ކ. މާލެ
|
16 ޖޫން 2020 | އަންގާރަ 12:42
ގައުމީ ފުޓްބޯޅަ ޓީމުގެ ނެދަލެންޑްސްގެ މާޓިން ކޫޕްމަން: ޖުލައި މަހު އަލުން ފަރިތަކުރުންތައް ފަށާނެ
ގައުމީ ފުޓްބޯޅަ ޓީމުގެ ނެދަލެންޑްސްގެ މާޓިން ކޫޕްމަން: ޖުލައި މަހު އަލުން ފަރިތަކުރުންތައް ފަށާނެ
އެފްއޭއެމް
ކުޅުންތެރިންގެ ފިޓްނަސްގެ މައްސަލަ
އެންމެ ބޮޑު ގޮންޖެހުމަކީ ކުޅުންތެރިންގެ ފިޓްނަސް: ކޫޕްމަން
ފަރިތަކުރުންތައް ފަށާނީ ޖުލައި މަހުގެ ހަތަރުވަނަ ދުވަހު
ފަރިތަކުރުންތައް ކުރިއަށް ގެންދާނީ ދެ ގްރޫޕަކަށް ބަހާލައިގެން
ކުރީގެ ސްކޮޑަށް އިތުރު ކޮށްފައިވަނީ އަލީ ޝާމިސް (ތޮއްޕޭ) އާއި ރިހާމް އަބްދުލް ޣަނީ (ބޮބީ)

ގައުމީ ޓީމުގެ ފަރިތަކުރުންތައް ފަށާއިރު އޮތް އެންމެ ގޮންޖެހުމަކީ ކުޅުންތެރިންގެ ފިޓްނަސް ކަމަށް ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗު ނެދަލެންޑްސްގެ މާޓިން ކޫޕްމަން ބުނެފިއެވެ.

އަންނަ މަހުގެ ހަތަރުވަނަ ދުވަހު ގައުމީ ޓީމުގެ ފަރިތަކުރުންތައް ފަށާއިރު، މިދިޔަ ފެބްރުއަރީ މަހާއި މާޗު މަހުގެ ކުރީކޮޅުގައި ގައުމީ ޓީމުގެ ފަރިތަކުރުންތައް ކުރިއަށް ގެންގޮސްފައިވަނީ 31 ކުޅުންތެރިންގެ ސްކޮޑަކާ އެކުއެވެ.

މިދިޔަ ހަފުތާގައި މީޑިއާގައި ގައުމީ ޓީމުގެ 25 ކުޅުންތެރިންގެ ލިސްޓެއް އާންމުވި ނަމަވެސް، ހޯމަ ދުވަހު އެފްއޭއެމުން ވަނީ ގައުމީ ޓީމުގެ 32 ކުޅުންތެރިންގެ ސްކޮޑެއް އެކުލަވާލާފައެވެ. އެހެންކަމުން ކުރީގެ ސްކޮޑަށް އިތުރުވީ ޓީސީ ސްޕޯޓްސް ކްލަބުގެ އަލީ ޝާމިސް (ތޮއްޕޭ) އާއި ކްލަބު އީގަލްސްގެ ރިހާމް އަބްދުލް ޣަނީ (ބޮބީ) އެވެ.

ހޯމަ ދުވަހުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ކޫޕްމަން ބުނީ ގައުމީ ޓީމުގެ ފަރިތަކުރުންތައް 32 ކުޅުންތެރިންނާއެކު ފަށާނީ ދެ ގްރޫޕަކަށް ބަހާލައިގެން ކަމަށެވެ. އަދި ގައުމީ ޓީމުގެ ކުޅުންތެރިން އަލުން ފަރިތަކުރުންތަކަށް ނުކުންނައިރު ގިނަ ކަންތައްތަކާ ގުޅޭގޮތުން ވާހަކަ ދައްކަން ޖެހޭ ކަމަށާއި އެ ކަންތައްތަކާ ގުޅޭ ގޮތުން ގައުމީ ޓީމުގެ ޑޮކްޓަރުންނާއެކު އެކި މަޝްވަރާތަކެއް ކުރެވިފައިވާ ކަމަށެވެ. ކޫޕްމަން އިތުރަށް ބުނީ ފަރިތަކުރުންތައް ފަށައިގެން އެންމެ ބޮޑު ގޮނެޖްހެމަކަށް ވާނީ ކުޅުންތެރިންގެ ފިޓްނަސް ކަމަށާއި، އެކަމަށް ފޯކަސް ކޮށްގެން މަސައްކަތް ކުރާނެ ކަމަށެވެ.

