ސްކޫލްތައް އަލުން ހުޅުވުމަށް ވާންޖެހޭ ތައްޔާރީތަކާ ގުޅޭގޮތުން ޕްރިންސިޕަލުންނަށް އިތުރު މަޢުލޫމާތު އެޑިޔުކޭޝަން މިނިސްޓަރ ޑރ އައިޝަތު އަލީ އާއި މިނިސްޓްރީގެ ޓީމުން ދެއްވައިފި އެވެ.
މައުލޫމާތު ދިނުމަށް ހޮނިހިރު ދުވަހުގެ ރޭ ބޭއްވި ބައްދަލުވުމާއި ގުޅޭގޮތުން މިނިސްޓްރީން ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ މިކަމާއި ގުޅޭގޮތުން ޕްރިންސިޕަލުންގެ ސުވާލުތަކަށް މިނިސްޓަރާއި މިނިސްޓްރީގެ ޓީމުން ޖަވާބު ދީފައިވާ ކަމަށެވެ.
ކޮވިޑް-19 ރާއްޖޭއިން ފެނުމާއެކު ސްކޫލްތައް ވަނީ ބަންދުކޮށްފަ އެވެ. އޭގެފަހުން އޮންލައިންކޮށް ޓެލިކްލާސްތައް މެދުވެރިކޮށް ދަރިވަރުންނަށް ފިލާވަޅުތައް ވަނީ ނަގައިދީފަ އެވެ. ނަމަވެސް މިހާރު ކޮވިޑް-19 ފެތުރުން ކޮންޓްރޯލްކުރުމަށް އަޅާފައިވާ ލޮކްޑައުންގެ ފިޔަވަޅުތަކަށް ލުއިތައް ދެމުން އަންނައިރު ސްކޫލްތައް ފެށުމަށް ވާންޖެހޭ ތައްޔާރީތައް ވުމަށް އެޑިޔުކޭޝަން މިނިސްޓްރީން ވަނީ ސްކޫލްތަކަށް އަންގާފަ އެވެ.
އެގޮތުން މިކަމާއި ގުޅިގެން މިނިސްޓްރީން ނެރެފައިވާ ސަރކިޔުލަރ އެއްގައި ބުނެފައިވަނީ ކޮވިޑް-19 އާ ގުޅިގެން ސްކޫލްތައް ބަންދުކޮށްފައި ވީނަމަވެސް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ސްކޫލްތައް ހުޅުވުމަށް ހުއްދަދިންހާ އަވަހަކަށް ސްކޫލްތަކުގައި ކިޔަވައިދިނުމަށް އަންނަނީ ތައްޔާރުވަމުންނެވެ. އަދި ސްކޫލްތައް އަލުން ހުޅުވާލާއިރު ދަރިވަރުންނާއި މުދައްރިސުންގެ ސިއްހީ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ލޮކްޑައުންގެ ކުރިން ސްކޫލްތަކުގައި ކިޔަވައިދެމުން އައި ގޮތާ ތަފާތުކޮށް ކިޔަވައި ދިނުމުގެ ކަންކަން ތަރުތީބުކުރަން ޖެހިފައިވާ ކަމަށް ސަރކިޔުލަރ ގައި ބުނެފައިވެ އެވެ.
އެކަމަށްޓަކައި ސްކޫލްތައް އަލުން ހުޅުވާލާއިރު ސްކޫލްތަކުގައި އުނގެނުމާއި އުނގަންނައިދިނުން އިންތިޒާމު ކުރުމުގައި ސްކޫލްތަކުގެ ޕްރިންސްޕަލުންނާއި ޓީޗަރުންނަށް މަގުދައްކައިދޭނެ ގައިޑްލައިނެއް ވަނީ ކަމާބެހޭ ފަރާތްތަކުގެ މަޝްވަރާ އާއެކު އެކުލަވާލާފައި ކަމަށް ސަރކިޔުލަރގައި ބުނެފައިވެ އެވެ.
މިގައިޑްލައިން އަދި މިނިސްޓްރީގެ ފަރާތުން އާންމުކޮށްފައި ނުވިނަމަވެސް މައުލޫމާތު ލިބިފައިވާ ގޮތުގައި ސްކޫލްތަކަށް ފޮނުވާފައިވާ މިގައިޑްލައިންގައި ބުނެފައިވަނީ ސްކޫލްތަކުގައި ކިޔަވައިދިނުމަށް ހަމަޖެހިފައިވަނީ ދުވާލަކު ހަތަރު ގަޑިއިރުކަމަށެވެ. ސްކޫލަށް ދަރިވަރުން ހާޒިރުވާން ޖެހޭނީ ހަފްތާއަކު ހަތަރު ދުވަހުކަމަށްވެސް މިގައިޑް ލައިންގައި ވަނީ ބުނެފަ އެވެ.