ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންގެ ނަން އަނބުރާ ގެންދިއުމަށް ފުރުސަތު ހުޅުވާލައިފިއެވެ.
އިލެކްޝަން ކޮމިޝަން (އީސީ) އިން ބުނީ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޚާއްސަ ގާނޫނު 2020 ގެ 3 ވަނަ މާއްދާގެ (ށ) ދަށުން، ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންގެ ނަން އަނބުރާ ގެންދިއުމުގެ ފުރުސަތު، 2020 ޖޫން 23 ވާ އަންގާރަ ދުވަހުން ފެށިގެން ހުޅުވާލައިފާފައިވާ ކަމަށެވެ. އީސީން ބުނީ ނަން އަނބުރާ ގެންދިއުމަށް ބޭނުންވާނަމަ އެކަމަށް އެދި ހުށަހަޅާނީ "ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގެ ކެންޑިޑޭޓުން ނަން އަނބުރާ ގެންދިއުމަށް އެދޭ ފޯމު" އިން ކަމަށެވެ.
މިފޯމު ދިވެހި ސަރުކާރުގެ ގެޒެޓުންނާއި ކޮމިޝަނުގެ ވެބްސައިޓް (www.elections.gov.mv) އިން ލިބެން ހުންނާނެއެވެ. އީސީން ބުނީ ފޯމު ހުށަހަޅާނީ ކޮމިޝަނުގެ އީމެއިލް ([email protected]) މެދުވެރިކޮށް ކަމަށެވެ. އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ދުވަސްތަކުގައި ފޯމް ބަލައިގަތުން ހަމައެކަނި ހަމަޖެހިފައިވަނީ އީމެއިލް މެދުވެރިކޮށް ކަމަށް ވެސް އީސީން ބުނެއެވެ.
އީސީން ބުނިގޮތުގައި ކެންޑިޑޭޓުންގެ ނަން އަނބުރާ ގެންދިއުމުގެ މުއްދަތު ހަމަވުމުގެ މަދުވެގެން 10 (ދިހައެއް) ދުވަސް ކުރިން މުއްދަތު ހަމަވާ ތާރީޚު ކޮމިޝަނުން އިއުލާން ކުރާނެއެވެ.