ކ. މާލެ
|
11 ޖޫން 2020 | ބުރާސްފަތި 19:12
އީޔޫގެ ހާރިޖީ ގުޅުންތަކުގެ ކުރީގެ އިސް މަންދޫބު ފެޑެރީކާ މޮގެރީނީ އާއި ހާރިޖީ ވަޒީރު މާލޭގައި ބޭއްވެވި ބައްދަލުވުމެއްގެ ތެރެއިން
އީޔޫގެ ހާރިޖީ ގުޅުންތަކުގެ ކުރީގެ އިސް މަންދޫބު ފެޑެރީކާ މޮގެރީނީ އާއި ހާރިޖީ ވަޒީރު މާލޭގައި ބޭއްވެވި ބައްދަލުވުމެއްގެ ތެރެއިން
ޔޫރަޕިއަން ޔޫނިއަން
އީޔޫއިން ރާއްޖެއަށް ފޯރުކޮށްދޭ އެހީ
ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި އީޔޫގެ އިތުރު އެހީ ލިބިގެން ދާނެ: ޝާހިދު
 
ރައީސް ސޯލިހުގެ ސަރުކާރުގައި ބިލިއަން ރުފިޔާއާ ގާތްކުރާ އަދަދަކަށް އިޔޫއިން އެހީ ވެދީފައިވޭ
 
އިތުރު އެހީ ލިބޭނެ ކަމަށް ބެލެވެނީ ޔޫރަޕިއަން އިންވެސްޓްމަންޓް ބޭންކް މެދުވެރިކޮށް
 
ޝާހިދު މަޝްވަރާކުރެއްވީ އީޔޫގެ އިސް މަންދޫބާ ޖޯސެފް ބޮރެލް ފޮންޓެލްސްއާއެކު

ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި ވިލާތުގެ އިއްތިހާދު (އީޔޫ) އިން ޔޫރަޕިއަން އިންވެސްޓްމަންޓް ބޭންކް މެދުވެރިކޮށް ރާއްޖެއަށް ދޭން ކަނޑައަޅާފައިވާ އިތުރު އެހީގެ ކަންކަން ނިމިގެން ދާނެ ކަމަށް ހާރިޖީ ވަޒީރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ހާރިޖީ ވަޒީރު މިހެން ވިދާޅުވީ، އީޔޫގެ ހާރިޖީ ގުޅުންތަކާއި ސަލާމަތީ ސިޔާސަތާއި ގުޅޭ އެންމެ އިސް މަންދޫބު ޖޯސެފް ބޮރެލް ފޮންޓެލްސްއާއެކު ކުރެވުނު މަޝްވަރާތަކަށް ފަހު ކުރެއްވި ޓްވީޓެއްގައެވެ. އެގޮތުން، އީޔޫ އާއި ދިވެހިރާއްޖެއާ ދެމެދު އޮތް ބަދަހި ގުޅުނު އިތުރަށް ވަރުގަދަކުރުމާއި ގުޅޭގޮތުން ދެ ބޭފުޅުން މަޝްވަރާކުރެއްވި ކަމަށް ޝާހިދު ވިދާޅުވިއެވެ.

މަޝްވަރާ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޝާހިދު ވަނީ، ކޮވިޑާ ދެކޮޅަށް ދިވެހި ސަރުކާރުން ކުރާ މަސައްކަތަށް އީޔޫއިން ވަމުން ގެންދާ އެހީތަކަށް ޝުކުރު އަދާކުރައްވާފައެވެ. އީޔޫއިން ވަނީ ކޮވިޑް-19އާ ދެކޮޅަށް ދިވެހި ސަރުކާރުން ކުރާ މަސައްކަތަށް އެހީތެރިވުމުގެ ގޮތުން މިހާތަނަށް 3 މިލިއަން ޔޫރޯ (52.85 މިލިއަން ރުފިޔާ) ގެ ހިލޭ އެހީ ވެދީފައެވެ.

މޫސުމަށް އަންނަ ބަދަލުތަކާއި، ކައުންޓަރ-ޓެރަރިޒަމް އަދި ދިމުގްރާތީ ނިޒާމު ހަރުދަނާ ކުރުމަށް ދިވެހި ސަރުކާރުން ކުރަމުންގެންދާ މަސައްކަތްތަކަށް ތައުރީފުކުރައްވަމުން ބޮރެލްސް ވަނީ، މި ދާއިރާތަކުގައި އީޔޫއާއި ރާއްޖެ ގުޅިގެން އިތުރު މަސައްކަތްތަކެއް ކުރަން ޝައުގުވެރިވެލައްވާ ކަމަށް ވިދާޅުވެފައެވެ. އަދި ދެ ފަރާތަށް ވެސް ފައިދާހުރި ކަންކަމުގައި އިތުރަށް ގުޅިގެން މަސައްކަތްކުރުމަށް އެއްބަސްވެވަޑައިގެންނެވިއެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ އީޔޫއާއެކު އޮތް ގުޅުން އިތުރަށް ބަދަހިވެ، ތިމާވެށި ރައްކާތެރިކުރުމުގެ ދާއިރާއިންނާއި ޓެރަރިޒަމާ ދެކޮޅަށް ކުރާ މަސައްކަތުގައި އެހީތެރިވެދިނުމަށް ފައިސާގެ އެހީ ވެދީފައިވެއެވެ. އެގޮތުން ހިލޭ އެހީ އާއި ލޯނު އެހީގެ ގޮތުގައި ރާއްޖެއަށް މިހާތަނަށް ބިލިއަން ރުފިޔާއާ ގާތްކުރާ އަދަދަކަށް އެ އިއްތިހާދުން ވަނީ އެހީ ވެދީފައެވެ.

އީޔޫއިން އެންމެ ގިނަ އަދަދަކަށް ފައިސާގެ އެހީ ދީފައިވަނީ، އިޔާދަކުރަނިވި ހަކަތައިގެ ވަސީލަތްތައް އުފެއްދުމަށެވެ. އެގޮތުން ޔޫރަޕިއަން އިންވެސްޓްމަންޓް ބޭންކް މެދުވެރިކޮށް ދީފައިވާ 779 މިލިއަން ރުފިޔާގެ ލޯނަކާއި 86.5 މިލިއަން ރުފިޔާގެ ހިލޭ އެހީ އެ އިއްތިހާދުން ވަނީ ރާއްޖެއަށް ފޯރުކޮށްދީފައެވެ.

0%
0%
0%
50%
0%
50%
ކޮމެންޓް