ޖޫން މަހުގެ 15 ވަނަ ދުވަހުން ފެށިގެން، ފަތިހު 5:00ން ފެށިގެން ގޮސް ރޭގަނޑު 10:00ށް އެއްވެސް ހުއްދައަކާއި ނުލާ މަގުމަތީގައި އުޅެވޭނެކަން ސަރުކާރުން އިއުލާންކޮށްފިއެވެ.
ލޮކްޑައުން އަށް ދޭން ނިންމި ލުއިތަކާއި ގުޅޭ ގޮތުން ބުރާސްފަތި ދުވަހުގެރޭ ނެޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހެލްތް މިނިސްޓްރީގެ އެސިސްޓެންޓު ޑިރެކްޓަރ އައިމިނަތު ޝައިނާ އަބްދުﷲ ވިދާޅުވީ، ޖޫން މަހުގެ 15 ވަނަ ދުވަހުން ފެށިގެން ހުއްދަ ނެތި ބޭރަށް ނިކުމެ އުޅެވޭނީ ހެނދުނު 5:00 އިން ރޭގަނޑު 22:00ށް ކަމަށެވެ.
އެކި އުމުރުފުރާތަކަށް ހާއްސަ ކުރެވިގެން ބޭރަށް ނިކުމެވޭ ގަޑިތަކެއް ކަނޑައަޅާފައިވާއިރު، އުމުރުން ދުވަސްވި ފަރާތްތަކަށް ބޭރަށް ނިކުމެވޭނެ ހާއްސަ ގަޑިތަކަކީ ހެނދުނު 6:00 ން 8:00 އަށެވެ. ކުޑަކުދިންނަށް ބޭރަށް ނިކުމެ އުޅެން ހާއްސަ ކޮށްފައިވަނީ ހަވީރު 16:00 ން 18:00 އަށެވެ.
ކަސްރަތުކުރަން ބޭނުންވާ ފަރާތްތަކަށް ހާއްސަ ކޮށްފައިވަނީ ރޭގަނޑު 18:00 އާއި 21:00 އާ ދެމެދު އެވެ. އެންއީއޯސީން ވަނީ، ޖޫން 15އިން ފެށިގެން ބޭރުތެރޭގައި އުޅޭއިރު އާއްމުން އަމަލުކުރާނެ ގޮތުގެ ''ރެކޮމެންޑޭޝަންސް'' ތަކެއް ކަނޑއަަޅާފައެވެ. އޭގެ ތެރޭގައި ތިން މީހުންނަށްވުރެ ގިނަ މީހުން އެއް ތަނެއްގައި އެއްވެ ނޫޅުން ހިމެނެއެވެ.
ހެލްތް މިނިސްޓްރީން ވަނީ، ބޭރުގައި އުޅޭއިރު ވީހާވެސް ބޮޑަކަށް އަތްދޮވެ ސެނެޓައިޒް ކުރަން ބާރުއަޅާފައެވެ. އަދި ހިދުމަތް ދޭ ތަންތަނުގައިވެސް އެ ކަންތައްތައް ކުރެވޭނެ އިންތިޒާމް ހަމަޖެއްސުމަށް އެންއީއޯސީން ވަނީ ބާރުއަޅާފައެވެ. ފިހާރަތަކުގައި ބޭރުގައިވެސް އެ ތަންތަނަށް އެއް ފަހަރަކާއި ވަދެވޭ މީހުން އަދަދު ފެންނަ ގޮތަށް ހުންނަ ޖެހޭނެއެވެ.