ސްޕެނިޝް ލީގުގެ އެއްވަނައިގައި ލީޑު ދަމަހައްޓަން ލިބުނު ފުރުސަތު އެންމެ ފަހުގެ ޗެމްޕިއަން ބާސެލޯނާއިން ނަގާލައިފިއެވެ.
ލީގުގައި ހުކުރު ދުވަހުގެރޭ ސެވިއްޔާ އާއި ބާސާ ބައްދަލުކުރި މެޗު ނިމުނީ ދެ ޓީމުންކުރެ ޓީމަކަށް ލަނޑެއް ކާމިޔާބުނުކުރެވި އެއްވަރުވެގެންނެވެ.
ސެވިއްޔާ ދަނޑުގައި ހުކުރު ދުވަހުގެރޭ ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމުގެ ފަރާތުންވެސް ފެނިގެންދިޔައީ ހަމަހަމަ ކުޅުމެކެވެ. މި ހާފުގައި އެންމެ ރަނގަޅު ފުރުސަތެއް ތަނަވަސްކުރީ ބާސާގެ ކެޕްޓަން ލިއޮނެލް މެސީއެވެ. އެކަމަކު މެސީ ފޮނުވާލި ހިލޭ ޖެހުމެއް ސެވިއްޔާގެ ޑިފެންޑަރަކު ވަނީ ގޯލު ރޮނގުމަތިން ސަލާމަތްކޮށްފައެވެ. މި ހާފުގައި ސެވިއްޔާއިން އެންމެ ރަނގަޅު ހަމަލާއެއް ފޮނުވާލީ އެ ޓީމުގެ ލޫކަސް އޮކަމްޕޯސްއެވެ. އެކަމަކު އޭނާ ފޮނުވާލި ހަމަލާ އަމާޒުވީ ގޯލުގެ ހުރަސް ދަނޑިއަށެވެ.
ދެ ވަނަ ހާފުގައިވެސް ދެ ޓީމުގެ ފަރާތުން ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު، މި ހާފުގައި ބާސާގެ ލުއިސް ސުއަރޭޒްއަށް ވަނީ ލީޑު ނަގަން ރަނގަޅު ފުރުސަތެއް ލިބި ބޭކާރުވެފައެވެ. ޖޯޑީ އަލްބާ ނަގައިދިން ހުރަހަކުން އޭރިއާ ތެރެއިން ސުއަރޭޒް ފޮނުވާލި ހަމަލާ ދިޔައީ ގޯލުގެ ހުރަސް ދަނޑިމަތިންނެވެ. އޭގެ ފަހުން ސެވިއްޔާގެ ސާޖިއޯ ރެގީލޮން ފޮނުވާލި ހަމަލާއެއް ބާސާގެ ގޯލްކީޕަރު ޓާ ސްޓެގެން ވަނީ މަތަކޮށްފައެވެ.
މި ނަތީޖާއާއެކު ބާސާ މި ވަގުތު އެއްވަނައިގައި އޮތީ 30 މެޗުން 65 ޕޮއިންޓާއެކުއެވެ. ދެވަނައިގައި އޮތް ރެއާލް މެޑްރިޑަށް 29 މެޗުން ލިބިފައިވަނީ 62 ޕޮއިންޓެވެ. އެހެންކަމުން އާދީއްތަ ދުވަހުގެރޭ ރެއާލް ސޮސިއެޑާޑް އަތުން މޮޅުވެގެން ރެއާލަށް ލީގުގެ އެއްވަނައަށް އެރޭނެއެވެ.