އިގްތިސާދަށް އައިސްފައިވާ ހީނަރުކަމާއިއެކު، މި ދަނޑިވަޅަކީ މިނިމަމް ވޭޖެއް ކަނޑައަޅަން އެންމެ ރަނގަޅު ވަގުތެއް ނޫން ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.
މިނިމަމް ވޭޖް ރިޕޯޓާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލިހުގެ އިގްތިސާދީ ކޮމިޓީގައި ވާހަކަދައްކަވަމުން މިނިސްޓަރ އަމީން ވިދާޅުވީ، މި އަހަރުގެ ތެރޭގައި ރާއްޖޭގެ ގައުމީ އުފެއްދުންތެރިކަން 11.5 އިންސައްތައިގެ ކޮންޓްރެކްޝަނެއް އަންނާނެ ކަމަށެވެ. އަދި ބަލީގެ ހާލަތަށް ބަލާއިރު، ދެވަނަ ރާޅެއް އައިސްދާނެ ކަމުގެ ބިރު ބޮޑުވެފައިވާ ދަނޑިވަޅެއްގައި އިކޮނޮމިކް އައުޓްލުކް ބުނަން ދަތި ކަމަށެވެ.
މިނިމަމް ވޭޖް ބޯޑުގެ ލަފާގައި ވަނީ، އެންމެ ކުޑަ އުޖޫރައަކީ އަސާސީ މުސާރައިގެ ގޮތުގައި 6،400ރ. ކަނޑައެޅުމަށެވެ. އަދި ސިވިލް ސަރވިސްގައި މަސައްކަތްކުރާ މުވައްޒަފުންނާއި ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށް 6،400ރ.-8،600ރ. ދެމެދުގެ އަދަދެއް ކަނޑައެޅުމަށެވެ. މި އަދަދުތަކަކީ ވެސް މާ ބޮޑެތި އަދަދުތަކެއް ކަމަށް އަމީރު ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވީ މިހާރު ކަނޑައަޅާފައިވާ އަދަދުތަކަކީ، ބައިނަލްއަގްވާމީ މިންގަނޑުން ބެލިކަމުގައިވީ ނަމަވެސް، ނިސްބަތުން ބޮޑު މިންވަރެއް ކަމަށެވެ. އެގޮތުން ތަރައްގީވެފައިވާ ގައުމުތަކުގައި ވެސް މިނިމަމް ވޭޖްގެ ގޮތުގައި ކަނޑައަޅަނީ، ބޮލަކަށް ޖެހޭ އެވަރެޖް އާމްދަނީގެ %35-%25 ދޭތެރޭގެ އަދަދެއް ކަމަށެވެ. ރާއްޖޭގެ މިހާރުގެ އެވަރެޖް މުސާރައަކީ 9،014ރ. ކަން ފާހަގަކުރައްވާ މިނިސްޓަރ ވިދާޅުވީ، 6،400ރ. އަކީ 81 އިންސައްތަ ކަމަށެވެ.
ބިދޭސީ މުވައްޒަފުންގެ މުސާރައިގެ ބޮޑު ބައެއް ރާއްޖެއިން ބޭރުވާތީ މިނިމަމް ވޭޖް ތަންފީޒުކޮށްފިނަމަ ރެމިޓެންސްގެ ގޮތުގައި ރާއްޖެއިން ބޭރުވާނެ މިންވަރު 278 މިލިއަން ޔޫއެސް ޑޮލަރު އިތުރުވާނެ ކަމަށް އަންދާޒަ ކުރެވޭނެ ކަމަށް އަމީރު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ 6،400 ދަށުގެ މުސާރަ ލިބެނީ 22،308 މުވައްޒަފުންނަށް ކަމަށެވެ.
އަޅުގަނޑުމެން މިހާރު 6400ރ. މިނިމަމް ވޭޖް ކަނޑައަޅައިފި ނަމަ މިނިމަލް އެކްސްޕެންޑިޗަރ އެއްގެ ގޮތުގައި ބަޖެޓަށް އިތުރުވާނެ ކަމަށް އަޅުގަނޑުމެންނަށް ލަފާކުރެވޭ 1.4 ބިލިއަން ރުފިޔާ. އަދި އެހެން ޖޮބް ރޭންތަކުގެ މުވައްޒަފުންނަށް ހިނގާނެ ކަމަށް ލަފާކުރެވޭ އަދަދަކީ 21،974 މީހުން. އޭގެ މާނައަކީ 6،400ށް މިނިމަމް ވޭޖް ޖެއްސީމާ އޭގެ މައްޗަށް ތިބޭ މީހުންގެ މުސާރަ އެޑިޝަނަލީ އިތުރުވެގެން ދާނެ. އެއަށް އެޑިޝަނަލީ އަޅުގަނޑުމެން ބަޖެޓް ކުރަން އެބަޖެހޭ 2.3 ބިލިއަން ރުފިޔާއިބްރާހިމް އަމީރު - ފިނޭންސް މިނިސްޓަރު
މިނިސްޓަރު ވިދާޅުވީ، އަސާސީ މުސާރައެއްގެ ގޮތުގައި 6،400ރ. ކަނޑައެޅުމުން، ސިވިލް ސަރވިސްގެ 486 މީހެއްގެ މުސާރައަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށެވެ. މިނިމަމް ވޭޖް ކަނޑައެޅުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދެކެވެ.