ކޮރޯނާވައިރަސް (ކޮވިޑް-19) ށްފަހު ސްޕެނިޝް ލީގުގައި ބާސެލޯނާއިން ކުޅުނު ފުރަތަމަ މެޗުން ބޮޅު މޮޅެއް ހޯދައިފިއެވެ.
ބާސާއިން ވަނީ ހޮނިހިރު ދުވަހުގެރޭ މަޔޯކާ އަތުން 4-0 ން މޮޅުވެ، ތާވަލުގެ އެއްވަނައިގައި ފަސް ޕޮއިންޓުގެ ލީޑެއް ނަގާފައެވެ.
ރަށުން ބޭރުގައި ކުޅުނު މި މެޗުގައި ބާސާގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައިރު، މެޗުގެ ވަރަށް ކުރީކޮޅު ބާސާއިން ވަނީ ލީޑު ނަގާފައެވެ. މެޗު ފަށައިގެން 65 ވަނަ ސިކުންތުގައި ޖޯޑީ އަލްބާ ހުރަސްކޮށްދިން ބޯޅައަކުން ބާސާއަށް ލީޑު ނަގައިދިނީ މިޑްފީލްޑަރު އާޓޫރޯ ވިޑާލެވެ.
އަދި ފުރަތަމަ ހާފު ނިމުމުގެ ކުރިން ބާސާއިން ވަނީ ލީޑު ފުޅާކޮށްފައެވެ. މެޗުގެ 37 ވަނަ މިނެޓުގައި ކެޕްޓަން ލިއޮނެލް މެސީގެ އެހީތެރިކަމާއެކު މި ލަނޑު ޖަހައިދިނީ ދާދި ފަހުން ޓީމާ ގުޅުނު ފޯވާޑް މާޓިން ބްރަތުވެއިޓެވެ. މިއީ ބްރަތުވެއިޓް ބާސާއަށް ކާމިޔާބުކޮށްދިން ފުރަތަމަ ލަނޑެވެ.
ރޭގެ މެޗުގައި ބާސާއިން ޖެހި ތިންވަނަ ލަނޑު 79 ވަނަ މިނެޓުގައި މެސީ ތަނަވަސްކޮށްދިން ފުރުސަތަކުން ޖެހީ އަލްބާއެވެ. އަދި ހަތަރުވަނަ ލަނޑު މެޗުގެ އިތުރު ވަގުތުގައި ލުއިސް ސުއަރޭޒް ދިން ބޯޅަ އަކުން ކާމިޔާބުކުރީ މެސީއެވެ. މިއީ މި ސީޒަނުގެ ސްޕެނީޝް ލީގުގައި މެސީ ޖެހި 20 ވަނަ ލަނޑެވެ. އެއާއެކު އޭނާ ވެފައިވަނީ ސްޕެނިޝް ލީގުގައި ޖެހިޖެހިގެން 12 ސީޒަނުގައި މަދުވެގެން 20 ލަނޑު ކާމިޔާބުކުރި ފުރަތަމަ ކުޅުންތެރިޔާ އަށެވެ.
މި މޮޅާއެކު ތާވަލުގެ އެއްވަނައިގައި އޮތް ބާސާއަށް ވަނީ 28 މެޗުން 61 ޕޮއިންޓު ލިބިފައެވެ. ދެވަނައިގައި އޮތީ ބާސާއަށްވުރެ އެއް މެޗު މަދުން ކުޅެގެން 56 ޕޮއިންޓު ހޯދާފައިވާ ރެއާލް މެޑްރިޑެވެ.
އެހެންކަމުން ލީގުގައި އާދީއްތަ ދުވަހުގެރޭ ކުޅޭ މެޗު ކާމިޔާބުކޮށްގެން، ބާސާގެ ފަރަގު އަނެއްކާވެސް ދެ ޕޮއިންޓަށް ކުޑަކުރުމުގެ ފުރުސަތު ރެއާލަށް އެބައޮތެވެ.