ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން "ބަޣާވާތަކުން" ވައްޓާލުމަށްފަހު، ވެރިކަމަށް އަރާވަޑައިގެންނެވި ޑރ. މުހައްމަދު ވަހީދު ހަސަންމަނިކަށް "ބާޣީ"އަށް ގޮވި މައްސަލަ ބަލަންޖެހޭނެ ކަމަށާއި, ނަމަވެސް އެމައްސަލަ ބަލައިނިމޭއިރު ވަހީދަށް "ބާޣީ"އަށް ގޮވި ސަބަބު ބެލިފައި އޮންނަންޖެހޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އަދި މަޖިލީހުގެ ނާއިބު ރައީސް އީވާ އަބްދުﷲ ވިދާޅުވެއްޖެއެވެ.
އީވާ މިހެން ވިދާޅުވީ، އެމްޑީޕީގެ ޙަރަކާތްތަކުގައި ފޮޓޯގްރާފަރެއްގެ ގޮތުގައި މަސައްކަތްކުރާ އިބްރާހީމް ޖައުފަރު، ޑރ. ވަހީދަށް ނިސްބަތްކޮށް "ބާޣީ"އަށް ގޮވި މައްސަލަ ފުލުހުން ބަލަމުންދާތީ އާއި އެމައްސަލަ ބަލަމުންދާއިރު، ރައީސް ނަޝީދުގެ ވެރިކަން ބަޣާވާތަކުން ވައްޓާލުމަށްފަހު ވެރިކަމަށް އަރާ ވަޑައިގެންނެވި ވަހީދުގެ ސަރުކާރުން ޖައުފަރަށާއި ދިވެހި އެތައް ސަކޭތަ ރައްޔިތުންނަށް ކުރި އަނިޔާ ނުބަލައި، އަދި އިންސާފު ހޯދާދެވިފައިނުވާތީ، ހޯމަ ދުވަހުގެ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުނު ކުއްލި މައްސަލައަށް ބަހުސް ކުރައްވަމުންނެވެ.
ފުލުހުން މިމައްސަލަ ބަލާނެ ކަމަށް އެބަބުނޭ. ބަލަންޖެހޭނެ. ބަލާނިމޭއިރު، ޖައުފަރު މީނާއަށް (ވަހީދަށް) ބާޣީ ގޮވީ ކީއްވެގެންތޯ ބަލަންޖެހޭނެ. ބަޣާވާތާ ހަމައަށް ތަހުގީގު ކޮށްފަ ނޫނީ ހުއްޓާލައިގެން ނުވާނެ.ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އަދި މަޖިލީހުގެ ނާއިބު ރައީސް އީވާ އަބްދުﷲ
އީވާ ވިދާޅުވީ، މިވީހާތަނަށް އެމައްސަލަތައް ނުބަލާ އަދި އަޅާނުލާ ތިބީ، އެއީ، ބަޣާވާތަކަށް ނުވާތީ ނޫން ކަމަށެވެ. ގައުމު ކުރިއަށް ދާންޖެހޭތީ އެކަމަށް ފުރަތަމަ ފުރުސަތު ދިނުމުގެ ގޮތުން އެމްޑީޕީންނާއި އަދި އެމްޑީޕީގެ ސަޕޯޓަރުން މަޑުން ތިބީ ކަމަށެވެ. އަދި ދިވެހި ރައްޔިތުން މަޑުން ތިބި، ތިބުމަކީ ބަޣާވާތް މަތިން ހަނދާންނެތި، ބާޣީންނަށް މައާފްދިނުމެއްވެސް ނޫން ކަމަށާއި، ދިވެހި ރައްޔިތުން ދުވަހަކުވެސް ބަޣާވާތުގެ ބައިވެރިންނަށް މައާފް ނުކުރާނެ ކަމަށެވެ. އަދި އެކަން ދުވަހަކުވެސް ހަދާން ނުނެތޭނެ ކަމަށް އީވާ ވިދާޅުވިއެވެ.
ބާޣީ ވަހީދު އެބަކިޔާ، އޭނާއާ ދިމާލަށް "ކާޅޭ" ކިޔަކީ "ކަޅޭ" ކިޔަން ވެގެންނޭ. ރޭސިސްޓް ވެގެންނޭ. އެމެރިކާގައި ހިނގާ ޖޯޖް ފުލޮއިޑްގެ މަރާ ގުޅިގެން ކުރަމުންދާ މުޒާހާރާތަކާ ގުޅުވާފައި، އޭނަ އޭގެ ތެެރެއަށްވެސް ވަދެގަންނަން އެބައުޅޭ. "ކާޅޭ" ކިޔަނީކީ ކަޅުވީމަކާ ނޫން. "ކާޅޭ" ކިޔަން ފެށީ ޖަހައިގަތީމަ، ވައްކަން ކުރީމަ، ބައެއްގެ އިންސާފާއި ބައެއްގެ ވޯޓާއި ބައެއްގެ އަސާސީ ހައްގުތަކެއް ޖަހައިގަތީމަ.ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އަދި މަޖިލީހުގެ ނާއިބު ރައީސް އީވާ އަބްދުﷲ
އީވާ ވިދާޅުވީ، ވަހީދަށް "ބާޣީ ވަހީދޭ" ގޮވި ސަބަބު އެނގޭ ކަމަށެވެ. އީވާ ވިދާޅުވީ، ޖައުފަރަށް އެންމެ ބޮޑަށް އަނިޔާކުރި، އަނިޔާތަކަށް އިންސާފު ނުލިބި، 8 އަހަަރު ވެއްޖެ ކަމަށެވެ.
މިކުއްލި މައްސަލައަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ގިނަ މެމްބަރުން ބަހުސް ކުރެއްވިއެވެ. އަދި ރައީސް ނަޝީދުގެ ވެރިކަން ބަޣާވާތަކުން ވައްޓާލުމަށްފަހު، ވެރިކަމަށް އަރާވަޑައިގެންނެވި ވަހީދަށާއި ވަހީދުގެ ސަރުކާރުން ކުރި އަނިޔާތަކުގެ ވާހަކަތައް މެމްބަރުން ދެއްކެވި އެވެ. އަދި ވަހީދާއި، ވަހީދުގެ ސަރުކާރުން ކުރި އަނިޔާތަކަށް ދިވެހި ރައްޔިތުންނަށް އިންސާފު ލިބެންޖެހޭ ކަމަށް މެމްބަރުން ގޮވާލައްވައި، ވަހީދަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައި ވެއެވެ.