ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބާއި ގުޅިގެން ސިއްރު އެޖެންޑާއެއް އޮތް ކަމަށް އެންގިވަޑައިގެންފައި ނުވާ ކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވެއްޖެއެވެ.
ޕީއެންސީގެ ނައިބް ރައީސް އިބްރާހިމް ޝުޖާއު ކުރެއްވި ޓްވީޓަކަށް ރައްދު ދެއްވަމުން ޝަރީފް ވިދާޅުވީ އިންތިހާބު ބާއްވާނީ ގާނޫނުން ކަނޑައަޅާފައިވާ މުއްދަތުގެ ތެރޭގައި ކަމަށެވެ.
ޝުޖާއު ކުރެއްވި ޓްވީޓްގައި ވަނީ، ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބު އަންނަ މާރޗް މަހުގެ ކުރިން ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ސިއްރު އެޖެންޑާއެއްގެ ދަށުން މަސައްކަތް ކުރަމުންދާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.
އަދި، ސެޕްޓެމްބަރުގައި އިންތިޚާބު އޮންނާނެ ކަމަށާއި އިންތިޚާބަށް ތައްޔާރުވުމަށް، އެމްޑީޕީއަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލިސް މެންބަރުން، އެ ޕާޓީގެ ފަރާތުން ވާދަކުރައްވާ ކެނޑިޑޭޓުންނަށް އަންގަމުންގަމުންދާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް ޝުޖާއު ވިދާޅުވިއެވެ.
ޝަރީފް އިތުރަށް ވިދާޅުވީ، ފަސް ކުރެވިފައިވާ ލޯކަލް ކައުންސިލް އިންތިޚާބާއި ޑަބްލިއުޑީސީ އިންތިޚާބު ބާއްވާނެ ތާރީޚެއް އިލެކްޝަންސް ކޮމިޝަނުން ފައިނަލް ކުރުމުގެ ކުރިން ސިޔާސީ ޕާޓީތަކާއިއެކު މަޝްވަރާ ކުރައްވާނެ ކަމަށެވެ.
ކޮވިޑް-19އާ ގުޅިގެން އޭޕްރީލް މަހުގެ 4 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ކައުންސިލްތަކުގެ އިންތިޚާބު ވަނީ ފަސް ކުރެވިފައެވެ. މިހާރު ފާސްކުރެވިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ފަސްކުރުމާ ގުޅޭ ސަންސެޓް ބިލުގައިވާ ގޮތުންނަމަ، އިންތިހާބެއް ބޭއްވުމުގެ މަސައްކަތް އިލެކްޝަންސް ކޮމިޝަނަށް ފެށޭނީ، އިންތިހާބާ ގުޅޭ ކަންކަން ކުރިއަށް ގެންދިއުމަކީ އޭގެ ސަބަބުން އާއްމު ސިއްހަތަށް ނުރައްކަލެއް ކުރިމަތިވާނެ ކަމެއް ނޫން ކަމަށް ދައުލަތުގެ ކަމާބެހޭ ފަރާތްތަކުން ކަނޑައެޅުމުންނެވެ.