުގެ ތުހުމަތު ކުރެވިފައިވޭ

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި އެމަނިކުފާނާއި އެކަނިކުފާނުގެ ކޮއްކޯފުޅު ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ތެލުގެ ވަގު ވިޔަފާރި ހިންގެވިކަމަށް ބުނާ މައްސަލައިގެ ރިޕޯޓް އޮތްތަނަކުން ހޯދާފައި ރައްޔިތުންގެ މަޖިލީހާ ހަވާލުކުރުމަށް މައްސަލަ އެއް ހުށަހަޅައިފިއެވެ.

މާފަންނު ހުޅަނގު ދާއިރާގެ މެމްބަރު މުހައްމަދު ފަލާހް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާފައިވާ މިމައްސަލާގައި ބުނެފައިވަނީ، "އެސްޓީއޯ މޯލްޑިވްސް (ސިންގަޕޯރ) ޕްރައިވެޓް ލިމިޓެޑް"އިން ހިންގި ތެލުގެ ވަގު ވިޔަފާރީގެ ތެރެއިން ގެއްލިފައިވާ ކަމަށް ބެލެވޭ ގިނަ އަދަދެއްގެ ފައިސާ ހޯދުމަށް ބޭރުގެ އެކައުންޓިންގ ކުންފުންޏަކާ ހަވާލުކޮށްގެން އެކުލަވާލެވުނު ރިޕޯޓް، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ބަދަލުކޮށް، ވެރިކަމަށް އަރާވަޑައިގެންނެވި ޑރ. މުހައްމަދު ވަހީދު ހަސަންމަނިކުގެ ވެރިކަމުގައި ދިވެހި ދައުލަތުގެ ފައިސާއިން ވަރަށް ބޮޑު ހޭދައެއް ކުރައްވައިގެން ބައްލަވައިގަނެ، ފޮރުވާފައިވާތީ، އަދުގެ ސަރުކާރުން އެ ރިޕޯޓް އޮތްތަނަކުން ހޯދަވައި، ރައްޔިތުންގެ މަޖިލީހަށް ރައްދުކުރުމަށް އެދި ހުށަހަޅާ ކަމަށެވެ.

މިމައްސަލާގައި އިތުރަށް ބުނެފައިވަނީ، އެސްޓީއޯ ޕަބްލިކް ލިމިޓެޑްގެ 100 ޕަސެންޓް މިލްކުވެރި ކުންފުންޏެއްގެ ގޮތުގައި 1997ގައި ސިންގަޕޯރގައި ރަޖިސްޓަރީކުރި "އެސްޓީއޯ މޯލްޑިވްސް (ސިންގަޕޯރ) ޕްރައިވެޓް ލިމިޓެޑް"އިން ރާއްޖޭން ބޭރުގެ ހިންގި ތެލުގެ ވަގު ވިޔަފާރިއާއި މަނީ ލޯންޑަރިންގެ ތެރެއިން ދައުލަތަށް ގެއްލިފައިވާ ކަމަށް ބެލެވޭ ގިނަ އަދަދެއްގެ ފައިސާ އަނބުރާ ހޯދުމަށް 8 ޖުލައި 2010ގައި ބޭރުގެ އެކައުންޓިންގ ކުންފުންޏަކާ ހަވާލުކޮށްގެން ރިޕޯޓެއް ތައްޔާރުކޮށް، ބައިނަލްއަގްވާމީ ޝަރުއީ ނިޒާމުގެ ތެރެއިން އެފައިސާ ހޯދުމުގެ މަސައްކަތް ކުރަމުން ދަނިކޮށް، 7 ފެބްރުއަރީ 2012ގައި އެއިރުއޮތް ސަރުކާރު ބަދަލުކޮށްގެން ރައީސް ކަމަށް ވަހީދު ވަޑައިގެން އެމަސައްކަތް ވަގުތުން ހުއްޓުވާލެއްވި ކަމަށެވެ. އަދި އެމަސައްކަތް އިތުރަށް ކުރިއަށް ގެންދިޔަ ނުދިނުމުގެ ގޮތުން ރިޕޯޓް ތައްޔާރުކުރި އެކައުންޓިންގ ކުންފުންޏަށް، ދިވެހި ދައުލަތުގެ ނަމުގައި، ދައުލަތުގެ ފައިސާއިން ވަރަށް ބޮޑު ހޭދައެއްކޮށްގެން އެ ރިޕޯޓް ބައްލަވައިގެން، ފޮރުވާފައިވާތީ، އެ ރިޕޯޓް އޮތްތަނަކުން ހޯދަވައި، ރައްޔިތުންގެ މަޖިލީހަށް ރައްދުކުރުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅޭ މައްސަލައެއް ކަމަށްވެސް، މިމައްސަލަ ހުށަހެޅި ލިޔުމުގައި ބުނެފައި ވެއެވެ.

