ފަނޑިޔާރުންގެ ކަންތައްތައް ބެލުމަށް ޤާނޫނު އަސާސީން މަތިކޮށްފައިވާ ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އެކުލަވާލެވިފައިވާ ގޮތުގައި މައްސަލަ އެބައުޅޭ ކަމަށާއި، ޖޭއެސްސީގައި ސިވިލް ސަރވިސް ކޮމިޝަން (ސީއެސްސީ) ތަމްސީލު ކުރައްވާ ބޭފުޅަކު އިންނަވަން ޖެހޭ ސަބަބެއް ނެތް ކަމަށް މަޝްހޫރު ޤާނޫނީ ވަކީލް އަދި ބާ ކައުންސިލްގެ ރައީސް، މައުމޫން ހަމީދު ވިދާޅުވެއްޖެއެވެ.
ޖޭއެސްސީގައި 10 މެމްބަރަކު ހިމެނިވަޑައިގަންނަވެއެވެ. އޭގެ ތެރެއިން އެއް މެމްބަރަކީ ސީއެސްސީގެ ރައީސްއެވެ. މިހާރު އެކޮމިޝަނުގައި ސީއެސްސީ ތަމްސީލު ކުރައްވަނީ، ސީއެސްސީގެ ރައީސް ޑރ. އަލީ ޝަމީމެވެ.
ޖޭއެސްސީގެ ކޮމްޕޮޒިޝަންއާ ބެހޭ ގޮތުން ރާއްޖެ ޓީވީގެ ފަލަ ސުރުހީ ޕްރޮގްރާމުގައި ކުރިމަތިކުރިވި ސުވާލަކަށް ޖަވާބުދެއްވަމުން މައުމޫން ހަމީދު ވިދާޅުވީ، ޖޭއެސްސީގައި ސީއެސްސީގެ މެމްބަރަކު އިންނަވަން ޖެހޭ ސަބަބެއް ނެތް ކަމަށެވެ. ސަބަބެއް ކަމަށް ބާ ކައުންސިލްގެ ރައީސް ވިދާޅުވީ، ސީއެސްސީއަކީ މިނިވަން މުސްތަޤިއްލު މުއައްސަސާއަކަށް ވެފައި، އެ ކޮމިޝަނަށް ފަނޑިޔާރުގެއަށް ގޮތް ކިޔުމުގެ އެއްވެސް ހައިސިއްޔަތެއް ނެތުމުންނެވެ.
އެއަށްފަހު މައުމޫން ހަމީދު ވިދާޅުވީ، ޖޭއެސްސީގެ އޮނިގަނޑަށް ބަދަލުތަކެއް ގެންނަން ޖެހޭ ކަމަށް ދެކިވަޑައިގަންނަވާ ކަމަށެވެ.
2008 ވަނަ އަހަރު ވުޖޫދަށް އައި ފެހި ޤާނޫނު އަސާސީގެ، ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ 158 ވަނަ މާއްދާގެ (ކ) ގައި ބުނާ ގޮތުން އެ ކޮމިޝަނުގެ މެމްބަރުންގެ ތެރޭގައި ސީއެސްސީގެ ރައީސް ހުންނަވަން ޖެހެއެވެ.
އަޅުގަނޑަށް ވިސްނޭ ގޮތުގައި އެބައުޅޭ ޖޭއެސްސީ ކޮމްޕެޒިޝަންގައި މައްސަލަ. އަޅުގަނޑަކަށް ނުވިސްނޭ ސިވިލް ސަރވިސްގެ ވެރިޔަކު ޖުޑީޝަލް ސަރވިސްގައި ބަސް ވިދާޅުވާން އެއްވެސް ރަނގަޅު ސަބަބެއް.މައުމޫން ހަމީދު: ބާ ކައުންސިލްގެ ރައީސް
މައުމޫން ހަމީދުގެ ކަންބޮޑުވުމަކީ އަމިއްލަ މުއައްސަސާއެއްގެ ބޭފުޅަކު ޖޭއެސްސީގައި ހުންނެވުމެވެ. އޭނާގެ ނަޒަރުގައި ޖޭއެސްސީގައި ތިއްބަވަން ޖެހޭނީ ޝަރުއީ ދާއިރާގައި މަޝްޣޫލުވެގެން އުޅޭ ފަރާތްތަކާއި، ޝަރުއީ ދާއިރާއަށް ބަސް ބުނެވޭ މުއައްސަސާތަކެވެ.
ޖޭއެސްސީން ފަނޑިޔާރުގެ އިސްލާހު ކުރުމަށް ކުރަމުންދާ މަސައްކަތަށް އަލިއަޅުއްވައިލައްވަމުން މައުމޫން ހަމީދު ވިދާޅުވީ، ފަނޑިޔާރުންގެ ފެންވަރު ވަޒަން ކުރުމަށް ޖޭއެސްސީން ފަށާފައިވާ މަސައްކަތަކީ ކުރަން މިހާރުވެސް ލަސްވެފައި އޮތް ކަމެއް ކަމަށެވެ. އެއީ ހަމަތަކާއެކު ކުރިޔަށްދާ ކަމެއްކަން ފާހަގަކުރައްވަމުން މައުމޫން ހަމީދު ވިދާޅުވީ، ޖޭއެސްސީން ވެސް އޮންނަ އުސޫލާ ޚިލާފަށް ކަންތައް ކުރަމުން ގެންދާނަމަ ބާ ކައުންސިލުން އެކަމާއި ދެކޮޅަށް އަޑު އުފުލައި، އެކަން ހުރިހާ އެންމެންގެ ސަމާލުކަމަށް ގެންނާނެ ކަމަށެވެ. އެކަމަކު ޖޭއެސްސީން އަދި މިހާތަނަށް އެއްވެސް ކަމެއް އުސޫލާއި ޚިލާފަށް ކޮށްފައިވާ ކަމަށް ބާ ކައުންސިލްގެ އެގްޒެކުޓިވް ކޮމިޓީއަށް ފެނިވަޑައިނުގަންނަވާކަން މައުމޫން ހަމީދު ފާހަގަކުރެއްވި އެވެ.