ގައުމީ ޓީމުގެ އަސިސްޓަންޓް ކޯޗު އަލީ ސުޒޭން ބުނީ ފެބްރުއަރީ މަހު ފުޓްބޯޅަ މެދުކަނޑާލި ހިސާބުން ކުޅުންތެރިންނަށް ވަރަށް އުނދަގޫ ހާލަތެއް ކުރިމަތިވި ކަމަށެވެ. އަދި ފަރިތަކުރުންތައް ފަށައިގެން ފުރަތަމަ މެޗާއި ދޭތެރޭ ފުދޭ ވަރަކަށް ދިގު މުއްދަތެއް އޮތުމާއެކު، ފަރިތަކުރުންތަކުގައި ކުޅުންތެރިން ފިޓްކުރުމަށް ކުރަން ޖެހޭ ހުރިހާ ކަމަކަށް ވަރަށް ފުރިހަމައަށް ތައްޔާރުވެފައި ތިބި ކަމަށްވެސް ސުޒޭން ބުންޏެވެ.

ގައުމީ ޓީމުގެ ފަރިތަކުރުންތައް ފަށާއިރު، މި މަހު ކުޅުންތެރިން ގޭގައި ތިބެ ފިޓްނަސްއަށް މަސައްކަތް ކުރަން ކޯޗު ވަނީ އަންގާފައެވެ. އަދި އޮގަސްޓް މަހުގެ ތެރޭގައި ގައުމީ ޓީމުގެ ހުރިހާ ކުޅުންތެރިން އެކުގައި ތަމްރީނު ހެދޭނެ ކަމަށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ރައީސް ބައްސާމް އަދީލް ޖަލީލް މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.

ކޮރޯނާވައިރަސް (ކޮވިޑް-19) ގެ ސަބަބުން ފަސްކުރި 2022 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕާއި 2023 އަހަރުގެ އޭއެފްސީ އޭޝިއަން ކަޕްގެ ޖޮއިންޓް ކޮލިފައިންގ މެޗުތައް އަންނަ އޮކްޓޯބަރު މަހު ފަށަން އޭއެފްސީން މިހާރު ވަނީ ނިންމާފައެވެ. އެގޮތުން ރާއްޖެ އާއި ޗައިނާގެ މެޗު މިހާރު ވަނީ އޮކްޓޯބަރު މަހުގެ އަށްވަނަ ދުވަހަށް ތާވަލު ކޮށްފައެވެ. އަދި ރާއްޖެ އާއި ސީރިއާ ކުޅޭ މެޗު އޮކްޓޯބަރު މަހުގެ 13 ވަނަ ދުވަހަށް މާލޭގައި ކުޅުމަށް ތާވަލު ކޮށްފައިވާއިރު، ރަށުން ބޭރުގައި ފިލިޕީންސް އާ ދެކޮޅަށް ރާއްޖެ ކުޅޭ މެޗު ވަނީ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހަށް ތާވަލުކޮށްފައެވެ.

އޭޝިއާ ސަރަހައްދުން ހަތަރު ގައުމެއް 2022 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕަށް ކޮލިފައިވާއިރު، ކޮލިފައިންގައި ރާއްޖެ އޮތީ ހަތަރު މެޗުން ހަ ޕޮއިންޓާއެކު ގްރޫޕުގެ ހަތަރުވަނައިގައެވެ. ގްރޫޕުގެ އެއްވަނައިގައި އޮތީ ފަސް މެޗުން 15 ޕޮއިންޓާއެކު ސީރިއާއެވެ. ޗައިނާ ހަތަރު މެޗުން ހަތް ޕޮއިންޓާއެކު ދެވަނައިގައި އޮތްއިރު، ތިންވަނައިގައި އޮތީ ފަސް މެޗުން ހަތް ޕޮއިންޓު ހޯދާފައިވާ ފިލިޕީންސެވެ. ރާއްޖޭގެ ފަހަތުން ފަސްވަނައިގައި އޮތީ ފަސް މެޗު ކުޅެ ޕޮއިންޓެއް ލިބިފައިނުވާ ގުއާމެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް