ކޮވިޑް-19 އާ ގުޅިގެން އެކި ސަބަބުތަކާއިހުރެ ގައުމަށްދާން ބޭނުންވި އިންޑިއާގެ އިތުރު 165 މީހަކު ބުދަ ދުވަހު ފުރުވާލައިފިއެވެ.
އިންޑިއާ ސަރުކާރުން ޗާޓަރުކުރި އިންޑިއާ އެއަރ ފްލައިޓުގައި މި މީހުން ގޮސްފައިވަނީ ބުދަ ދުވަހުގެ މެންދުރުގެ ވަގުތެއްގައެވެ. މި އަދަދާއިއެކު، މި ލޮކްޑައުން ތެރޭގައި އިންޑިއާގެ 4000ށް ވުރެ ގިނަ މީހުން ވަނީ އަނބުރާ ގައުމަށް ގެންްގޮސްފައިއެވެ. އޭގެ ތެރޭގައި ވައިގެމަގާއި ކަނޑުގެ މަގުން ގެންދިޔަ މީހުން ހިމެނެއެވެ.
ރާއްޖެ.އެމްވީއަށް މައުލޫމާތު ދެއްވަމުން ރާއްޖޭގައި ހުންނަ އިންޑިއާ ހައިކޮމިިޝަންގެ ޑެޕިއުޓީ ހައިކޮމިޝަނަރު ރޯހިތް ރަތީޝް ވިދާޅުވީ، ބުރާސްފަތި ދުވަހު އިތުރު 170 މީހަކު ފުރުވާލަން ހަމަޖެހިފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ، ކޮވިޑާއި ގުޅިގެން ރިސޯޓުގައި ތާށިވެފައި ތިބި އިންޑިއާގެ ރައްޔިތުން ގެންދިޔުމަށް އެ ރިސޯޓުތަކުންވެސް ފްލައިޓްތައް ޗާޓަރު ކުރަމުން އަންނަ ކަމަށެވެ.
ކޮވިޑުގެ ބިރުވެރިކަން ރާއްޖެއަށް ބޮޑުވެ ރިސޯޓުތައް ބަންދުކުރި ހިސާބުން ފެށިގެން ދިވެހިންގެ އިތުރުން ގިނަ އަދަދެއްގެ ބިދޭސީންގެ ވަޒީފާތައް ވަނީ ގެއްލިފައެވެ. އަދި ވަކިން ހާއްސަކޮށް މާލެ ލޮކްޑައުން ކުރުމާއި ގުޅިގެން ގިނަ އަދަދެއްގެ ބިދޭސީންތަކެއް ދަނީ ގައުމަށް ދާން ބޭނުންވެގެން އެ ގައުމުތަކުގެ ސަރުކާރުން އެދެމުންނެވެ. އެގޮތުން ސްރީލަންކާ, ނޭޕަލް އަދި އިންޑިއާގެ އިތުރުން އެހެނިހެން ގައުމުތައް ހިމެނެއެވެ.