ކ. މާލެ
|
13 ޖޫން 2020 | ހޮނިހިރު 16:41
ފުވައްމުލައް ސިޓީގައި ގާއިމްކޮށްފައިވާ ނަރުދަމާ ނިޒާމުގެ ސަބަބުން ރައްޔިތުން އުފުލަންޖެހޭ ތަކުލީފު
ފުވައްމުލައް ސިޓީގައި ގާއިމްކޮށްފައިވާ ނަރުދަމާ ނިޒާމުގެ ސަބަބުން ރައްޔިތުން އުފުލަންޖެހޭ ތަކުލީފު
ޓްވިޓަރ
ފުވައްމުލައް ސިޓީ ނަރުދަމާ މައްސަލަ
ފުވައްމުލައް ސިޓީ ނަރުދަމާ ނިޒާމް ހައްލު ކުރާނަން، ދާއިމީ ހައްލުވެސް ހޯދައިފިން: ފެނަކަ
 
ފެނަކައިން ރައްޔިތުންނަށް ދިމާވާ ތަކުލީފުތަކަށް ރެޔާއި ދުވާލު އެޓެންޑް ވާނެ
 
އެކަމަށް ބޭނުންވާ ބަޖެޓު ލިބޭނެ ކަމުގެ ޔަގީންކަން އެބައޮތް
 
6 މަސް ދުވަހުގެ ތެރޭގައި ހައްލު ހޯދައިދޭނަން

އެންވަޔަރަމަންޓް މިނިސްޓްރީން ނަރުދަމާ ނިޒާމާއި ހަވާލުވުމަށް ފެނަކަ ކޯޕަރޭޝަންއަށް ސިޓީ ފޮނުވި އިރުވެސް އެތަކެއް މަސައްކަތެއް ކުރަންޖެހުނު ކަމަށާއި މިހާރު އޮތް ޕްލޭންގެ ދަށުން 6 މަސް ދުވަހުގެ ތެރޭގައި އެދަތިތައް ހައްލުކުރާނެކަމަށް ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގް ޑިރެކްޓަރ އަހުމަދު ސައީދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީގައި މެމްބަރުންގެ ސުވާލަށް ޖަވާބު ދެއްވަމުން ސައީދު ވިދާޅުވީ, އެ ކުންފުނިން ފުވައްމުލަކުގެ ނަރުދަމާ ނިޒާމާއި ހަވާލުވެގެން މިހާތަނަށް ދިމާވި ހުރިހާ މައްސަލަތަކެއް ކަމާއިބެހޭ އިދާރާތަކަށް ހިއްސާކުރެއްވި ކަމަށެވެ. އެގޮތުން އެ ހުރިހާ ރެކޯޑްސްތަކެއް ވެސް ހުންނާނެކަމަށާއި އެ މައްސަލަތައް ހުރި ނަމަވެސް، ފެނަކައިގެ އަމާޒަކަށް ވީ ވީހާ ވެސް އަވަހަކަށް ރައްޔިތުން އުފުލަމުންދާ ތަކުލީފުތަކަށް ދާއިމީ ހައްލެއް ގެނައުމަށް ކަމަށް އޭނާ ވިދާޅުވިއެވެ.

ސައީދު ވިދާޅުވީ، މިހާތަނަށް ކުރެވުނު މަސައްކަތުގެ އަލީގައި އެކަށީގެންވާ ނަތީޖާތަކެއް ނުފެނުނު ކަމަށާއި އެގޮތުން ވަގުތީ ހައްލެއް ނަމަވެސް ރައްޔިތުންނަށް ހޯދަން މަޖުބޫރުވިކަމަށެވެ. އަދި އެކަމަށް ކުރަންޖެހޭ ހުރިހާ ހަރަދުތަކާއި ހުރިހާ މަސައްކަތް ރެޔާއި ދުވާލު ކުރަމުން އަންނަކަމަށް އޭނާ ވިދާޅުވިއެވެ. މީގެ އިތުރުން ނަރުދަމާ ނިޒާމަށް ދިމާވެފައިވާ މައްސަލަތަކަކީ ކޮބައިކަން ދެނެގަތުމަށްޓަކައި އެ ނިޒާމު ގާއިމުކުރި ކޮންޓްރެކްޓަރާއި ކޮންސަލްޓެންޓާއި ޓެކްނޮލޮޖީ ވިއްކި ބޭފުޅުންނާއިއެކު ތަފާތު އެކި މަރުހަލާތަކުގައި އެކި ފަހަރު މަތިން މަޝްވަރާކުރެއްވި ކަމަށް ވެސް ސައީދު ވިދާޅުވިއެވެ.

