މިނިސްޓަރ އޮފް ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓްގެ މަގާމުގައި ހުންނެވި އާމިނަތު ޢާޠިފާ, އެ މަގާމުން އިސްތިޢުފާ ދެއްވުމާއިއެކު މިނިސްޓްރީ އުވާލައި, މިނިސްޓްރީގެ މަސައްކަތްތައް ޕްލޭނިންގް މިނިސްޓްރީގެ ދަށަށް ބަދަލުކޮށްފިއެވެ.
މިކަމާއި ގުޅިގެން ރައީސް އޮފީހުން ބުނެފައިވަނީ، އެކަމަނާގެ އިސްތިޢުފާގެ ސިޓީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް ލިބިވަޑައިގަތުމާ ގުޅިގެން، ވަޒީރުކަމުގެ މަގާމުގައި ހުންނަވައިގެން އާމިނަތު ޢާޠިފާ ކޮށްދެއްވި އިޚްލާޞްތެރި ޚިދުމަތްތަކަށް ރައީސް ޝުކުރުއަދާކުރައްވާފައިވާކަމަށެވެ.
ރައީސް އޮފީހުން ބުނިގޮތުގައި އާމިނަތު ޢާޠިފާ މިނިސްޓަރ އޮފް ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓްގެ މަގާމުން އިސްތިޢުފާ ދެއްވީ އެކަމަނާގެ ޞިއްޙީ ހާލުކޮޅު ހުރި ގޮތުން އެމަގާމުގެ ވާޖިބު އަދާކުރެއްވުމަށް ޢުޒުރުވެވަޑައިގަންނަވާތީއެވެ. އެކަމަނާގެ ޞިއްޙީ ހާލުކޮޅު ރަނގަޅުވަމުންނުދާތީ އެކަމުގެ މަޢުލޫމާތުވެސް އެކަމަނާ ރައީސް ސޯލިހާއި ހިއްސާ ކުރެއްވި ކަމަށް ރައީސް އޮފީހުން ބުނެއެވެ.
މިނިސްޓަރު އާތިފާގެ އިސްތިއުފާއާއެކު ރައީސް ސޯލިހް ވަނީ ހައުސިން މިނިސްޓްރީ އުވާލައްވައި، މިނިސްޓްރީގެ މަސައްކަތްތައް ޕްލޭނިންގ މިނިސްޓްރީއަށް ބަދަލުކޮށްފަ އެވެ.
ރައީސް އޮފީހުން ބުނީ މިގޮތަށް ހަމަޖެއްސެވުމާ ގުޅިގެން ކުރިން މިނިސްޓްރީ އޮފް ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓުން ކުރައްވަމުން ގެންދެވި އެންމެހައި މަސައްކަތްތައް ދެން ކުރައްވަމުން ގެންދަވާނީ، މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން ކަމަށެވެ. އަދި އެ މަސައްކަތްތައް ކުރެއްވުމަށްޓަކައި މިނިސްޓްރީ އޮފް ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓްގައި ތިބި މުވައްޒަފުން އާ މިނިސްޓްރީއަށް ބަދަލުކުރެއްވުމަށް ވަނީ ނިންމަވާފައިކަމަށް ރައީސް އޮފީހުން ބުންޏެވެ.
މިނިސްޓަރު އާތިފާ ވަޒީރުކަމުގެ ހުވާކުރެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ފުރަތަމަ ވަޒީރުންގެ މަޖިލީހުގެ މެމްބަރުންގެ ތެރޭގައި 17 ނޮވެމްބަރު 2018 ގަ އެވެ. އެކަމަނާ ވަޒީރުކަމަށް ވަޑައިގެންނެވީ އެމްއާރުއެމްގެ ސްލޮޓެއްގަ އެވެ.