ހޯމަ ދުވަހުން ފެށިގެން ހުއްދައާއި ނުލައި ބަލި ނެތް ރަށްރަށުގެ މެދުގައި ދަތުރު ކުރެވޭނެ ކަމަށް ސަރުކާރުން އިއުލާންކޮށްފިއެވެ.
ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަންސް ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮވިޑް-19އާ ގުޅިގެން އެޅިފައިވާ ފިޔަވަޅުތަކަށް ދެވޭ ލުއިތަކުގެ މައުލޫމާތު ހިއްސާ ކުރައްވަމުން ހެލްތު މިނިސްޓްރީގެ އެސިސްޓެންޓް ޑިރެކްޓަރ އައިމިނަތު ޝައިނާ އަބްދުﷲ ވިދާޅުވީ ހޯމަ ދުވަހުން ފެށިގެން ކޮވިޑް ނެތް ރަށްތަކުގެ މެދުގައި ދަތުރު ކުރެވޭނެ ކަމަށެވެ.
ކޮވިޑް-19އާ ގުޅިގެން ޒަރޫރީ ބޭނުމެއްގައި މެނުވީ އެއް ރަށުން އަނެއް ރަށަށް ދަތުރުކުރުން ހުއްޓައިލުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އަންގާފައިވަނީ އޭޕްރިލް މަހުގެ 17 ވަނަ ދުވަހުއެވެ.
އެހެންނަމަވެސް މިހާރު ކޮވިޑް ކޭސެސް ހުރީ މާލޭގައި ކަމަށްވާތީ މާލެއަށް ފުރައިން އަންނަ މީހުންނާއި ފުރާ މީހުންނަށް ކޮންމެވެސް ވަރެއްގެ ރެސްޓްރިކްޝަންސްތަކެއް ހުންނާނެ، އަދި މިހާރު އަމަލުކުރެވޭ އުސޫލުގެ ދަށުން ކުރަންޖެހޭ މަސައްކަތް ކޮށްގެން ނުވަތަ ފުރަންޖެހޭ ފޯމުތަކާއި އެއިންނަ ޕްރޮސެސް ފުރިހަމަކޮށްގެން އެއްރަށުން އަނެއް ރަށަށް ދެވޭނީ.ހެލްތު މިނިސްޓްރީގެ އެސިސްޓެންޓް ޑިރެކްޓަރ އައިމިނަތު ޝައިނާ އަބްދުﷲ
އެހެންނަމަވެސް، އަދިވެސް މާލެއިން ކޮވިޑް-19ގެ ކޭސްތައް ފެންނަމުންދާތީ މާލެއަށް އަންނަން ބޭނުންވާ ފަރާތްތަކާއި މާލެއިން ރަށްރަށް ދާން ބޭނުންވާ ފަރާތްތަކުން އަމަލު ކުރަންޖެހޭނީ މިހާރުވެސް ކަނޑައެޅިފައިވާ އުސޫލުތަކާއި އެއްގޮތަށް ކަމަށް ޝައިނާ ވިދާޅުވިއެވެ.
މާލެ ސިޓީގެ ލޮކްޑައުންއަށް ފަހު، އެނބުރި ރަށްރަށަށް ދާ މީހުން ރަށަށް ދިއުމަށްފަހު ގޭގައި ކަރަންޓީން ކުރެވޭގޮތަށް ހަމަޖެހިފައިވާ ކަމަށް އެޗްޕީއޭއިންވަނީ ބުނެފައެވެ. މި އުސޫލުގައި ބުނެފައިވަނީ މާލޭގައި ލޮކްޑައުންވެފައިވާ ފަރާތްތައް އެނބުރި ރަށަށް ދިއުމަށްފަހު، ގޭގައި ކަރަންޓީނު ކުރުމަށް ހަމަޖެހިފައިވަނީ 24 ދުވަހަށް ކަމަށެވެ.
މީގެ އިތުރުން ކޮވިޑް ނެތް ރަށްތަކުގެ މެދުގައި ދަތުރުކުރެވުމުގެ ހުއްދަ ދެވުމާއި އެކު ޑޮމެސްޓިކް އެއަރޕޯޓުތައް ހުޅުވާލުމަށްވެސް ވަނީ ނިންމާފައެވެ.