ހއ. ތުރާކުނަށް ދިމާވާ ކަރަންޓު މައްސަލަ ހައްލުކުރުމަށްޓަކައި 250 ކިލޯވޮޓްގެ ޖެނެރޭޓަރެއް އެރަށަށް ގެންގޮސްފިއެވެ.
މިކަމާއި ގުޅޭ ތަފްސީލު ހިއްސާކުރަމުން ތުރާކުނު ފެނަކަ ބްރާންޗުގެ މެނޭޖަރު އަހުމަދު ސައީދު ވިދާޅުވީ، ތުރާކުނުގައި ކަރަންޓު ދިނުމަށް ބޭނުންކުރަމުން ދިޔައީ 60 ކިލޯވޮޓްގެ ދެ ޖެނެރޭޓަރު ކަމަށެވެ. އެކަމަކު ރަމަޟާން މަހުގެ ފުރަތަމަ ހަފުތާ ތެރޭގައި އޭގެތެރިން އެއް ޖެނަރޭޓަރު ހަލާކުވުމާއެކު ކަރަންޓު ދިނުމުގައި ދަތިތަކެއް ދިމާވި ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
އެގޮތުން، އެކި ހިސާބުތަކުން ކަރަންޓު ކެނޑި ރައްޔިތުން ތަކުލީފުތަކާއި ކުރިމަތިލާން ޖެހުނުކަން ފާހަގަކުރައްވައި ސައީދު ވިދާޅުވީ، ހޮނިހިރު ދުވަހުގެ ހެނދުނު އަލަށް ގެނެވުނު ޖެނެެރޭޓަރުގެ ސަބަބުން ރައްޔިތުންނަށް 24 ގަޑިއިރު ކަރަންޓު ޔަގީންކަމާއެކު ފޯރުކޮށްދެވޭނެ ކަމަށެވެ. މިހާ އަވަސް މުއްދަތެއްގައި މައްސަލައަށް ދާއިމީ ހައްލެއް ލިބޭނެ އިންތިޒާމު ހަމަޖައްސަވައި ދެއްވުމަށްޓަކައި ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ދެއްވި އެއްބާރުލުމަށް އޭނާ ވަނީ ޝުކުރު އަދާކުރައްވާފައެވެ.
އަދި ކުރިޔަށް އޮތް ހަފުތާ ތެރޭގައި ޖެނެރޭޓަރު އިންސްޓޯލް ކުރެވޭނެ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.