ދިވެހިރާއްޖޭގެ ފުރަމަތަ ޑިމޮކްރެޓިކް ވެރިކަން ވައްޓާލީ ބަޣާވާތަކުންކަން ދިވެހި އެތައް ރައްޔިތުންނެއް ބުނަމުންދާތީއާއި، ގައުމުގައި ސިޔާސީ ހަމަނުޖެހުން ބޮޑުވެ، އަދި ގައުމީ މަސްލަހަތައްޓަކައި މިމައްސަލަ ތަހުގީގު ކުރުމަކީ ކުރަންޖެހޭ ކަމެއްކަމަށް ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށި ދާއިރާގެ މެމްބަރު އަހުމަދު ސަލީމް (ސައްލެ) ވިދާޅުވެއްޖެއެވެ.
ސަލީމް މިހެން ވިދާޅުވީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ބަޣާވާތަކުން ވައްޓާލުމަށްފަހު، ވެރިކަމަށް އަރާވަޑައިގެންނެވި ޑރ. މުހައްމަދު ވަހީދު ހަސަންމަނިކަށް "ބާޣީ"އަށް ގޮވުމުން، އެމްޑީޕީގެ ޙަރަކާތްތަކުގައި ފޮޓޯގްރާފަރެއްގެ ގޮތުގައި މަސައްކަތްކުރާ އިބްރާހީމް ޖައުފަރުގެ މައްސަލައެއް ފުލުހުން ބަލަމުންދާތީއާއި ވަހީދުގެ ވެރިކަމުގައި ދިވެހި އެތައް ސަތޭކަ ރައްޔިތުންނަށް ދިން އަނިޔާތަކަށް އިންސާފު ނުލިބިދާތީ، އެކަން ރައްޔިތުންގެ މަޖިލީހާއި ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށް ހުށަހެޅުނު ކުއްލި މައްސަލައަށް ބަހުސް ކުރަން ވަމުންނެވެ.
ސަލީމް ވިދާޅުވީ، ފެބްރުއަރީ 7، 2012ގައި ކުރީގެ ރައީސް ނަޝީދުގެ ވެރިކަން ބަދަލުކުރި ގޮތުގެ ރިޕޯޓެއް އޭރުގެ ސަރުކާރުން އެކުލަވާލި، ނޭޝަނަލް ކޮމިޝަން އޮފް އިންކުއަރީ (ކޯނި)ގެ ރިޕޯޓުގައި އެއީ "ބަޣާވާތެއް" ކަމަށް ކަނޑައަޅާފައި ނެތްނަމަވެސް، އެ ރިޕޯޓާއި މެދު ދިވެހި ރައްޔިތުން ސުވާލު އުފައްދާފައިވާ ކަމަށެވެެ. އަދި ރައީސް ނަޝީދުގެ ވެރިކަން ބަދަލުކުރީ ބަޣާވާތަކުންކަމަށް ދިވެހި ގިނަ ރައްޔިތުން ބުނަމުންދާއިރު، މިމައްސަލަ ތަހުގީގު ކުރަންޖެހޭ ކަމަށެވެ.
އެގޮތުން، ސަލީމް ވަނީ ރައީސް ނަޝީދުގެ ވެރިކަން ބަދަލުވި ގޮތުގެ ތަހުގީގެއް ހިންގުމަށްޓަކައި ސަންސެޓް ގާނޫނެއް ވުޖޫދުކުރުމަށް ހުށަހަޅުއްވާފައެވެ.
އެކިއެކި ކަންކަން ތަހުގީގު ކުރުމަށްޓަކައި އަޅުގަނޑުމެން ސަންސެޓް ގާނޫނު އެބަ އުފަން ކުރަމު. މުހިއްމު އިންކުއަރީތައް ހިންގުމަށްޓަކައި ގާނޫނީ އޮނިގަނޑެއް އަޅުގަނޑުމެންގެ ތެރޭގައި އޮންނަޖެހޭކަން ވަރަށް ސާފުކޮށް އެބައިނގޭ. އަޅުގަނޑުގެ ހުށަހެޅުމަކީ ފެބްރުއަރީ 7ގެ މި ހިތާމަވެރި، ބިރުވެރި، ނުރައްކާތެރި ހާދިސާއާ ގުޅިގެން ފުރިހަމަ ތަހުގީގެއް ހިންގުމަށްޓަކައި ބޭނުންވާ ގާނޫނީ އޮނިގަނޑެއް މި މަޖިލީހުން އުފަން ކުރުމަށް. އެނޫންގޮތަކަށް އަޅުގަނޑު ގަބޫލެއް ނުކުރަން މިކަން ދުވަހަކުވެސް ފިލައިގެން ދާނެކަމަކަށް.ހޯރަފުށި ދާއިރާގެ މެމްބަރު އަހުމަދު ސަލީމު
ސަލީމް ވިދާޅުވީ ކޯނީގެ ރިޕޯޓު މީގެ ކުރިން ރައީސް ނަޝީދު ބަލައިގަތީ މަސްލަހަތަށްޓަކައި ކަމަށެވެ. ނަމަވެސް ރާއްޖޭގެ ގިނަ ރައްޔިތުން އެ ރިޕޯޓު ބަލައިނުގަންނަ ކަމަށް ސައްލެ ވިދާޅުވިއެވެ. އެއީ މުރާޖައާ ކުރަން ޖެހޭ ރިޕޯޓެއް ކަމަށް ވެސް ސަލީމް ވިދާޅުވިއެވެ.
