އާދިއްތަ ދުވަހުގެ ހެނދުނު ރާއްޖޭގެ ގަޑިން ހެނދުނު 09:39 ގައި އިރުކޭތަ ހިފަން ފަށާނެ ކަމަށާއި، 10:30 ގައި ކޭތަ ނަމާދު ކުރުން ހުރިހާ ރަށެއްގައި ހުންނަ އެންމެބޮޑު މިސްކިތުގައި އޮންނާނެ ކަމަށް އިސްލާމިކް މިނިސްޓްރީ ބުނެފިއެވެ.
އިސްލާމިން މިނިސްޓްރީން ބުނީ މިމަހުގެ 21 ވާ އާދިއްތަ ދުވަހު އިރުކޭތައެއް ހިފާނެ ކަމަށާއި، އިރުކޭތަ ހިފަން ފަށާނީ ރާއްޖޭ ގަޑިން އާދިއްތަ ދުވަހުގެ ހެނދުނު 09:39 ގައި ކަމަށެވެ. އަދި ކޭތަ އެންމެ ބޮޑަށް ހިފާފައި ހުންނާނީ، އާދިއްތަ ދުވަހުގެ ހެނދުނު 10:51 ގައި ކަމަށް މިނިސްޓްރީން ބުނެއެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ އިރުކޭތަ ވީއްލާނީ މެންދުރު 12:14 ގައި ކަމަށާއި، މި ކޭތަޔަކީ ހަމަލޮލަށް ފެންނާނެ ކޭތައެއް ކަމަށެވެ. އަދި ކޭތަ އެންމެ ސާފުކޮށް ފެންނާނީ އެކްސްރޭ ޝީޓު ފަދަ ހުރަހެއް ބޭނުން ކޮށްގެން މިނިސްޓްރީން ބުނެއެވެ.
މީގެ އިތުރުން އިސްލާމިކް މިނިސްޓްރީން ބުނީ މާލެ، ހުޅުމާލެ އަދި ވިލިމާލެ ފިޔަވައި ރާއްޖޭގައި މީހުން ދިރިއުޅޭ ރަށްރަށުގައި ހުންނަ އެންމެ ބޮޑު މިސްކިތުގައި އާދިއްތަ ދުވަހުގެ ހެނދުނު 10:30 ގައި ކޭތަ ނަމާދު ކުރެވޭނެ އިންތިޒާމު ކައުންސިލް އިދާރާއިން ހަމަޖައްސަން ޖެހޭ ކަމަށެވެ.
ކޭތަ ނަމާދުގެ ޚުޠުބާ މިނިސްޓްރީގެ ވެބްސައިޓް www.islamicaffairs.gov.mv އަށް ވަނީ އަޕްލޯޑްކޮށްފައެވެ.