މިއަހަރު ރާއްޖެއިން ހައްޖުގެ އަޅުކަމަށް މީހުން ނުފޮނުވަން އިސްލާމިކް މިނިސްޓްރީން ނިންމައިފި އެވެ.
އަންގާރަ ދުވަހު އިސްލާމިކް މިނިސްޓްރީން ނެރުނު އިއުލާނެއްގައި ބުނެފައިވަނީ، ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 އާއި ގުޅިގެން 1441 ވަނަ އަހަރު މާތްވެގެންވާ ޙައްޖުގެ އަޅުކަމުގައި ބައިވެރިވެވޭނީ ސަޢޫދީ ޢަރަބިއްޔާގައި ދިރިއުޅޭ އެ ގައުމުގެ ރައްޔިތުންނާއި އެ ގައުމުގައި މިވަގުތު ދިރިއުޅޭ އެހެން ގައުމުތަކުގެ ރައްޔިތުން ހިމެނޭގޮތަށް ކަނޑައެޅޭ މަދު ޢަދަދެއްގެ މީހުންނަށް ކަމުގައި ސަޢޫދީ ޢަރަބިއްޔާގެ ޙައްޖު މިނިސްޓްރީން ނިންމަވާފައިވާކަމުގައި، ދިވެހިރާއްޖޭގައި ހުންނަ ސަޢުދީ ޢަރަބިއްޔާގެ އެމްބަސީން އެ މިނިސްޓްރީއަށް އަންގާފައިވާ ކަމަށެވެ.
އެ އެންގެވުމުގައި ވާގޮތުން ސަޢުދީ ސަރުކާރުގެ މިނިންމެވުމަކީ، ޙައްޖަށް ދާ ފަރާތްތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން ނިންމެވި ނިންމެވުމެކެވެ. އެގޮތުން ސަޢުދީ ސަރުކާރުން އަބަދުވެސް އެންމެ އިސްކަމެއް ދޭނީ ޙައްޖުގެ މަތިވެރި އަޅުކަން ބޭއްވުމަށް ކަމުގައިވީނަމަވެސް، ޙައްޖަށް ދާ ފަރާތްތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ސަމާލުކަށް ދެއްވާނެކަމަށް ބަޔާންކުރައްވާފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީގެ އިއުލާންގައި ވެއެވެ.
ސަޢުދީ ޢަރަބިއްޔާގެ ސަރުކާރުގެ މިނިންމެވުމާއި ގުޅިގެން 1441 ވަނަ އަހަރު ދިވެހިރާއްޖެއިން ޙައްޖަށް މީހުންނަށް ނުދެވޭނެ ކަމަށް އިސްލާމިކް މިނިސްޓްރީގެ އިއުލާންގައި ވެއެވެ.
މީގެއިތުރުން އެއިއުލާނުގައިވަނީ، 1441 ވަނަ އަހަރު ދިވެހިރާއްޖެއިން ޙައްޖަށް މީހުން ގެންދިއުމުގެ ތައްޔާރީތައް މި މިނިސްޓްރީން ހުއްޓުމެއް ނެތި ކުރަމުންދިޔަ ކަމަށާއި އެގޮތުން އެންމެ ފަހުވަގުތު ހުއްދަ ލިބުނު ނަމަވެސް ދިވެހިން ޙައްޖަށް ގެންދެވޭނެ އިންތިޒާމުތައް ހަމަޖެއްސުމުގެ ކަންކަން ރޭވަމުން ދިޔަކަމަށެވެ.
ސައުދީ ފޮރިން މިނިސްޓްރީން ހޯމަ ދުވަހު އާއްމުކޮށްފައިވާ ބަޔާނެއްގައި ބުނީ، މުޅި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކޮވިޑުގެ ބަލި ހަލުވިކަމާއިއެކު ފެތުރެމުންދާތީވެ ބަލީގެ ނުރައްކަލަށް ބަލައި، ގިނަ މީހުން އެއްވާ ތަންތަނުގައި އެންމެ އެކަށީގެންވާ ވަރަށް ގައިދުރުކަން ބެހެއްޓުމަކީ އެހާ ފަސޭހަކަމަކަށް ނުވާނެ ކަމަށް ގަބޫލުކުރެވޭ ކަމަށެވެ. ސައުދީން އެންމެ ބޮޑު އިސްކަމެއް ދެނީ އުމްރާގެ އަޅުކަމާއި ހައްޖުގެ އަޅުކަން ވިހާވެސް ރައްކާތެރިކަމާއި އެކު ހުރިހާ ފަރާތްތަކަށް އަދާކުރެވިގެން ދިޔުން ފާހަގަކުރަމުން ފޮރިން މިނިސްޓްރީގެ ބަޔާނުގައި ބުނީ، ބަލި ފެތުރެން ފެށުމާއި އެކު އަޅުކަން އަދާކުރާ ފަރާތްތަކުގެ ސަލާމަތަށްޓަކައި އުމްރާގެ އަޅުކަންވެސް މެދުކަނޑާލާފައިވާ ކަމަށެވެ.
ބަލި ފެތުރޭ މިންވަރު ދުވަހެއް ދުވަހަކަށް އިތުރުވަމުންދާތީވެ މި ފަހަރުގެ ހައްޖުގެ އަޅުކަން އަދާކުރެވޭނީ މަދު އަދަދެއްގެ ބަޔަކާއި އެކު ކަމަށް ނިންމާފައިވާ ކަމަށާއި، ހައްޖު ވެވޭނީ ސައުދީ އަރަބިޔާގައި ތިބި ދިރިއުޅޭ މީހުންނަށް އެކަނި ކަމަށް ބަޔާނުގައި ބުންޏެވެ. ސައުދީގައި ދިރިއުޅޭ އެހެން ގައުމުތަކުގެ މީހުންނަށްވެސް އެ ފުރުސަތު އޮންނާނެ ކަމަށް ސައުދީ ސަރުކާރުން ބުންޏެވެ.