ކޮރޯނާވައިރަސް (ކޮވިޑް-19) އާ ގުޅިގެން ކުރިމަތިވެފައިވާ އުނދަގޫ ހާލަތާއެކު، މިއަހަރު ޓޭބަލް ޓެނިސް މުބާރާތްތައް ބޭއްވުން ވެގެންދާނީ އުނދަގޫ އަދި ގޮންޖެހުން ބޮޑު ކަމެއް ކަމަށް ޓީޓީ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ޖެނަރަލް ސެކްރެޓަރީ އިސްމާޢީލް ސުޖާއު ވިދާޅުވެއްޖެއެވެ.
ރާއްޖެޓީވީގެ ކުޅިވަރު ފައިލް ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ސުޖާއު ވިދާޅުވީ ޓީޓީއަކީ މުބާރާތް ބޭއްވުމަށް އަމިއްލަ ވަސީލަތް ނެތް ކުޅިވަރަކަށް ވުމާއެކު، މި ހާލަތުން އަރައިގަނެ މުބާރާތް ބޭއްވުމަށް މިއަހަރު ލިބޭ މަދު ދުވަސްކޮޅުގެ ތެރޭގައި އެކަން ކުރުން ވެގެންދާނީ އުނދަގޫ ހާލަތަކަށް ކަމަށެވެ.
އަޅުގަނޑުމެން މުބާރާތް މި ބާއްވަނީ ސޯޝަލް އިންޑޯގައި. އެތަނަކީ އެހެން ކުޅިވަރުތައް ކުޅޭ ތަނަކަށްވާތީ އާއެކު، އެ ކުޅިވަރުތަކާއި ވާހަކަ ދައްކައިގެން ޓީޓީއަށް ފުރުސަތު މި ލިބެނީ. މިހާރު މި އޮތް ހާލަތާއެކު އަހަރުގެ ފަހު ކޮޅު މުބާރާތް ބާއްވަން ފުރުސަތު ލިބުން ނަމަވެސް، ސޯޝަލް އިންޑޯ ހޯދުމަކީ އެހާ ފަސޭހަ ކަމަށް ވާނެ ކަމަށް ގަބޫލެއް ނުކުރެވޭ.އިސްމާޢީލް ސުޖާއު
މި އަހަރުގެ ޓީޓީ ކަލަންޑަރުގައި ހަތަރު ވަރަކަށް މުބާރާތް ބޭއްވުމަށް ނިންމާފައިވީ ނަމަވެސް، ކަލަންޑަރުގައި ހުރި ހުރިހާ މުބާރާތް ނުބޭއްވޭނެކަން ޔަގީންވާއިރު، މުބާރާތްތައް ބޭއްވުމާ މެދު ހިންގާ ކޮމިޓީން ގޮތެއް ނިންމާނެ ކަމަށް ސުޖާއު ވިދާޅުވިއެވެ.
ގައުމީ ޓީޓީ ޓީމުގައި މަތީ ސާނަވީއަށް ކިޔަވާ ކުދިން ގިނަ އަދަދަކަށް ހިމެނޭތީ، މުބާރާތެއް ބާއްވަން ނިންމާއިރު އެ ކުޅުންތެރިންނަށް ކުޅެވޭނެ ގޮތަކަށް ރާވަން ޖެހޭ ކަމަށާއި، އެހެން ނަމަވެސް މިހާރުގެ ހާލަތާއެކު އަހަރުގެ ފަހުކޮޅު ގިނަ ކުދިންގެ ޓެސްޓުތައް އޮތުމަކީވެސް އެކަށީގެންވާ ކަމެއް ކަމަށް ސުޖާއު ފާހަގަކުރެއްވިއެވެ.
މާޗު މަހުގެ އަށްވަނަ ދުވަހުން ފެށިގެން ޓީޓީގެ ހަރަކާތްތައް ހުޓާލާފައިވާއިރު، މިހާރު ގައުމީ ޓީޓީ ޓީމުގެ ފަރިތަކުންތައް ވަނީ ފަށާފައެވެ. 12 ވަރަކަށް ކުޅުންތެރިންގެ ސްކޮޑެއް ހިމެނޭ ގައުމީ ޓީޓީ ޓީމުގެ ފަރިތަކުންތައް ކުރިޔަށްދަނީ ހަ ކުޅުންތެރިންގެ ގްރޫޕްތަކަށް ބަހާލައިގެން ހެނދުނާއި ހަވީރު އެވެ. ޓީޓީ އަކީ ގައިދުރު ކުޅިވަރަކަށް ވުމާއެކު، ބޯޅަ އާއެކު ފަރިތަކުރުމުގެ ފުރުސަތު އެޗްޕީއޭގެ ގައިޑްލައިނުގައި ޓީޓީއަށް ލިބެއެވެ. އެހެންކަމުން ފަރިތަކުންތައް ކުރިޔަށް ގެންދަނީ ކުޅުންތެރިންގެ ރައްކާތެރި ކަމަށް ވަރަށް ބޮޑަށް ސަމާލުކަން ދެވިގެން ކަމަށް ސުޖާއު ވިދާޅުވިއެވެ.
ބައިނަލްއަގުވާމީ މައިދާނުގައި ކުރު މުއްދަތެއްގެ ތެރޭގައި ރާއްޖެއަށް އެންމެ ބޮޑު ކާމިޔާބެއް ހޯދައިދިން ކުޅިވަރަށް ޓީޓީ ވާއިރު، މި އަހަރަކީ ބައިނަލްއަގުވާމީ މައިދާނުގައި މުބާރާތްތަކެއް ތާވަލުކުރެވިފައިވާ އަހަރަކަށް ނުވާތީ، ލޯކަލް މުބާރާތްތައް ނުބޭއްވުން ނަމަވެސް، އެކަމުގެ އަސަރު ކުޅުންތެރިންނަށް ކުޑަވާނެ ކަމަށް ޓީޓީ އެސޯސިއޭޝަނުން ބުނެއެވެ.
ކޮވިޑް-19 އާ ގުޅިގެން ޓީޓީގެ ހަރަކާތްތައް ހުއްޓާލިއިރު، އެ އެސޯސިއޭޝަނުން ތައްޔާރުވަމުންދިޔައީ އެސޯސިއޭޝަނުގެ އެންމެ ބޮޑު އެއް މުބާރާތް ކަމަށްވާ އިންޓަ ސްކޫލް މުބާރާތް ބޭއްވުމަށެވެ. މުބާރާތް ކެންސަލް ކުރަން ޖެހުނީ އަތޮޅު ތެރޭގެ ޓީމުތައް މާލެ އައިސް މުބާރާތް ފެށުމަށް ޒުވާނުންގެ މަރުކަޒަށް ޓީމުތައް ހާޒިވެފައި ވަނިކޮށެވެ.