ރައްޔިތުންގެ މަޖިލީހުގެ އިދާރީ ބައިގައި މަސައްކަތް ކުރާ މުވައްޒަފަކު ކޮވިޑް19އަށް ޕޮޒިޓިވްވުމާއި ގުޅިގެން އެ އިދާރާ ޑިސްއިންފެކްޓް ކުރުމުގެ މަސައްކަތް ކޮށްފިއެވެ.
ރައްޔިތުންގެ މަޖިލީހުން ބުނީ މަޖިލީހުގެ އިދާރާގެ މެއިންޓަނަންސް ޔުނިޓުގައި މަސައްކަތް ކުރާ މުވައްޒަފަކު ކޮވިޑް-19އަށް ޕޮޒިޓިވްވުމާއި ގުޅިގެން އަޅަންޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަމުންދާ ކަމަށެވެ.
މުވައްޒަފު ޕޮޒިޓިވްވުމާއި ގުޅިގެން ކޮންޓެކްޓް ޓްރޭސިންގ ހެދުމާއި މަޖިލީހުގެ އިދާރާ ޑިސްއިންފެކްޓް ކުރުމުގެ މަސައްކަތްތައް މިހާރު އަންނަނީ ކުރަމުންނެވެ. މަޖިލީހުގެ އިދާރާއިން މައުލޫމާތު ދީފައިވާ ގޮތުގައި، ކޮވިޑް-19އާ ގުޅޭގޮތުން އާންމު ކޮށްފައިވާ އުސޫލުތަކާ އެއްގޮތަށް ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށްފަހު މަޖިލީހުގެ މަސައްކަތް މަޖިލީހުގެ އިދާރާގައި ކުރިއަށްދާނެ ކަމަށެވެ.
މަޖިލީހުގެ އިދާރާގެ މަސައްކަތް ފެށިއިރު ވެސް މިފަދަ ކަމެއް މެދުވެރިވެދާނެ ކަމަށްބަލާ، ދުރާލާ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅާފައިވާކަން ފާހަގަކޮށް އެއިދާރާއިން ބުނީ ރޯގާއާ ގުޅޭގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުން، މަޖިލީހުގެ މަސައްކަތްތައް މަޖިލިސްކުރާ ގޭގައި ކުރިއަށް ގެންދިއުމަކީ މަޖިލީހުގެ އަމާޒެއް ކަމަށެވެ.
އެހެންކަމުން، ކޮވިޑް19އާ ގުޅޭގޮތުން އާންމުކޮށްފައިވާ އުސޫލުތަކާ އެއްގޮތަށް ރައްކާތެރިކަމުގެ ފިޔަވަޅުތައް އިތުރަށް ވަރުގަދަކުރުމަށްފަހު މަޖިލީހުގެ މަސައްކަތް މަޖިލީހުގެ އިދާރާގައި ކުރިއަށްގެން ދިއުމުގެ މުހިއްމުކަން ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވެސް ވަނީ ފާހަގަކުރައްވާފައެވެ.