ސަލީމް ވިދާޅުވީ، ރައީސް ނަޝީދުގެ ވެރިކަން ބަދަލުކުރިގޮތާމެދު ކަންބޮޑުވުން ފާޅުކޮށް، ބޭރުގެ ބައެއް ގައުމުތަކުންނާއި ޖަމިއްޔާ ޖަމާއަތްތަކުން ބަސްބުނެ، ރިޕޯޓްތަކެއް ވެސް ނެރެފައިވާ ކަމަށެވެ. އަދި ރައީސް ނަޝީދުގެ ވެރިކަމަށްފަހު، ވެރިކަމަށް ދެން އައި ސަރުކާރުންތަކުން ބޮޑެތި ކޮރަޕްޝަންގެ އަމަލުތަކާއި، ރައްޔިތުންގެ ފައިސާ "ލޫޓު"ވާ ފައިވާ ކަމަށެވެ. ހިޔާނާތާއި ކޮރަޕްޝަނަން އިންތިހާއަށް ގޮސްފައިވާތީ، އެކަންކަމަށް ރިއާޔަތްކޮށް ޓްރާންސްޕޭރަންސީ އިންޓަރނޭޝަނަލް ފަދަ ބައެއް ޖަމިއްޔާތަކުން ރިޕޯޓް ނެރުއްވާފައިވާ ކަމަށެވެ.
މި ކުއްލި މައްސަލައަށް ބުހުސް ކުރެއްވި އެހެން މެމްބަރުންވެސް ވަނީ ކޯނީގެ ރިޕޯޓް ބަލައި ނުގަނެވޭކަމާއި، އެރިޕޯޓް އެވަގުތަށް ބަލައިގަތީ، ގައުމުގެ މުސްތަގްބަލަށް ކަމަށާއި ގައުމު ކުރިއަށް ދާނެޖެހޭކަމަށް ދެކިގެން ކަމަށެވެ.
ރައީސް ނަޝީދުގެ ވެރިކަން ބަޣާވާތަކުން ވައްޓާލި ދުވަހު، ކަންކަން ހިނގާދިޔައީ، ދިވެހި އެތައް ރައްޔިތުންނެއްގެ ލޯކުރިމަތީގަ އެވެ. އެ މަންޒަރުތައް ޓީވީތަކުން ލައިވް ކުރަމުންވެސް ދިޔަ ކަމަށެވެ. ދިވެހި ރައްޔިތުންގެ އެތައްބަޔަކު ހެކީންނަށް ތިބިއިރު، ސަލީމް ވިދާޅުވީ، ހަތެއް ފެބްރުއަރީގެ ހާދިސާ ވެފައި ވަނީ ވެސް އަރަތެއް ފަދަ ހާދިސާ އަކަށް ކަމަށެވެ. ސަލީމް ވިދާޅުވީ، "ސީދާ މައިދާނުގައި އަމަލީގޮތުން" އުޅުއްވި ބައެއް ބޭފުޅުން މިހާރު ހިނގަމުންދާ 19 ވަނަ ރައްޔިތުންގެ މަޖިލީހުގައި ވެސް އެބަތިއްބެވި ކަމަށެވެ. އަދި ހަމަ އެގޮތަށް އެ މައިދާނުން އަނިޔާތައް ލިބުނު ބޭފުޅުން ވެސް މިމަޖިލީހުގައި އެބަތިއްނެވި ކަމަށް ސަލީމް ވިދާޅުވިއެވެ.
ސަލީމް އެ އިޝާރާތް ކުރައްވަނީ، ތިމަރަފުށި ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒާއި ދަނގެތި ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމަށް ކަމަށް ބެލެވެއެވެ. މީގެ އިތުރުން މާމިގިލި ދާއިރާގެ މެމްބަރު ގާސިމް އިބްރާހީމަކީ ރައީސް ނަޝީދުގެ ވެރިކަން ބަދަލުކުރުމުގައި އިސްދައުރެއް އަދާކުރެއްވި ބޭފުޅެއްކަމަށް ތުހުމަތު ކުރެވޭ ބޭފުޅެކެވެ.
އަނިޔާ ލިބުނު މެމްބަރުންގެ ތެރޭގައި، މިހާރު ހިނގަމުންދާ 19ވަނަ މަޖިލީހުގެ ގިނަ މެމްބަރުންނަކީ ވަހީދުގެ ސަރުކާރާއި ބަޣާވާތުގެ އަނެއް ބައިވެރިޔާ ކަމަށް ތުހުމަތު ކުރެވޭ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ އަނިޔާވެރިކަން އިހުސާސްކުރެވި، އަދި ޖަލަށްވެސް ލެވިފައިވާ މެމްބަރުންނެވެ. ހާއްސަކޮށް، 19ވަނަ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް ނަޝީދުއަކީ އެންމެ ބޮޑަށް އަނިޔާ ލިބިލެއްވި ބަޣާވަތަކުން ވެރިކަން ބަދަލުކުރުމުގެ ކުރިން ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުންނެވި ބޭފުޅާއެވެ.
ރައީސް ނަޝީދުގެ ވެރިކަން ބަޣާވާތަކުން ބަދަލުކުރުމަށްފަހު، ވެރިކަަމަށް އަރައިވަޑައިގެންނެވި ވަހީދުގެ ސަރުކާރުގެ ފުރަތަމަ ދުވަހުން ފެށިގެން ދިވެހި އެތައް ސަކޭތަ ރައްޔިތުންނަށް ބޮޑެތި އަނިޔާތައް ދީފައި ވެއެވެ. އެކަންކަމަށް މިއަދަށް 8 އަހަރަށްވުރެ ގިނަ ދުވަސްވެގެންދިޔައިރު އިންސާފު ނުލިބުމުގެ ޝަކުވާތައް ވެސް އެހާމެ ގިނައެވެ.