ބޭންކް އޮފް މޯލްޑިވްސް ލިމިޓެޑް (ބީއެމްއެލް)ގެ ކާޑުތަކެއްގެ މައުލޫމާތު ލީކުވި މައްސަލަ، ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިސަސް (އެސްއޯއީ) ކޮމެޓީން ބަލަން ނިންމައިފިއެވެ.
ބީއެމްއެލްގެ ސައިބަރ ތްރެޓް އަދި ސައިބަރ ސެކިއުރިޓީއާ ގުޅޭގޮތުން، މައްސަަލަ ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެމްބަރު އަދި އެސްއޯއީ ކޮމެޓީގެ މެމްބަރު އިބްރާހީމް ރަޝީދުއެވެ.
މި މައްސަލަ ބެލުމަށް ކޮމެޓީން ނިންމާފައިވާއިރު، މައްސަލަ ބެލުމުގެ މައިގަނޑު ބޭނުމަކީ މިފަދަ ކަމެއް ދެވަނަ ފަހަރަށް ތަކުރާރުވިޔަ ނުދިނުމަށް ބޭންކުން އަޅާނެ ފިޔަވަޅުތައް ބެލުން ކަމަށް އެސްއޯއީ ކޮމެޓީގެ މުގައްރިރު އިލްޔާސް ލަބީބު ވިދާޅުވިއެވެ.
ބީއެމްއެލްގެ 350 ކާޑެއްގެ މައުލޫމާތު ޑާކްވެބުގައި ލީކުވެފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް ބީއެމްއެލުން ވެސް ވަނީ ކަށަވަރުކޮށްދީފައެވެ. އަދި އެކަމާގުޅިގެން ބީއެމްއެލުން ވަނީ ބަޔާނެއް ވެސް ނުރެފައެވެ. ބީއެމްއެލުން ބުނީ، އެ ބޭންކުގެ އެއްވެސް ކާޑެއްގެ މައުލޫމާތެއް އެބޭންކުން ލީކު ނުވާ ކަމަށެވެ.
ބީއެމްއެލްގެ ކާޑުގެ މައުލޫމާތުތަކެއް ޑާކް ވެބްގައި ލީކުވެފައިވާކަމަށް ބުނެ ބައެއް ކަސްޓަމަރުން ވަނީ ސޯޝަލް މީޑިޔާގައި އެކަމުގެ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެކަމާއި ގުޅިގެން ބީއެމްއެލްއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ބޭންކު ތެރެއިން ކާޑުގެ އެއްވެސް މައުލޫމާތެއް ލީކްނުވި ނަމަވެސް، ފިހާރަތަކާއި އޮންލައިން މާޗެންޓުން އަތުން ކާޑުގެ މައުލޫމާތު ލީކްވެދާނެ ކަމަށެވެ.
އެގޮތުން މިދިޔަ ބުރާސްފަތި ދުވަހު ބީއެމްއެލްގެ ކާޑު ޕާޓްނަރުންގެ ތެރެއިން ބޮޑު ވިޔަފާރިއަކުން ކާޑުތަކެއްގެ މައުލޫމާތު ލީކްވެފައިވާކަން ބޭންކަށް އަންގާފައި ކަމަށް ބަޔާނުގައި ބުނެފައި ވެއެވެ. މިކަމުގެ ސަބަބުން ބީއެމްއެލްއިން ދޫކޮށްފައިވާ އެބޭންކުގެ 350 ކާޑަށް އަސަރު ކޮށްފައިވާކަމަށްވެސް ބަޔާނުގައި ބުނެފައި ވެއެވެ. އަދި މިފަދަ ކަންކަމުގެ ސަބަބުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބޭ އެތައް މިލިއަން މީހުންނަށް މިކަމުގެ އަސަރުކުރާނެ ކަމަށް ބަޔާނުގައި ވެއެވެ.
މިކަމާއި ގުޅިގެން މިހާރު މިކާޑުތައް ޑީއެކްޓިވޭޓް ކޮށްފައިވާ ކަމަށާއި އެ ކަސްޓަމަރުންނަށް އައު ކާޑުތައް މިހާރު ދޫކުރަމުންދާ ކަމަށް ބަޔާނުގައި ބުނެފައި ވެއެވެ. އަދި ވިޔަފާރިތަކުން މައުލޫމާތު ލީކުވެ ދިމާވާ މިކަހަލަ ކަންކަމުގައި އެއްވެސް ކަސްޓަމަރަކަށް މާލީ ގޮތުން ގެއްލުމެއް ނުވާނެ ކަމަށްވެސް ބީއެމްއެލްގެ ބަޔާނުގައި ވެއެވެ.