ފްރާސްގެ އެއަރލައިން އެއަރ ފްރާންސުން ރާއްޖެއަށް ޑައިރެކްޓް ފްލައިޓް ބާއްވަން ނިންމައިފި އެވެ.
ޗާރލްސް ޑި ގައުލޭ އެއަރޕޯޓުން ވެލާނާ އިންޓަރނޭޝަލްއަށް ދަތުރު ފެށުމަށް ހަމަޖެހިފައިވަނީ އަންނަ ނޮވެމްބަރ މަހުގެ ތެރޭގައެވެ.
މިދަތުރުތައް ފެށުމަށް ނިންމާ މިކަން އިއުލާންކޮށްފައިވަނީ ރާއްޖޭގެ ޓުއަރިޒަމް ޕްރޮމޯޓް ކުރުމަށް އުފައްދާފައިވާ މޯލްޑިވްސް މާރކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް އާއެކު ބޭއްވި މަޝްވަރާ ބައްދަލުވުމަށް ފަހުގައެވެ.
އެމްއެމްޕީއާރްސީގެ މެނޭޖިން އެކްޓިން މެނޭޖިން ޑިރެކްޓަރ ހާރިސް މުހައްމަދު ވިދާޅުވީ ދެ ގައުމުގެ ދެމެދުގައި މިހާރުވެސް މަޝްވަރާތައް ކުރިއަށްދާ ކަމަށާއި މިކަމުގެ އެންމެ ބޮޑު ބޭނުމަކީ ޔޫރަޕްގެ ގައުމުތަކަށް ރާއްޖޭގެ ފަތުރުވެރިކަން އިތުރަށް ފުޅާކޮށް އިޝްތިހާރު ކުރުން ކަމަށެވެ.
މި ފްލައިޓްތައް ބާއްވަން ނިންމާފައިވާ ގޮތްތައް އޮގަސްޓް މަހުގެ ތެރޭގައި އިއުލާން ކުރާނެ ކަމަށާއި ރާއްޖެއަކީ މި އެއާލައިންގެ ދަތުރުތަކަށް ކާމިޔާބު މަންޒިލަކަށް ވެގެންދާނެ ކަމަށް އެއާ ފްރާންސްގެ ސީއީއޯ ވިދާޅުވި އެވެ. އަދި އެއާ ފްރާންސްއަކީ މިހާރުވެސް އިންޑިއަން އޯޝަންގެ ގައުމުތަކަށް ދަތުރުކުރަމުން އަންނަ އެއާ ލައިން އެކެވެ.
އަލަށް މިތަޢާރަފްކުރެވޭ ފްލައިޓާއި އެކު ދެ ގައުމުގެ ދެމެދުގައި އެކި ބޭނުންތަކަށް ދަތުރުކުރާ ފަރާތްތަކަށް ފަސޭހަ ތަކެއް ލިބިގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ފްރާންސްއާއި ރާއްޖެއާއި ދެމެދު ޑައިރެކްޓް ފްލައިޓްތައް ބާއްވަން ފެށުމުން ރާއްޖެއަށް އަންނަ ފަތުރުވެރިން އިތުރުވެ ރާއްޖޭގެ ފަތުރުވެރިކަން އިތުރަށް ތަރައްޤީވެގެންދާނެ ކަމަށް އެމްއެމްޕީއާރްސީން ބުންޏެވެ.