ފަތުރުވެރިކަމުގެ ދޮރުތައް އަލުން ހުޅުވާނެ ތާރީހެއް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މިއަދު އިއުލާން ކުރައްވާނެ ކަމަށް ޓުއަރިޒަމް މިނިސްޓަރ އަލީ ވަހީދު ވިދާޅުވެއްޖެއެވެ.
ކޯވިޑް-19 އާއި ގުޅިގެން ވަޒީފާގެ ހާލަތައް ބަދަލު އައިސްފައިވާ ފަރާތްތަކުން، ފަތުރުވެރިކަމުގެ ދާއިރާގައި ދިވެހިން ބާރުވެރި ކުރުވުމަށް ގޮވާލާ ހުށަހަޅާފައިވާ ޕެޓިޝަނާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ޕެޓިޝަން ކޮމިޓީއަށް ޓުއަރިޒަމް މިނިސްޓަރ ހާޒިރު ކޮށްފައިވާއިރު، ކޮމިޓީގައި ވާހަކަ ދައްކަވަމުން މިނިސްޓަރ ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާގެ އިސްނެންގެވުމުގެ މަތިން ޓުއަރިޒަމް މިނިސްޓްރީން ދާއިރާގައި މަސައްކަތް ކުރާ ދިވެހިންގެ އަދަދު ދެނެގަތުމަށް އޮޑިޓެއް ހެދި ކަމަށާއި އެގޮތުން، އެ ސިނާއަތުގައި އެވެރެޖްކޮށް 47 އިންސައްތަ ދިވެހިން ވަޒީފާގައި އުޅޭކަމަށް ފާހަގަ ކުރެވިފައިވާ ކަމަށެވެ.
2012 ވަނަ އަހަރު ޓުއަރިޒަމް މިނިސްޓްރީން ނެރެފައިވާ ސަރކިއުލާއެއްގައި މިނިސްޓްރީން ވަނީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި 45 އިންސައްތަ ދިވެހިން އަދި 55 އިންސައްތަ ބިދޭސީން ގެންގުޅެން ޖެހޭކަމަށް ފާހަގަކޮށްފައެވެ. އެވެރެޖްކޮށް 47 އިންސައްތަ ފާހަގަކުރެވުނު ނަމަވެސް ބައެއް ރިސޯޓުތަކުން އަންގާފައިވާ މިންވަރަށް ހިފެހެއްޓިފައި ނެތްކަން މިނިސްޓަރ ވަނީ ފާހަގަ ކުރައްވާފައެވެ. އަދި ބައެއް ރިސޯޓުތަކުގައި ކަންބޮޑުވާ މިންވަރަށް އެކަން ފާހަގަވެފައިވާކަން ހާމަކޮށް މިނިސްޓަރ ވިދާޅުވީ އެކަންކަން އިސްލާހުކުރުމަށް އެ ރިސޯޓުތަކަށް އަންގާފައިވާނެކަމަށެވެ.
އެގޮތުން، އިސްލާހު ކުރުމަށް އަންގާފައިވާ ރިސޯޓުތަކުގެ ތެރެއިން އެއް ރިސޯޓު ފިޔަވައި އެހެން ހުރިހައި ތަނަކުން އިސްލާހު ކުރާނެ ޕްލޭނެއް މިނިސްޓްރީއަށް ހުށަހަޅާފައިވާ ކަމަށާއި ހުށަނާޅާ ރިސޯޓާއި މެދު ގާނޫނީ ގޮތުން ފިޔަވަޅު އެޅުމަށް މަޝްވަރާ ކުރެވެމުން ދާ ކަމަށް މިނިސްޓަރ ފާހަގަ ކުރެއްވއެވެ.
އިތުރަށް ކޮމިޓީގައި ވާހަކަ ދައްކަވަމުން މިނިސްޓަރ ވިދާޅުވީ ސަރުކާރުގެ ދެވަނަ އަހަރު ތެރޭގައި ހުރިހާ ރިސޯޓުތަކުން ގާނޫނުގައި ވާގޮތައް އަމަލު ކުރާގޮތް ހެދުމަކީ އަމާޒެއް ކަމަށާއި ނަމަވެސް ކޯވިޑް-19ގެ ސަބަބުން އޭގެތެރެއިން ބައެއް ރިސޯޓުތަކުން ދަތިތަކާއި ދިމާވެފައިވާ ކަމަށެވެ. މިނިސްޓަރ ވިދާޅުވީ ކޯވިޑް-19ގެ ހާލަތާއި ގުޅިގެން ފަތުރުވެރިކަމުގެ ދާއިރާ ވަގުތީގޮތުން ހުއްޓިފައިވާއިރު، މިއަދުގެ ވަގުތެއްގައި ރައީސުލްޖުމްހޫރިއްޔާ ގައުމާ މުހާތަބު ކުރައްވާ ފަތުރުވެރިކަން އަލުން ހުޅުވާނެ ސީދާ ތާރީހެއް ހާމަކުރައްވާނެކަމަށް ގަބޫލު ކުރެވޭކަމަށެވެ.
ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް ކުރާ މަސައްކަތުގައި ރާއްޖެއަށް ބޮޑެތި ކާމިޔާބީތަކެއް ލިބިފައިވާއިރު ޖުލައި މަހުގެ ތެރޭގައި ޤައުމުގެ އިގްތިސާދު ހުޅުވުމަށް ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.