ކޮވިޑް-19 ފްރީ ޒޯންތަކެއް ކަނޑައަޅައި، އިގްތިސާދީ ހަރަކާތްތަކަށް ހުޅުވާލަން ގޮވާލައި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ގަރާރު މަޖިލީހަށް ބަލައިގަނެ އިތުރަށް ދިރާސާކުރުމަށް އިގްތިޞާދީ ކޮމިޓީއަށް ފޮނުވައިފިއެވެ.
މިގަރާރު މަޖިލީހަށް ބަލައިގަތުމަށް ނެގުނު ވޯޓުގައި ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 62 މެމްބަރުންގެ އިއްތިފާގުން ވަނީ ގަރާރު ބަލައިގަތުމަށް ވޯޓު ދީފައެވެ.
ހިތަދޫ މެދު ދާއިރާގެ މެމްބަރ އަހުމަދު ރަޝީދު ހުށަހަޅުއްވާފައިވާ ގަރާރަކީ، ކޮވިޑް-19ގެ ސަބަބުން ރާއްޖޭގެ އިގްތިޞާދަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކުން އަރައިގަނެވޭނެ ގޮތެއް ފަހިކުރުމުގެ ގޮތުން ދުނިޔޭގެ ގައުމުތަކުންވެސް އަމަލުކުރަން އަންނަ ފަދައިން ރާއްޖެއިންވެސް ސިއްހީ ރައްކާތެރިކަމުގެ ބަންދަށް ލުޔެއް ގެނެސް އިގްތިޞާދީ ހަރަކާތްތައް ވަކި ހަމަތަކެއްގެ މަތިން ހުޅުވާލަންޖެހޭ ކަމަށް ގަބޫލުކުރެވޭތީ ސަރުކާރުގެ ސަމާލުކަމަށް މިކަން ގެނައުމުގެ މަގްސަދުގައި ހުށަހަޅާފައިވާ ގަރާރެކެވެ.
މިގަރާރު ހުށަހަޅުއްވަމުން އަހުމަދު ރަޝީދު ވިދާޅުވީ ރާއްޖޭގެ ދަރަނީގެ މިންވަރު އިންތިހާއަށް މަތިވެ އާމްދަނީ ލިބުމުގެ ކުރިމަގު ބަނަވެފައިވާ މިދަނޑިވަޅުގައި ބުއްދީގެ ބޭނުންކޮށްގެން ރޭވުންތެރިކަމާއެކު ރާއްޖޭގެ ތިން ސަރަހައްދެއް އިގްތިޞާދީ ގޮތުން ހުޅުވާލުމަށް ސަރުކާރަށް ގޮވާލާކަމަށެވެ.
މީގެއިތުރުން ރާއްޖޭގެ އުފެއްދުންތެރިކަމުގެ 85 އިންސައްތަ ސީދާގޮތުންނާއި ނުސީދާގޮތުން ބިނާވެފައިވަނީ ފަތުރުވެރިކަމުން ލިބޭ އެއްޗަކަށް ކަމަށްވާއިރު މިކަމާއި ގުޅިގެން ފަތުރުވެރިކަން މިވަނީ މުޅިންހެން ހުއްޓިފައިކަމަށް އަހުމަދު ރަޝީދު ވިދާޅުވި އެވެ. އަދި މިހާލަތުގައި އިގްތިޞާދު ހުޅުވާލަންޖެހޭނީ އެކަމަށްޓަކައި ދިރާސާތަކެއް ކުރުމަށްފަހު ކެތްތެރިކަމާއި ހިކުމަތްތެރިކަމާއެކު ކަމަށް އަހުމަދު ރަޝީދު ވިދާޅުވިއެވެ.
މިގޮތުން މާލޭ އިންޓަރނޭޝަނަލް އެއަރޕޯޓްގެ އިތުރުން، ރާއްޖޭގެ އުތުރުން ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓާއި ދެކުނުން އައްޑޫ އިންޓަރނޭޝަނަލް އެއަރޕޯޓް ހުޅުވާލަންޖެހޭ ކަަމަށް އަހުމަދު ރަޝީދު ވިދާޅުވިއެވެ.
އަދި ރާއްޖޭގައި މިވަގުތުހުރި މަސް ކާރުޚާނާތަކުގައި މަސް ރައްކާކުރުމާއި މަސްދަޅު ބަންދުކުރުމުގެ ގާބިލްކަން އިތުރުކުރުވާ އެމަސައްކަތް ކުރުވަންޖެހޭ ކަމަށްވެސް އަހުމަދު ރަޝީދު ވިދާޅުވިއެވެ. އަދި ދަނޑުވެރި ރަށްތަކާއި ބިންތައް ދޫކުރުމުގެ ނިޒާމެއް ހަމަޖައްސައި ދަނޑުވެރިންނަށް ފަންނީ އަދި މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށްވެސް ވަނީ ގޮވާލާފައެވެ.
ގަރާރަށް ބަހުސް ކުރެއްވި ގިނަ މެމްބަރުން ވަނީ ގަރާރަށް ތާއީދުކުރައްވާ ވާހަކަ ދައްކަވާފައެވެ. ދައުލަތުން އެންމެ ބޮޑު އިސްކަމެއް ދޭން ޖެހޭނީ އާންމު ރައްޔިތުންގެ ސިއްހީ ރައްކާތެރިކަމަށް ކަމަށާއި އެކަމަކު އޭގެ ސަބަބުން އިގްތިސާދީ ހަރަކާތްތައް ހުއްޓި، ދައުލަތުގެ އާމްދަނީ ދަށްވެގެން ދާތަން ބަލަން އަބަދު ނުތިބެވޭނެ ކަމަށް މެމްބަރުން ވިދާޅުވިއެވެ.