އެގޮތުން، ފެނަކަ ކޯޕަރޭޝަނުން ކުރި ދިރާސާ އެސެސްމަންޓުން ނަރުދަމާ ނިޒާމަށް ދިމާވެފައި ހުރި މައިގަނޑު މައްސަލަތައް ދެނެގަނެވި ހައްލުކުރުމަށް ތައްޔާރުވި ހިސާބުން ކޮވިޑް-19ގެ ބަލިމަޑުކަމާއި ގުޅިގެން ގިނަ ކަންތައްތަކެއް ފަހަތައް ޖެހިގެން ދިޔަކަމަށް ސައީދު ވިދާޅުވިއެވެ. އަދި ހައްލުކުރުމަށް ކުރި ބައެއް މަސައްކަތް އަލުން ފަށަން ޖެހުނުކަމަށް ވެސް ސައީދު ވިދާޅުވިއެވެ. ސައީދު ވިދާޅުވީ އެންވަޔަރަމަންޓް މިނިސްޓްރީއާއި އެކު ބޭއްވި ބައްދަލުވުމެއްގައި ދުނިޔޭގައި އެ ޓެކްނޮލޮޖީ އުފެއްދި ފަރާތްތަކާއި ފެނަކައިގެ މުވައްޒަފުންގެ ލަފައާއިއެކު، އެ މައްސަލައަށް ދާއިމީ ހައްލު ހިމެނޭ ތަފްސީލީ ޕްލޭނެއް ހުށަހަޅާފައިވާނެކަމަށެވެ. އަދި އެކަމަށް ދާނެ އަންދާޒާ ހަރަދު ވެސް ހުށަހަޅާފައިވާނެކަމަށް ސައީދު ވިދާޅުވިއެވެ.

ފުވައްމުލައް ސިޓީގެ ރައްޔިތުންނަށް ދިމާވާ ގޮންޖެހުންތަކަށް ދާއިމީ ހައްލެއް ހޯދުމަށްޓަކައި އެ ނިޒާމު ބަދަލުކުރަންޖެހޭ އިރު، އެކަމަށް ބޭނުންވާ ފައިސާ ހަމަޖެހުނުހާ އަވަހަށް އެ މަސައްކަތް ކުރެވިގެންދާނެކަމަށް ފެނަކައިން ވަނީ ފާހަގަކޮށްފައެވެ. އަދި ރައީސް ސޯލިހު އާއި ނައިބު ރައީސް ފައިސަލް ނަސީމް މި މައްސަލައަށް ވަރަށް ބޮޑު އަހައްމިއްޔަތު ކަމެއް ދެއްވަމުންދާކަމަށާއި ހައްލުކުރުމަށް ބޭނުންވާ ފައިސާ ހަމަޖެހޭނެކަމުގެ ޔަގީންކަން އެބައޮތްކަމަށް ފެނަކައިގެ އެމްޑީ ވިދާޅުވިއެވެ.

ފުވައްމުލަކުގައި ބޭނުންކުރާ ނަރުދަމާ ނިޒާމް ފަދަ ނިޒާމްތަކެއް ތިން ރަށެއްގައި ބޭނުންކުރަމުން އަންނަ އިރު އެތަންތަން ބަލަހައްޓަމުން އަންނަނީ ފެނަކަ ކޯޕަރޭޝަނުންނެވެ. ބައިނަލްއަގްވާމީ ބައެއް ގައުމުތަކުގައިވެސް އެ ފަދަ ނިޒާމްތައް ބޭނުންކޮށް، ފުވައްމުލަކަށް ދިމާވާ މައްސަލަތައް ދިމާވާކަމަށް ސައީދު ވިދާޅުވިއެވެ. އަދި އެކަން ހައްލުކުރުމަށް މަހުން މަހަށް ހަރަދު ކުރަމުން ދާކަމަށާއި ފުވައްމުލައް ސިޓިއަށްވެސް މައްސަލަ ދިމާވަނީ ޓެކްނޮލޮޖީގައި ހުރި ބަލި ފައެއްގެ ސަބަބުން ކަމަށެވެ. އަދި ހައްލަކީ ޗެމްބަރގައި ހުރި އިންޓަރޕްރެސްތައް ބަދަލުކުރުންކަމަށް ސައީދު ވިދާޅުވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އަމަން ހަލީމް
0%
67%
0%
0%
33%
0%
ކޮމެންޓް