މިމައްސަލާގައި ބުނެފައިވާ ގޮތުގައި، އެރިޕޯޓަކީ ދިވެހި ދައުލަތުން ޚަރަދުކޮށް، ތައްޔާރުކުރި ރިޕޯޓެއް ކަމާއި އަދި އެމައްސަލަ އިތުރަށް ކުރިއަށް ނުގެންދިއުމަށް އަންގައި، ދައުލަތުން އެތައް މިލިއަން ޑޮލަރެއް ޙަރަދުކޮށްގެން އެރިޕޯޓް ބައްލަވައިގަތުމުގައި ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކުގެ މެދުގައި މުއާމަލާތްތަކެއް ހިނގާފައިވާނެ ކަމަށެވެ. އެގޮތުން، ވެރިކަމަށް އަރާވަޑައިގެންނެވި ވަހީދުގެ އިތުރުން، އޭރު ބަންޑަރަ ނައިބަކަށް ހުންނެވި އާއިޝަތު އާޒިމާ ޝަކޫރު އާއި އޭރު ފިނޭންސް މިނިސްޓަރ އަބްދުﷲ ޖިހާދު އާއި މަރުކަޒީ ބޭންކް ކަމަށްވާ އެމްއެމްއޭގެ އޭރުގެ ގަވަރުނަރު ޑރ. ފަޒީލް ނަޖީބުގެ ނަން ފާހަގަކޮށް، އެ މުއައްސަސާތަކުގައި މިކަމާގުޅޭ ލިޔެކިޔުންތައް ހުންނަންޖެހޭނެ ކަމަށް ބުނެފައި ވެއެވެ.

ތެލުގެ ވަގު ވިޔަފާރީގެ އެ ރިޕޯޓަކީ ދައުލަތުން ޙަރަދުކޮށްފައިވާ ރިޕޯޓެއްކަމަށާއި، އަދި އެމައްސަލަ ބެލުން ހުއްޓުވުމަށްވެސް ޚަރަދުކޮށްފައިވަނީ ދައުލަތުގެ ފައިސާއިން ކަމަށްވާތީ، އެ ރިޕޯޓަކީ އަމިއްލަ މީހެއްގެ އަތުގައި އޮންނަންޖެހޭ ރިޕޯޓެއް ނޫން ކަމަށާއި، އެރިޕޯޓް އޮންނަންޖެހޭނީ ދައުލަތުގެ ބެލުމުގެ ދަށުގައި ކަމަށްވެސް ފަލާހު ހުށަހެޅުއްވި މައްސަލާގައި ބުނެފައި ވެެއެވެ. އަދި މިކަމުގައި ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކުން ކޮށްފައިވާ މުއާމަލާތްތައް ދައުލަތުގެ އެ މުއައްސަސާތަކުގެ ހުންނަންޖެހޭނެ ކަމަށްވެސް ފަލާހު ހުށަހެޅުއްވި މިމައްސަލާގައި ބުނެފައި ވެއެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި އެ މަނިކުފާނުގެ އެއްބަފާ ބޭބޭފުޅު ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ގުޅިވަޑައިގެން 800 މިލިއަން ޑޮލަރުގެ ވަގު ވިޔަފާރި ހިންގާފައިވާކަމަށް ތުހްމަތުކުރެވޭ މައްސަލައިގެ ތަހްގީގުކުރުން ހުއްޓުވަން ބޭރުގެ ކުންފުންޏެއް ކަމަށްވާ، ގްރާންޑް ތޯންޓަންއަށް 10 މިލިއަން ޑޮލަރު ދެއްކި ކަމަށްވެއެވެ.

އެމައްސަލަ ބެލުން ހުއްޓުވަން ދައުލަތުން ޚަރަދުކުރި 10 މިލިއަން ޑޮލަރުގެ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ވެސް އޭރު ބަލާފައިވެއެވެ. ނަމަވެސް އެނގިފައިވާ ގޮތުގައި އޭސީސީން ވަނީ ފަހުން އެމައްސަލަ ފައިލް ކޮށްފަ އެވެ.

މައްސަލަ ކުރިއަށް ނުގެންދަން ނިންމައި އެންޓި ކޮރަޕްޝަން ކޮމިޝަނުން ފައިލްކޮށްފި އެވެ.

ރައީސް ޔާމީންގެ ވެރިކަމުގައި ސައުތު ކޮރެއާއަށް ތެލުގެ ވަގު ވިޔަފާރި ކުރިކަމުގެ ތުހުމަތުތަކެއް ވެސް އެމަނިކުފާނުގެ މައްޗަށް ކުރެވިފައިވާއިރު، މަނީ ލޯންޑަރިންގ މައްސަލަތަކެއްވެސް ވަނީ އެމަނިކުފާނުގެ މައްޗަށް ކުރެވިފައި ވެއެވެ.

ރައީސް ޔާމީން މިވަގުތު ގެންދަވަނީ، އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާއިން މަނީ ލޯންޑަރކުރުމުގެ ކުށް ސާބިތުވެ، ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ.

- ކޮމެންޓް