އެންވަޔަރަމެންޓް މިނިސްޓަރ ޑރ. ޙުސައިން ރަޝީދު ޙަސަންގެ އިސްތިއުފާއަށް ސަރުކާރުގެ މައްސޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީގެ މެމްބަރުން ގޮވާލައްވައިފިއެވެ.
އެންވަޔަރަމަންޓް މިނިސްޓަރުގެ އިތުރުން ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު މުހައްމަދު ހާޒިރުކުރެވުނު ކޮމެޓީ ބައްދަލުވުމުގައި މަޝްވަރާކުރެވުނީ ފުވައްމުލަކު ސިޓީގެ ފެނާއި ނަރުދަމާ އާއި ގުޅޭ ގޮތުންނެވެ.
މި މައްސަލަ ހޫނުވެ، މިނިސްޓަރުގެ އިސްތިއުފާއަށް ގޮވާލައްވާފައިވަނީ ފުވައްމުލަކު މެދު ދާއިރާގެ މެމްބަރު ހުސައިން މުހައްމަދުދީދީއެވެ. މެމްބަރު މިިނިސްޓަރގެ އިސްތިއުފާއަށް ގޮވާލެއްވީ މިނިސްޓްރީގެ މެންޑޭޓަކީ ތިމާވެއްޓާއި އަދި ފެނާއި ނަރުދަމާ އާއި ގުލުން ހުރި ކަންކަމުގައި ފަންނީ ލަފާ އެރުވުން ކަމަށް މިނިސްޓަރ ވިދާޅުވުމުންނެވެ. މިނިސްޓަރ ވިދާޅުވީ އިންފްރާސްޓްރަކްޗަރ ގެ ކަންކަމަކީ އެންވަޔަރަމެންޓް މިނިސްޓްރީގެ މެންޑޭޓުގެ ތެރެއަށް ވަންނަ ކަންކަމެއް ނޫން ކަމަށެވެ.
މި ޖަވާބާއި ގުޅިގެން މެމްބަރު ވަނީ އެންވަޔަރަމަންޓް މިނިސްޓްރީގެ މެންޑޭޓު ރަނގަޅަށް އެނގިލައްވާ ކަމަށް ވިދާޅުވެ ވަރަށް ބޮޑަށް ނުރުހުން ފާޅުކުރައްވާފައެވެ.
މިނިސްޓްރީގެ މަސައްކަތްތައް އަޅުގަނޑުމެންނަށް ވަރަށް ސާފުކޮށް އެނގޭ، އެހެންހަމަ އެކަންތައްތައްވެސް މިނިސްޓަރު އަޅުގަނޑުމެންނަށް އޮޅިގެނެއް ނޫޅެން މިނިސްޓަރު ކުރަން ޖެހޭ ކަންތައްތަކާއި މިނިސްޓަރުގެ ޒިންމާތަކާއި އެކަންތައްތަކެއް. އަޅުގަނޑުމެން މި ދައްކާ ވާހަކައަކީ ފެނާއި ނަރުދަމާގެ ސިޔާސަތާއި އެއްގޮތްވާގޮތުގެ މަތިން ޚިދުމަތްތައް ފުޅާ ކޮށް އެޚިދުމަތް ލިބިގަންނަ ފަރާތްތަކަށް ލުއި ފަސޭހަކަން ފޯރުކޮށްދިނުމަކީވެސް މިނިސްޓްރީގެ ޒިންމާތަކެއް.ފުވައްމުލަކު މެދު ދާއިރާގެ މެމްބަރު ހުސައިން މުހައްމަދުދީދީ
މެމްބަރު ވަނީ މިނިސްޓްރީގެ މެންޑޭޓުގެ ތެރެއަށް ވަންނަ ކަންކަން ކުރެވޭތޯ ސުވާލު އުފައްދަވާފައެވެ. އަދި މިނިސްޓްރީގެ މެންޑޭޓުގެ ތެރެއަށް ވަންނަ، ފަންނީ ލަފާ އެރުވިފައިވަނީ ކިހާވަރަކަށްތޯ އާއި މެދު ވެސް މެމްބަރު ސުވާލު އުފައްދެވިއެވެ.
މެމްބަރު ހުސެއިން މުހައްމަދު ދީދީގެ އިތުރުން، ކޮމެޓީގެ އިތުރު މެމްބަރުންވެސް ވަނީ މިނިސްޓަރު ދެއްވި ޖަވާބުތަކާއި ގުޅިގެން ވަރަށް ބޮޑަށް ކަންބޮޑުވާކަމަށް ވިދާޅުވެ، ފާޑުވިދާޅުވެފައެވެ.
ފުވައްމުލަކުގެ ނަރުދަމާ ނިޒާމުގެ މައްސަލަތައް ގޯސްވެ، އެރަށު ރައްޔިތުން ކަންބޮޑުވުން ފާޅުކުރަމުންދާއިރު މިކަމާއި ގުޅިގެން ފެނަކަ ކޯޕަރޭޝަނުން ބުނެފައިވަނީ، ފުވައްމުލައް ސިޓީގެ ނަރުދަމާ ނިޒާމަށް ދިމާވާ މައްސަލަތަކަކީ، އެ ނިޒާމު ފެނަކައާއި ޙަވާލުކުރެވުނުއިރު ފުރިހަމަކުރަންޖެހޭ ކަންކަން ފުރިހަމަކޮށްފައި ނުވުމާއި، ނިޒާމު ޤާއިމްކުރުމަށް ބޭނުންކޮށްފައިވާ މުހިއްމު ގިނަ ތަކެތީގެ ފެންވަރު ދައްވުމުގެ ސަބަބުން ދިމާވާ މައްސަލަތަކެއް ކަމަށެވެ. އަދި ނިޒާމު ޤާއިމްކުރުމުގެ މަސައްކަތްތައް ކުރިއަށް ގެންދިއުމުގައި އިހުމާލުވެ ފަރުވާކުޑަކޮށް މަސައްކަތް ކޮށްފައިވާކަމަށާއި ޤާއިމް ކުރުމަށްފަހު ހިންގަން ފެށުމުގެ ކުރިން ކުރަންޖެހޭ ޓެސްޓްތައް ނުކޮށް، ފުރިހަމަ ނޫން ނިޒާމަކަށް ގެތަކުން ނަރުދަމާ ހޮޅި ގުޅައި ބޭނުންކުރަން ފެށުމުން ގިނަ މައްސަލަތަކެއް ދިމާވާކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ.
އަދި ކޮމެޓީގައި ވާހަކަދައްކަވަމުން ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގް ޑިރެކްޓަރ އަހުމަދު ސައީދު ވިދާޅުވެފައިވަނީ ހަ މަސްދުވަހުގެ ތެރޭގައި މި މައްސައަށް ހައްލެއް ހޯދޭނެ ކަމަށެވެ.