ހއ. ހޯރަފުށީ އެއާޕޯޓުގެ 83 އިންސައްތަ މަސައްކަތް ނިމިއްޖެއެވެ.
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ބުނީ ހޯރަފުށީގެ އެއާޕޯޓުގެ މަސައްކަތް ވަރަށް ބާރު ސްޕީޑްގައި ކުރިއަށްދާ ކަމަށާއި، މިހާރު ވަނީ 83 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށެވެ.
އެމްޓީސީސީން ބުނީ ރަންވޭގައި ތާރު އެޅުމަށް ބޭނުންވާ ހިލަ އަދި އެހެނިހެން ސާމާނު ހޯރުފުއްޓަށް ގެންދިއުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ. މި މަޝްރޫއުގެ ދަށުން ހޯރަފުށީ އެއާޕޯޓުގައި 1.2 ކިލޯމީޓަރުގެ ރަންވޭއަކާއި 8635 މީޓަރުގެ އޭރިއާއެއްގައި އޭޕްރަންއާއި ޓެކްސީވޭއެއް ތަރައްގީ ކުރާނެ ކަމަށް އެމްޓީސީސީން ބުނެއެވެ.
މީގެ އިތުރުން އެމްޓީސީސީން ބުނީ އެއާސައިޑް ރޯޑާއި ލޭންޑް ސައިޑް ރޯޑު ތަރައްގީކޮށް ފަޔާއެކްސެސް ރޯޑު ތަރައްގީކޮށް އެއަރޕޯޓު ސަރަހައްދު ވަކިކުރުމަށް ފެންސް ޖަހާނެއެވެ.
ހޯރަފުށި އެއަރޕޯޓް އަޅަމުން ގެންދަނީ އެ ރަށު ފަޅުން ބައެއް ހިއްކައިގެންނެވެ. މިހާރު އެއަރޕޯޓު އަޅަން ބޭނުންވާ ބިމުގެ ސަރަހައްދު އެއްކޮށް ހިއްކާ ނިމިފައިވާ ކަމަށް އެމްޓީސީސީއިން ބުނެއެވެ. މި އަހަރުގެ ސެޕްޓެމްބަރު މަހު ހޯރަފުށި އެއަރޕޯޓުގެ މަސައްކަތް އެއްކޮށް ނިންމާލެވޭނެ ކަމަށް މީގެ ކުރިން އެމްޓީސީސީން ބުނެފައިވެއެވެ.
ހޯރަފުށީގައި އަޅަން ނިންމި އެއާޕޯޓަކީ ނިމިދިޔަ ސަރުކާރުން މާފިނޮޅުގައި އަޅަން ނިންމި އެއާޕޯޓެކެވެ. ހޯރަފުށީގައި އެއާޕޯޓް އެޅުމާ އެކު ރާއްޖޭގެ އެންމެ އުތުރަށް ދަތުރު ކުރުމަށް ލުއި ފަސޭހަކަން ލިބިގެންދާނެއެވެ. އާބާދީގައި 3،000 ވުރެ ގިނަ މީހުން ރަޖިސްޓްރީވެފައިވާ ހޯރަފުށީގައި އެއާޕޯޓް އެޅުމުން، އެ ރަށާ ކައިރީގައި އޮތް އިހަވަންދޫއަށް ވެސް ފަސޭހަތަކެއް ލިބިގެންދާނެއެވެ. އެގޮތުން ލޯންޗުގައި ތިން މިނެޓުން ފަސޭހަކަމާ އެކު އިހަވަންދޫއިން ހޯރަފުށީ އެއާޕޯޓަށް އާދެވޭނެއެވެ. އަދި ހޯރަފުށީ އެއާޕޯޓުގެ ސަބަބުން އެންމެ ބޮޑު ފަސޭހަތަކެއް ވެގެންދާނެ ދާއިރާގެ ދެ ރަށަކީ ތުރާކުނާއި އުލިގަމެވެ.
ޖުމްލަ 198 މިލިއަން ރުފިޔާ ހަރަދުކޮށްގެން ހިންގާ މި މަޝްރޫއު އެމްޓީސީސީއާ ހަވާލުކުރެވި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ 2019 ވަނަ އަހަރުގެ މާޗް މަހުގެ 25 ގައެވެ. އަދި އެ މަސައްކަތް އެ އަހަރުގެ މާޗް 31ގައި ފައްޓަވައިދެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއެވެ.