މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ މަސައްކަތުގެ ދާއިރާތައް ރައްޔިތުންގެ މަޖިލީހުން ފާސްކުރެއްވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ މައްސަލަ، ދިރާާސާކޮށް ގޮތެއް ނިންމުމަށް ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީއަށް ފޮނުވައިފި އެވެ.
ހޯމަ ދުވަހުގެ ޖަލްސާގައި މިމައްސަލަ ދިރާސާކުރުމަށް ކޮމިޓީއަށް ފޮނުވާފައިމިވަނީ، ހައުސިންގ މިނިސްޓަރަކަށް ހުންނެވި އައިމިނަތު އާތިފާ ޝަކޫރު އެމަގާމުން އިސްތިއުފާ ދެއްވުމާއި ގުޅިގެން، އެމިނިސްޓްރީ ރައީސުލްޖުމްހޫރިއްޔާ އުވާލެއްވުމާއި ގުޅިގެންނެވެ. ހައުސިންގ މިނިސްޓްރީ އުވާލެއްވުމަށްފަހު، ޤާނޫނު އަސާސީގެ 116 ވަނަ މާއްދާގެ ހ ގެ ދަށުން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ އިޚްތިޔާރުގެ ދަށުން ވަނީ ޕްލޭނިންގ މިނިސްޓްރީ އާއި ހައުސިންގ މިނިސްޓްރީ އެއްކުރައްވާ، އެ މިނިސްޓްރީ ހިންގެވުން ޕްލޭނިންގ މިނިސްޓަރުކަން ކުރައްވަމުން ގެންދެވި މުޙައްމަދު އަސްލަމަށް ދެއްވާފައެވެ.
ރައީސް އޮފީހުން ބުނިގޮތުގައި އައިމިނަތު އާތިފާ ޝަކޫރު މިނިސްޓަރ އޮފް ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓްގެ މަގާމުން އިސްތިއުފާ ދެއްވީ އެކަމަނާގެ ޞިއްޙީ ހާލުކޮޅު ހުރި ގޮތުން އެމަގާމުގެ ވާޖިބު އަދާކުރެއްވުމަށް އުޒުރުވެރިވެ ވަޑައިގަންނަވާތީއެވެ. އެކަމަނާގެ ޞިއްޙީ ހާލުކޮޅު ރަނގަޅު ވަމުންނުދާތީ އެކަމުގެ މައުލޫމާތުވެސް އެކަމަނާ ރައީސް ޞާލިހާ ހިއްސާ ކުރެއްވި ކަމަށް ރައީސް އޮފީހުން ބުނެއެވެ.
މި ސަރުކާރު އައިސްފައިވަނީ ހައުސިންގެ ގިނަ މަޝްރޫއުތަކެއްގެ ވައުދާއެކުއެވެ. އެކަމަކު އެމަޝްރޫއުތައް ކުރިއަށްދާންވީ ސްޕީޑުގައި ނުދާތީ އެކަމުގެ ފާޑުކިޔުންތައް މަޖިލީހުގެ ތެރޭގައި އެމްޑީޕީ މެންބަރުން ވަނީ އާތިފާއަށް އަމާޒުކުރައްވާފައެވެ.