އަންގާރަ ދުވަހު އިޖުތިމާއީ ކޮމެޓީއަށް އެޖެންޑާ ކުރެވުނު މައްސަލަތައް ހުށަހެޅުއްވި މެމްބަރުން ކޮމެޓީ ބައްދަލުވުމަށް ހާޒިރުވެވަޑައިނުގަންނަވާ ކަމަށް ކޮމެޓީގެ މުގައްރިރު، ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަޙްމަދު ޢީސާ ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލިހުހެ އިޖުތިމާއީ ކޮމެޓީއަށް މައްސަލަތައް ހުށަހަޅުއްވާފައިވަނީ އިދިކޮޅު ޕީޕީއެމްއަށް ނިސްބަތްވާ ތިން މެމްބަރުންނެވެ. އެއީ ނައިފަރު ދާއިރާގެ މެމްބަރު އަޙްމަދު ޝިޔާމް އާއި މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިގުގެ އިތުރުން ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސެއިން މުހައްމަދު ލަތީފްއެވެ. އިދިކޮޅު މެމްބަރުން ހުށަހެޅުއްވި ތިން މައްސަލައާއި ގުޅިގެން މައުލޫމާތު ސާފުކުރުމަށް ފަސް އިދާރާއެއްވެސް ކޮމެޓީއަށް ހާޒިރުކުރެވުނެވެ.
މަޖިލީހުގައި އިދިކޮޅު މެންބަރުންނަށް ރައްކާތެރި މާޙައުލެއް ނެތްކަމަށް ވިދާޅުވެ، މަޖިލީހުގެ ޖަލްސާތައް އިދިކޮޅު މެމްބަރުން 'ބޮއިކޮޓް' ކުރައްވަމުން ގެންދަވާއިރު، ކޮމެޓީގެ މުގައްރިރު ވިދާޅުވީ މައްސަލަތައް ހުށަހެޅުއްވި މެމްބަރުން ކޮމެޓީއަށް ހާޒިރުވެވަޑައިގެން ނެތުމަކީ ހިތާމަކުރައްވާ ކަމެއް ކަމަށެވެ.
އަޅުގަނޑު ވަރަށް ހިތާމަކުރަން އެބޭފުޅުން މައްސަލަ ހުށަހަޅުއްވާ، އަޅުގަނޑުމެން މިކަމާއި ގުޅުން ހުރި ހުރިހާ އިދާރާއަކުން ބޭފުޅުން ކޮމެޓީއަށް ގެނައި ވަގުތު، މައްސަލަތައް ހުށަހެޅުއްވި މެމްބަރުންގެ ތެރެއިން އެއްވެސް މެމްބަރަކު ހާޒިރުވެވަޑައިގެންނެތް. އެހެންނޫންނަމަ އަޅުގަނޑު އެ މެމްބަރުންނަށް ކޮމެޓީގައި ސާފުކުރަން ބޭނުންވާ ކަމެއް ނަމަ އެކަމެއް ސާފުކުރުމުގެ ފުރުސަތު ދެއްވާ ގޮތަށް އޮތީ.އިޖުތިމާއީ ކޮމިޓީގެ މުގައްރިރު، ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަޙްމަދު ޢީސާ
އިދިކޮޅުގެ ތިން މެމްބަރުން ހުށަހެޅުއްވި މައްސަލަތަކަށް ބަލާލާއިރު، ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސެއިން މުހައްމަދު ލަތީފް ހުށަހަޅުއްވާފައިވަނީ ރާއްޖޭގައި ކޮވިޑް-19 ޖެހިގެން ނިޔާވި ފުރަތަމަ މީހާއާއި ގުޅިގެން ކަމާބެހޭ ފަރާތްތަކުން އިހުމާލެވަފައިވާ ކަމަށް ބުނާ މައްސަލައެވެ.
އެގޮތުން، ނިޔާވި ފަރާތުގެ ސާމްޕަލް ނެގުމާއި ޓެސްޓުގެ ނަތީޖާ ލިބުމުގައި ލަސްތަކެއްވެފައިވާ ކަމަށް ނެޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރ (އެންއީއޯސީ) އިން ބުނެފައިވާއިރު، ބައެއްގެ އިހުމާލުގެ ސަބަބުން އެއްވެސް ފަރާތެއްގެ ފުރާނަ ގެއްލުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށްވެސް މެމްބަރު ހުށަހެޅުއްވި މައްސަލައިގައި ވެއެވެ. އަދި ކަމާބެހޭ ކޮމެޓީން އެ މައްސަލަ ތަހުގީގުކޮށްދިނުމަށް މެމްބަރު ވަނީ އެދިވަޑައިގެންފައެވެ.
ދެވަނަ މައްސަލައަކީ ދާދިފަހުން ހިނގާދިޔަ، ބަނޑަށް ދަރިފުޅު މަރުވި މައްސަލަތަކާއި ގުޅިގެން ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ހުށަހެޅުއްވި މައްސަލައެކެވެ.
މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިގު ހުށަހެޅުއްވި މައްސަލައަކީ ކޮވިޑް-19 އާއި ގުޅިގެން ދިގުމުއްދަތަކަށް ބޭސް ފަރުވާ ކުރަމުންދާ ފަރާތްތައް ފަރުވާ ހޯދުމަށް ބޭރު ގައުމުތަކަށް ފުރުވާލުމުގެ މަސައްކަތެއް ކަމާބެހޭ އިދާރާއިން ނުކުރާ ކަމަށް ބުނެ ހުށަހަޅާފައިވާ މައްސަލައެކެވެ.