މެންޗެސްޓާ ސިޓީގެ އެއްބަސްވުން އާކުރަން ޖަރުމަންގެ ފޯވާޑް ލެރޯއި ސާނޭ ބޭނުންނުވާ ކަމަށް އެ ޓީމުގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފިއެވެ.
އުމުރުން 24 އަހަރުގެ ސާނޭ ހޯދުމަށް ބަޔާން މިއުނިކުން މަސައްކަތް ކުރަމުން އަންނައިރު، މި ސީޒަން ފެށުމުގެ ކުރިން، ސާނޭ ގަތުމަށް ބަޔާނުން 100 މިލިއަން ޔޫރޯ ހުށަހެޅި ކަމަށް ބައެއް މީޑިއާތަކުން ވަނީ ރިޕޯޓުކޮށްފައެވެ. އަދި ސާނޭވެސް ބަޔާނަށް ބަދަލުވާން ބޭނުންވާ ކަމަށް ވަނީ ރިޕޯޓުކޮށްފައެވެ.
ސާނޭ ގަތުމަށް ބަޔާނުން މިހާތަނަށް ކުރި މަސައްކަތް ކާމިޔާބުނުވި ނަމަވެސް، ކުރިއަށް އޮތް ޓްރާންސްފާ ބާޒާރުގައިވެސް ސާނޭ ގަތުމަށް ބަޔާނުން މަސައްކަތް ކުރާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ. ކޮރޯނާވައިރަސް (ކޮވިޑް-19)އާ ގުޅިގެން ހުރިހާ ކްލަބުތަކަށްވެސް މާލީ ގޮތުން ގޮންޖެހުންތަކާ ކުރިމަތިލާން ޖެހިފައިވާއިރު، ކުރިއަށް އޮތް ޓްރާންސްފާގައި ސާނޭ ގަތުމަށް ބަޔާނުން ޚަރަދު ކުރާނީ 60-70 މިލިއަން ޔޫރޯ ކަމަށް ރިޕޯޓުތައް ބުނެއެވެ. ސިޓީއާއެކު ސާނޭ ހަދާފައިވާ އެއްބަސްވުން ހަމަވާނީ 2021 ވަނަ އަހަރެވެ.
ދާދި ފަހުން ސިޓީގެ ކޯޗު ގާޑިއޯލާ ބުނީ މި ސީޒަނަށް ފަހު ސާނޭ ޓީމު ދޫކޮށްލާނެތޯ ނުވަތަ ނޫންތޯ ބުނަން ނޭނގޭ ކަމަށާއި، އެކަމަކު ސިޓީގެ އެއްބަސްވުން އާކުރަން އޭނާ ބޭނުންނުވާ ކަމަށެވެ.
ސިޓީގެ ފުރަތަމަ އެގާރައިގައި ހިމެނިގެން ގިނަ މެޗުތަކެއް ކުޅެން ނުލިބޭތީ ސާނޭ އެޓީމު ދޫކޮށްލަން ބޭނުން ވެފައިވާއިރު، އޭނާގެ ނިންމުން އޮޅުން ފިލުވަން ސިޓީން މީގެ ކުރިންވެސް ވަނީ އެދިފައެވެ.
ޝާލްކާއިން 2013 ވަނަ އަހަރުގެ ސީޒަނުގައި ކެރިއަރުފެށި ސާނޭ ވަނީ، އެ ކްލަބަށް ކުޅުނު 57 މެޗުގައި 13 ލަނޑު ކާމިޔާބު ކޮށްފައެވެ. އޭނާ އެ ކްލަބު ދޫކޮށް ސިޓީއަށް ބަދަލުވީ 2016 ވަނަ އަހަރުގެ ސީޒަނުގައެވެ.
އެގޮތުން ސާނޭ ވަނީ ސިޓީއަށް މިހާތަނަށް ކުޅުނު 134 މެޗުގައި 39 ލަނޑު ކާމިޔާބު ކޮށްފައެވެ. އަދި އޭނާ ވަނީ އެ ކްލަބާއެކު އިނގިރޭސި ޕްރިމިއާ ލީގު ދެ ފަހަރެއްގެ މަތިން ކާމިޔާބުކޮށްފައެވެ. މީގެ އިތުރުން އިނގިރޭސި ލީގު ކަޕް ދެ ފަހަރު، އެފްއޭ ކޮމިއުނިޓީ ޝީލްޑު ދެ ފަހަރު އަދި އެފްއޭ ކަޕް އެއް ފަހަރު ވަނީ ކާމިޔާބުކޮށްފައެވެ.