ކ. މާލެ
|
18 ޖޫން 2020 | ބުރާސްފަތި 08:54
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޝަރީއަތް ކުރިއަށް ދިޔައިރު އިދިކޮޅުން ބޭއްވި މުޒާހަރާގެ ތެރެއިން
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޝަރީއަތް ކުރިއަށް ދިޔައިރު އިދިކޮޅުން ބޭއްވި މުޒާހަރާގެ ތެރެއިން
ޔޫސުފް ސޮފްވާން ރަޝީދު
ރައްޔިތުންގެ ހައްގުތައް ހޯދައިދިނުން
ރައްޔިތުންގެ ހައްގުތައް ހޯދައިދިނުމަށް ބާއްވާ އިހްތިޖާޖުތައް ފެށުމަށް ދަނީ ތައްޔާރުވަމުން: އިދިކޮޅު
އަތޮޅުތަކުގެ ބައްދަލުވުން ވަނީ ފަށާފައި
މަސައްކަތްތައް ކުރިއަށް ގެންދިއުމާ ގުޅޭ ގޮތުން މަޝްވަރާ ކުރި
ލޯކަލް ކައުންސިލް އިންތިޚާބާ ގުޅޭގޮތުން ވެސް މަޝްވަރާކުރި

ރައްޔިތުންގެ ހައްގުތައް ހޯދައިދިނުމަށް ބާއްވާ އިހްތިޖާޖުތައް ފެށުމަށް ތައްޔާރުވަމުންދާ ކަމަށް ޕްރޮގްރެސް ކޮންގްރެސްއިން ބުނެފިއެވެ.

އިހްތިޖާޖުތައް ފެށުމަށް ތައްޔާރުވަމުންދާ ކަމަށް ކޯލިޝަނުން ހާމަކޮށްފައިވަނީ އަތޮޅުތަކުގެ ބައްދަލުވުންތައް ފަށައި ހއ. އަތޮޅުގެ ރަށްރަށުގައި ޕީޕީއެމް އަދި ޕީއެންސީގައި އިސްކޮށް މަސައްކަތްކުރާ މަންދޫބުންނާއެކު ބޭއްވި މަޝްވަރާ ބައްދަލުވުމުގައެވެ.

ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ރިޔާސަތު ބެލެހެއްޓެވި މިބައްދަލުވުމުގައި ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް އާއި ޕީޕަލްސް ނޭޝަނަލް ކޮންގްރެސްގެ ލީޑަރޝިޕްގެ މެމްބަރުން ބައިވެރިވެވަޑައިގެންނެވިއެވެ.

ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް އަތޮޅުތަކުގެ ބައްދަލުވުމުގެ ފުރަތަމަ ބައްދަލުވުން ބުދަ ދުވަހުގެ ރޭ ކުރިއަށް ގެންގޮސް މައިގަނޑު ގޮތެއްގައި މަޝްވަރާކޮށްފައިވަނީ ކޯލިޝަންގެ މަސައްކަތްތައް ކުރިއަށް ގެންދިއުމާއި، ސިޔާސީ ހަރަކާތްތައް އިތުރަށް ވަރުގަދަ ކުރުމާ ގުޅޭގޮތުންނެވެ. އަދި ލޯކަލް ކައުންސިލް އިންތިޚާބާ ގުޅޭގޮތުން ވެސް މަޝްވަރާ ކުރެވުނެވެ.

މިބައްދަލުވުމާ ގުޅޭގޮތުން ޕީޕީއެމް/ޕީއެންސީން ބުނީ އަތޮޅުތަކުގެ މަންދޫބުން އެރަށްރަށުގެ ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް ލީޑަރޝިޕާއި ހިއްސާކުރި ކަމަށެވެ. އަދި ސަރުކާރުގެ ދޯހަޅި ސިޔާސަތުގެ ސަބަބުން ރައްޔިތުންގެ ވަރަށް ގިނަ އުދާސްތަކެއް ހުރި ކަމަށާއި، މި ސަރުކާރާ ދެކޮޅަށް އިޙްތިޖާޖުކުރުމަށް ލީޑަރޝިޕަށް ހުށަހެޅި ކަމަށެވެ.

އިދިކޮޅު ޕާޓީއެއްގެ ހައިސިއްޔަތުން ސަރުކާރު ޖަވާބުދާރީ ކުރުވުމަށް ކުރެވެންހުރި ހުރިހާ މަސައްކަތްތަކެއް ކުރާނެކަމުގެ ޔަގީންކަން ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ލީޑަރޝިޕުން ވަނީ މަންދޫބުންނަށް ދީފައެވެ. އަދި 14 ޖޫން 2020 ގައި ކޯލިޝަންގެ ކައުންސިލް ބައްދަލުވުމުން ނިންމާފައިވާ ގޮތަށް ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި ވެސް ރައްޔިތުންގެ ހައްގުތައް ހޯދައިދިނުމަށް ބާއްވާ އިހްތިޖާޖުތައް ފެށުމަށް ތައްޔާރުވަމުންދާ ކަމަށް ވެސް ކޯލިޝަންގެ ލީޑަރޝިޕުން މައުލޫމާތު ވަނީ ދީފައެވެ.

ރައްޔިތުންގެ ހައްގުތައް ހޯދައިދިނުމަށް ބާއްވާ އިހްތިޖާޖުތައް ފެށުމަށް ތައްޔާރުވަމުންދާ ކަމަށް އިދިކޮޅުން ހާމަކޮށްފައިވާއިރު ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލަށްލުމާ ގުޅިގެން ވެސް ސިލްސިލާ މުޒަހާރާތަކެއް ފެށިއެވެ. އަދި ރައީސް ޔާމިން ޖަލުން މިނިވަން ނުކޮށް މުޒާހަރާ ހުއްޓާނުލާނެ ކަމުގެ އިންޒާރު ވެސް ދިނެއެވެ. ނަމަވެސް މާގިނަ ދުވަހެއް ނުވެ މުޒާހަރާތައް ކުރުން ވަނީ ހުއްޓާލާފައެވެ.

- ކޮމެންޓް