ކ. މާލެ
|
9 އޭޕްރިލް 2017 | އާދީއްތަ 06:17
ބަޔާން އަދި ޑޯޓްމަންޑް ބައްދަލުކުރި މެޗުގެ ތެރެއިން
ބަޔާން އަދި ޑޯޓްމަންޑް ބައްދަލުކުރި މެޗުގެ ތެރެއިން
ގޫގުލް
ޖަރުމަނު ލީގު
ޑޯޓްމަންޑް ބަލިކޮށް ބަޔާނުން ތާވަލުގެ އެއްވަނަ އަށް
މެޗުން މޮޅުވެ ބަޔާނުން ވަނީ އެއްވަނައިގައި 10 ޕޮއިންޓުގެ ލީޑެއް ނަގާފަ
ޑޯޓްމަންޑް އޮތީ ތާވަލުގެ 4 ވަނައި ގައި

ޖަރުމަނު ލީގުގައި ޑޯޓްމަންޑު މައްޗަށް ކުރިހޯދައި ބަޔާނުން ތާވަލުގެ އެއްވަނިއިގައި ހަމަޖެހިލައިފި އެވެ.

ހޮނިހިރު ދުވަހުގެ ރޭ ޑޯޓްމަންޑާ ދެކޮޅަށް ކުޅުނު މެޗް ބަޔާނުން ކާމިޔާބުކުރީ 4-1 ގެ ނަތީޖާއަކުންނެވެ. މުޅި މެޗު ކަހަލަ ގޮތަކަށް ބަޔާނުން ކޮންޓްރޯލް ކުރަމުން ދިޔައިރު، އެޓީމުން ވަނީ ވަރަށް ކުރީކޮޅުގައި ލަނޑެއް ކާމިޔާބުކޮށް ލީޑު ނަގާފަ އެވެ. މެޗުގެ 4 ވަނަ މިނެޓުގައި ލާމް ނަގައިދިން ހުރަހަކުން މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ފްރޭންކް ރިބެރީ އެވެ. އޭރިއާގެ ތެރޭގައި ހުރެ ފޮނުވާލި ބާރު ހަމަލާ އަމާޒުވީ ސީދާ ގޯލަށެވެ.

އޭގެ ކުޑަ ވަގުތު ކޮޅެއް ފަހުން އެޓީމުން ވަނީ އަނެއްކާވެސް ލަނޑެށް ކާމިޔާބުކޮށް ލީޑު ފުޅާކޮށްފަ އެވެ. މެޗުގެ 9 ވަނަ މިނެޓުގައި ލިބުނު ހިލޭޖެހުމަކުން މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ލެވަންޑޯވްސްކީ އެވެ. މިގޯލަށް ފަހު ބަޔާނަށް ވަނީ އަނެއްކާވެސް ލަނޑެށް ކާމިޔާބުކުރަން ފުލު ފުލުގައި ދެ ފުރުސަތު ލިބިފަ އެވެ. ނަމަވެސް ރޮބެން ފޮނުވާލި ދެ ހަމަލާވެސް ދިޔައީ ގޯލުގެ އަރިމަތިން ބޭރަށެވެ.

ބަޔާނުން ފުލުފުލުގައި ބޭކާރުކޮށްލި ދެ ފުރުސަތައްފަހު ޑޯޓްމަންޑުން ވަނީ މެޗުގައި އެޓީމުން ކާމިޔާބުކުރި ހަމައެކަނި ލަނޑު ޖަހައި ސުން ކަނޑުވާލާފަ އެވެ. މެޗުގެ 20 ވަނަ މިނެޓުގައި ބަޔާނުގެ ޑިފެންސް ލައިނުން ހެދި ގޯހެއްގެ ބޭނުން ހިފައި މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ގުރެއިރޯ އެވެ. އޭނާ މި ލަނޑު ކާމިޔާބުކުރީ ބަޔާނުގެ ޑިފެންޑަރަކު ސާފުކޮށްލަން އުޅުނު ބޯޅައެއް ލިބުމުން އޭރިއާގެ ބޭރުގައި ހުރެ ފޮނުވާލި ބާރު ބޯޅައަކުންނެވެ.

އޭގެ ފަހުންވެސް ބަޔާނަށް ވަނީ ލީޑު ފުޅާކުރަން ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ. މެޗުގެ ފުރަތަމަ ހާފު ނިމުނީ 2-1 ގެ ނަތީޖާއަކުން ބަޔާން ކުރީގައި އޮވެގެންނެވެ.

ދެވަނަ ހާފު ފެށިގެން ބަޔާނުން ވަނީ މޮޅު ކުޅުމެއް ދައްކާފަ އެވެ. އެގޮތުން ދެވަނަ ހާފު ފެށިތާ ތިންވަނަ މިނެޓުގައި ބަޔާނުން ވަނީ އަނެއްކާވެސް ލީޑު ފުޅާކޮށްފަ އެވެ. މެޗުގެ 48 ވަނަ މިނެޓުގައި ޑޯޓުމަންޑުގެ 3 ކުޅުންތެރިން ކައިރިން ނައްޓާލުމަށްފަހު ރޮބެން ފޮނުވާލި ހަމަލާ އަމާޒުވީ ސީދާ ގޯލުގެ ތިރީ ކަނަށެވެ.

ބަޔާނުން އެޓީމުގެ 4 ވަނަ ލަނޑު ކާމިޔާބުކުރީ ލިބުނު ޕެނަލްޓީއަކުން 68 ވަނަ މިނެޓުގަ އެވެ. އޭރިއާގެ ތެރެއިން ލެވަންޑޯވްސްކީއަށް ކުރި ފައުލާ ގުޅިގެން ޑޯޓްމަންޑު ކީޕަރަށް ވަނީ ރީނދޫ ކާޑު ދައްކާފަ އެވެ. ފައުލުކުރި ވަގުތުގައި ލެވަންޑޯވްސްކީ ވެއްޓި ޖެހުނު ގޮތުން އޭނާގެ ކޮނޑުހުޅަށް ވަނީ ކޮންމެވެސް ވަރަކަށް އަނިޔާ ވެފަ އެވެ. ލެވަންޑޯވްސްކީ މި ޕެނަލްޓީ ކާމިޔާބުކުރީ ވަރަށް ހަމަޖެހިލައިގެން ހުރެ ގޯލުގެ ތެރެއަށް ފޮނުވާލައިގެން ނެވެ.

މެޗުން މޮޅުވެ ބަޔާން މިއުނިކުން ވަނީ 10 ޕޮއިންޓުގެ ލީޑެއް ނަގާ ތާވަލުގެ އެއްވަނައިގައެވެ. އެޓީމަށް ކުޅުނު 28 މެޗުން ލިބިފައިވަނީ 68 ޕޮއިންޓެވެ. ދެވަނައިގައި އޮތް ލީޕްޒިންގް އަށް ކުޅުނު 28 މެޗުން ލިބިފައިވަނީ 58 ޕޮއިންޓެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަހުމަދު މުހުސިނު
- ކޮމެންޓް