މާލޭގައި ތާށިވެފައި ތިބި އިންޑިއާގެ ގޯއާ ސިޓީގެ މީހުންް އަނބުރާ ގައުމަށް ދާން އެދުމުން ގޯއާ ސަރުކާރުގެ އެހީ ނުލިބުމުން އިންޑިގޯގެ ފްލައިޓެއް ޗާޓަރުކޮށްގެން އިންޑިއާ އަށް ގޮސްފި ކަމަށް އިންޑިއާގެނޫސްތަކުން ރިޕޯޓްކޮށްފިއެވެ.
ރާއްޖޭގައި ތިބި ގޯއާ މީހުން ވަނީ، އެމީހުން އަނބުރާ ގައުމަށް ގެންގޮސްދޭން އެދި ގޯއާގެ ޗީފް މިނިސްޓަރަށް ވެސް ސިޓީއެއް ފޮނުވާފަ އެވެ. އެކަމަކު އެކަމަށް މާބޮޑު ކުރިއެރުމެއް ލިބިފައެއް ނުވެއެވެ. ވައިގެ މަގުންނާއި ކަނޑުމަގުން އިންޑިއާގެ މީހުން ގެންދިޔައިރުވެސް ގޯއާގެ މީހުންނަށް އެ ފުރުސަތު ނުލިބޭތީ އެ މީހުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އެހެންވެ ރާއްޖޭގައި މަސައްކަތްކުރާ ގޯއާ އަދި މަހަރަޝްތްރާ ސްޓޭޓްގެ މީހުން ވަނީ އަމިއްލަ އަށް ފްލައިޓެއް ޗާޓަރުކޮށްގެން އިންޑިއާ އަށް ގޮސްފައެވެ.
ބުރާސްފަތި ދުވަހު މާލެއިން މުމްބާއީ އަށް 170 މީހަކު ވަނީ ޗާޓަރު ފްލައިޓްގައި ގޮސްފައި އެވެ. މި މީހުންގެ ތެރެއިން 40 މީހުންނަކީ ގޯއާގެ މީހުންނެވެ. އަދި 130 މީހުންނަކީ މަހަރާޝްތްރަ ސްޓޭޓް އަށް ނިސްބަށްވާ މީހުންނެވެ. ގޯއާގެ މީހުންނަށް އެ ސްޓޭޓް އަށް ފޯރާފައިވަނީ ހުކުރު ދުވަހުގެރޭ އެވެ. އެ މީހުން މިހާރު ތިބީ، ދެކުނު ގޯއާގެ ހޮޓާތަކުގައި ކަރަންޓީނުގައި އެވެ.
އިންޑިއާގެ ނޫހަކަށް ދިން އިންޓަވިއުއެއްގައި ފްލައިޓުން ދަތުރުކުރި މީހަކު ބުނީ، ވަކިން ފްލައިޓެއް ގައި އިންޑިއާ އަށް ދިޔުމުގެ އިންތިޒާމް ހަމަޖައްސައި ދިނުމަށް އިންޑިއާގެ ހައި ކޮމިޝަން ގައި އެދުނު ކަމަށެވެ. އެކަމަކު ހައިކޮމިޝަންގެ އެހީ ލިބިފައިނުވާ ކަމަަށް އެ މީހާ ބުންޏެވެ.
މިކަމާއި ގުޅޭގޮތުން އިންޑިއާގެ ހައިކޮމިޝަންގެ ޑެޕިއުޓީ ހައިކޮމިޝަނަރު ރޯހިތް ރަތީޝް ވިދާޅުވީ، އެ މީހުން އަމިއްލަ ފްލައިޓެއްގައި ދާން ބޭނުންވެގެން، ސިވިލް އެވިއޭޝަނާއި ގުޅިގެން އެކަން ހަމަޖައްސައި ދިން ކަމަށެވެ. އޭނާ ވިދާޅުވީ، ގޯއާ މީހުން ފޮނުވާ ނުލެވުނީ ފްލައިޓްތަކުގައި ޖާގަ ނެތުމުން ކަމަށެވެ.
ރާއްޖެއިން ފުރި ގޯއާގެ 40 މީހުންނަކީ، ކޮވިޑް-19 އާ ގުޅިގެން ވަޒީފާ ގެއްލިގެންނާއި ނޯ ޕޭ އަށް ފޮނުވާލި މީހުންނެވެ. އިންޑިއާ ސަރުކާރުން ވަނީ ލޮކްޑައުންގެ ތެރޭގައި ގިނަ އަދަދެއްގެ ބަޔަކު އަނބުރާ ގައުމަށް ގެންގޮސްފަ އެވެ.